ކޯރު ހެދިފައި އޮތީ ފަރުބަދައިގެ މަތިންނެވެ. ކޯރުގެ ފެންގަނޑު ތިރިޔަށް ދެމެމުން ދިޔައިރު ރަންރީނދޫ ކެހެރީގެ ސިންގާ އޮތީ މަތީގަ އެވެ. ކަޅު ކެހެރީގެ މުސަޅު އޮތީ ތިރީގަ އެވެ. ސިންގާ އޭގެ ހަރު އަޑުން މުސަޅަށް ގޮވައިލި އެވެ.
"އަހަރެން ބޯން އޮތް ފެންގަނޑު ނުބައިކަލޭގެ ކިލަނބު ކުރަނީ ހެއްޔެވެ؟"
"ސާހިބާ އެވެ! ތިޔަހެންވާނީ ކިހިނަކުންތޯ އެވެ؟ ފެންގަނޑު އޮހިގެން އަންނަނީ މަތިން ތިރިއަށެވެ. ސާހިބާ ތިޔަ އޮންނެވީ މަތީގައި ނޫންތޯ އެވެ؟"
ސިންގާ ފެލިގަތެވެ؛ "ތިޔަހެންޏާ މިދިއަ އަހަރު ކަލޭގެ އަމާ މި ފެންގަނޑު ކިލަނބު ކުރި އެވެ!"
"ސާހިބާ އެވެ. މިދިއަ އަހަރުގެ ކުރީ އަހަރު އަޅުގަނޑުގެ އަމާ މަރުވެއްޖެ އެވެ!"
"ތިޔަހެންޏާ، އެވާނީ ކަލޭގެ ބޭބެ ނޫނީ ކޮއްކޮއެއް ކަމަށެވެ."
"ސާހިބާއެވެ! އެހެންވެސް ވާނީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުގެ ދޮއްޓަށް ވެސް އަދި ހަގަށް ވެސް މީހަކު ނުހުރެ އެވެ."
މުސަޅުގެ ޒުވާބު އަހައިފައި ސިންގާގެ އަޑު ފަޅައިގެން ދިޔަ އެވެ. "އެހެންވިޔަސް މިއަދު ކަލޭ ކައިލުން ނޫން ގޮތެއް ނެތެވެ!"
ރައްދުގައި މުސަޅު ބުނަނީ "ސާހިބާ ކުރިން ވެސް ތިޔަހެން ވިދާޅުވި ނަމަ ހުރިހާ ވާހަކައެއް ނުދައްކަވައި ފަރުޖައްސައިލެވުނީސް ނޫންތޯ އެވެ؟ މިހާރު ތިޔަވީ ގޮތުން ބޭކާރު ކަމެއްގައި ކޯފާވާން ހައްދަވައިގެން އަޅުގަނޑު އެކަނި ކައިލައިގެން ވެސް މުއްތި ނުވާވަރަށް ތިޔައޮންނެވީ ހައިވެފަ އެވެ."
ސިންގާގެ ނިޔަތަކީ ބަހަނާއެއް ދައްކައިގެން ނަމަހީވެސް މުސަޅު ދިރުވައިލުމެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ބައިވެރި ނުވެވޭ ގޮތް ހަދާން ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ އެކަމާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އިހުތިޖާޖު ކުރާން އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ގަރާރެއް ފާސްކުރީ ސިންގާގެ އުސޫލުން ބަހާނާ ދައްކާން ވެގެންނެވެ. އެމްޑީޕީން ބުންޏަސް އެހެންވާނީ ކިހިނަކުންތޯ އެވެ؟ މީހުންގެ މައްޗަށް ޝަރީއަތް ހިންގަނީ ސަރުކާރަކުން ނޫން ވިއްޔާ އެވެ.
ކޯނީގެ ރިޕޯޓްގައި ރައީސް ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ނިންމައިފައިވާތީ ސަރުކާރުގައި ބައިވެރިވާން ބޭނުންވާ ކަމަށް އެމްޑީޕީން ބުނާއިރު މީގެ ކުރިން ވެސް އެ ފުރުސަތު އޮތެއް ނޫންތޯ އެވެ؟ މިހާރު އެހެންވާނީ ކިހިނަކުންތޯ އެވެ؟ ދެން ބުނާނީ މިއީ އެމްޑީޕީގެ ކޯލިޝަން ސަރުކާރެކޭ އެވެ. އެހެންވީމާ އެމްޑީޕީއަށް ޖާގަ އޮންނާން ޖެހޭނެއޭ އެވެ. ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އާއި އަދާލަތާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ ސަރުކާރުގައި ތިބެފައި ޕީޕީއެމާއި ޑީއާރްޕީ ވާންޖެހޭނީ އިދިކޮޅު ޕާޓީއަށޭ އެވެ. ސަރުކާރުގެ މިނިސްޓްރީތަކެއް އެމްޑީޕީއަށް ލިބޭން ޖެހޭނެ ކަމަށް ވެސް ބުނެފާނެ އެވެ. އެހެންވެސް ވާނީ ކިހިނަކުންތޯ އެވެ؟ އެހެން ހަދާނަމަ އާ މިނިސްޓްރީ އުފައްދާން ޖެހެ އެވެ. ނޫނީ މިހާރުގެ ބައެއް ވަޒީރުން ވަކި ކުރާން ޖެހޭނެ އެވެ. މިއިން އެއްވެސް ގޮތަކީ ވާން ނެތް ކަންކަމެވެ. އެއާއެކު ސަރުކާރުގައި އެމްޑީޕީ ބައިވެރި ނުކުރާނެކަން ރައީސް ވަހީދު މިހާރު އެވަނީ އިއުލާން ކުރައްވައިފަ އެވެ.
ހަގީގަތުގައި އެމްޑީޕީގެ ގަސްދަކީ ނުވާނެހާ ކޮޅު ދައްކައިގެން ގުޖަޑު ހެދުމެވެ. ސަރުކާރުގައި ބައިވެރިވުމެއް ނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން އަބަދުވެސް މަގުމަތީގައި ތިބުމެވެ. އެއީ އެމްޑީޕީގެ ލީޑަރުން ބޭނުންފުޅުވާ ގޮތެވެ. މިހުރިހާ ވާހަކައެއް ދައްކަވައިފައި ދެން ވިދާޅުވާނީ ތިމަންނާމެނީ ސުލްހައަށް މަސައްކަތް ކުރާ މީހުންނީމު އެވެ. ތިމަންނާމެން އެއްބައިވާން ދިޔައިމާ އިއްތިހާދު ސަރުކާރުން ދެކޮޅުވެރިވެގަތީ ކަމަށެވެ. ދެން ތިމަންނާމެން ނުކުންނާނީ ސީދާ ކުއްލި ހަރަކާތަށޭ އެވެ.
ސަރުކާރުގައި ބައިވެރިވާން ބޭނުން ކަމަށް ބުނާ ވާހަކައަކީ ސިންގާ ދައްކާ ކަހަލަ ހިންތާ ވާހަކަ އެވެ. ކޯނީގެ ރިޕޯޓަށް ފަހު މަގުމައްޗަށް ނުކުންނާން ބަލާއިރު ދެމެދަށް ފާރުލެވިފައި އޮތުމުން ފާރު ވައްޓައިލާފައި މަގަށް ނުކުންނާނެ ބަހަނާއެއް ދައްކަނީ އެވެ. ކޮންމެ ގޮތެއް ހަދައިގެން ވިޔަސް މަގަށް ނުކުމެވޭނެ ގޮތެއް ތަނަވަސްކުރަނީ އެވެ. އެމްޑީޕީގެ ލީޑަރުން ބޭނުން ވަނީ އަބަދުވެސް ރީނދޫ ލަޝްކަރު މަގުމަތީގައި ރުކުރުވާލަައިފައި ބާއްވާށެވެ.
***
ދުނިޔޭގެ ކިރިކެޓް މުބާރާތުގެ ފައިނަލްގައި އޮސްޓްރޭލިޔާ އަތުން ޕާކިސްތާނު ބަލިވި އެވެ؛ ނަތީޖާ ނުކުތް ގޮތުން ލިބުނު މާޔޫސް ކަމުގައި ޕާކިސްތާނު އެތައް މިލިޔަން ރައްޔިތުނެއް ތިބީ ފޮޓޯއެއްހެން ހުއްޓިފަ އެވެ. އެ ދަނޑިވަޅުގައި ނޫސްވެރިން ކެޕްޓަން ވަސީމް އަކުރަމް ވަށާލައި، ޕާކިސްތާނުގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައި ހެއްޔޭ ސުވާލު ކުރި އެވެ. ވަސީމް އަކުރަމު ބުނީ "ވާދަ ކުރުމުގައި މޮޅުވާނީ ކޮންމެވެސް އެއް ބައެކޭ އެވެ. ޕާކިސްތާނު މީހުން އުފާ ކުރާށެވެ. މިއަދު ޕާކިސްތާނަކީ ކިރިކެޓް ޖެހުމުގައި ދުނިޔޭގެ ދެވަނަ އެވެ." އޭނާ އެހެން ބުނުމާއެކު ޕާކިސްތާނުގެ ރައްޔިތުން ކަރުނަތައް ފޮހެލި އެވެ. ވާގިލައިފައި އަތްތިލަ ބަޑިޖަހައިގަތެވެ. އެއީ ދުނިޔޭގެ އެއްވަނަ ޓީމު ކަމުގައި ނުވިޔަސް ދެވަނަ ޓީމު ކަމުގައި ވުމުން، ދެން ދުނިޔޭގައި ކިރިކެޓު ޖަހާ އެހެން ގައުމުތަކަށް ވުރެ މަތީ މަގާމެއް ލިބިފައިވާ ކަމުގެ ހިތްހަމަ ޖެހުމާއެކުގަ އެވެ. ނާކާމިޔާބުގައި ހިތްވަރު ލިބިގަންނަނީ މިހެންނެވެ.
ރާއްޖޭގައި މަޝްހޫރު ފުޓްބޯޅަ ކޯޗު އަބްޖީ ވިކްޓަރީއަށް ކޯޗު ކޮށްދިން ޒަމާނުގައި ވިކްޓަރީ ބަލިވާ ދުވަސް ދުވަހު އޭނާ ވިދާޅުވާ ވާހަކައެއް އޮވެ އެވެ؛ "ވިކްޓަރީގެ ސަޕޯޓަރުން ދަތްދޮޅިތައް އުފުލާށެވެ! ކެނެރީގެއިން ނުކުތް ވިކްޓަރީ ބައްޔެއް ނުވެ އެވެ! އެކަމަކު ޖަނަވަރީމާގެ އިން ނުކުތް ވެލެންސިޔާ މިއަދު މޮޅުވީ އެވެ!" އިންޓަވިއުގައި އޭނާ އެހެން ވިދާޅުވާއިރު މާޔޫސްވެފައި ތިބޭ ވިކްޓަރީގެ ސަޕޯޓަރުން ރަތާއި ރީނދުލުގެ ދިދަތައް ވިހުރުވައި ޖޯޝް ދައްކާލަ އެވެ. މިހުންނަނީ ނާކާމިޔާބުގައި ލީޑަރުން ހިތްވަރު އާކޮށްދީ އަޒުމު ވަރުގަދަ ކޮށްދޭ ގޮތެވެ.
ސިޔާސީ މައިދާނުގައި ވެސް ކަން ހިނގާނީ މި އުސޫލަށެވެ. އަބަދުވެސް އޮންނާނީ މޮޅުވުމަކާއި ބަލިވުމެކެވެ. ތަފާތު ސަބަބުތަކާހުރެ މިފަހަރު އެމްޑީޕީއަށް މި ގޮތް މެދުވެރިވީ އެވެ. އޭގެ ބަދަލުގައި މިއީ ރީނދޫ ލަޝްކަރާއެކު ގުންފައިޖަހާފައި މަގުމައްޗަށް ނުކުންނާވީ ވަގުތެއް ނޫނެވެ. މިއަދު އެމްޑީޕީ އުފާ ކުރާންވީ އެވެ. ތިޔައީ ރާއްޖޭގެ ފަހުރުވެރި އިދިކޮޅު ޕާޓީ އެވެ. ތިޔައީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެވެ. ތިޔަ ޕާޓީގެ ލީޑަރުން ޒައާމަތު ދައްކުވައިދޭންވީ އެވެ. އަލުން ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދައި 2013 ގައި އެސަންދާނަށް އައުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގަރާރު ފާސް ކުރަންވީ އެވެ. ގަނޑިޔަ! އެމްޑީޕީއެއް ނުފެތެ އެވެެ. އެކަމަކު އެމްޑީޕީއަކީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއްކަން މި ގަދައިގައި ސާބިތުކޮށްދޭންވީ އެވެ.
ކުޑަރަދީފު
_____
* ހިންތާ: ނ. 1. މަކަރު 2. އިޔަހޫދި 3. ހީލަތް
* ފޮޓޯއެއްހެން ހުއްޓުން: މ. ގަނޑުވުން
* ގަނޑިޔަ: އ. ކަންކަމުގައި އިދިކޮޅަށް ވާދަކުރާއިރު ބަސް ގަދަކުރާށާއި ހިތްވަރުދޭން ބުނާ ބަހެއް