ބިގަރު ނިވޭންވީމާ އަލިގަދަވެފައި ފަޅައިގެންދާނީ މެންޓެއްޔެވެ!

އަވައްޖެއް ވެއްޖިއްޔާ މާލެ ވަށައި ބުރެއް ޖަހައިލުމަކީ އަޅުގަނޑުގެ އުފަލެކެވެ. މޮޓަރަކު ނޫނެވެ. ހަމަ ހިނގައިފައެވެ. ހުކުރު ދުވަހު އަޅުގަނޑު ބުރު ފަށައިފީމެވެ. ނިންމީ އުސްފަސްގަނޑު ކުރިމައްޗަށެވެ. އަޅުގަނޑު ހަމަ މަޑުކޮށްލުމާއެކު މީހަކު ގޮވައިލައިފި އެވެ. ފޭބީ އުސްފަސްގަނޑުންނެވެ. ސަލާމްކޮށްފައި "މިމީހެއް އެނގޭ ހެއްޔޭ؟ މީއެކައްޗެކޭ ކަންފަތް އާއިލާ އޭ" ބުނެފި އެވެ. އަޅުގަނޑު ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ސަބަބަކީ އަޅުގަނޑުގެ ނިސްބަތްވާ އާއިލާއަކީ ލ. އަތޮޅުގައި މަޝްހޫރު އާއިލާއަކަށް ވެފައި އެ އާއިލާއަށް "ކަންފަތްގޭ އާއިލާއޭ" ކިޔައި އުޅޭތީ އެވެ. ދެކެ ފަރިތަ ނޫނަސް އެއާއިލާގެ މީހަކާ ދިމާވީމާ މަޑު ނުކޮށް ހިނގައިގަންނާކަށް ނުކެރުނެވެ.

ވަގުތު ނަގައި ނުލައި އޭނާ އަޅުގަނޑާ ކުރި ސުވާލަކީ އެމްޑީޕީއަށް މިވީ ކިހިނެއްހެއްޔޭ އެވެ؟ އުސްފަސްގަނޑަށް އިޝާރާތެއް ކޮށްފަ އެވެ. އަޅުގަނޑަށް ބުނެވުނީ ވީގޮތް މިއޮތީ ފެންނާން ނޫންހެއްޔޭ އެވެ؟ މީހަކު ވެސް ނެތެއް ނޫން ހެއްޔޭ އެވެ؟ އޭނާ ބުންޏެވެ. އިރުފޮހުނީމާ މީހުން އަންނާނެ އެވެ. އަދި ބުންޏެވެ؛ ތިޔަހެންޏަ، ބުނެބަލާށެވެ. ރައީސް ނަޝީދަށް މިވީ ކިހިނެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ތިޔަ ކުރި ދެ ސުވާލަށާއި ހަ ގަޑި ބައިގައި އަންނަ މީހުންގެ ވާހަކައަށް ޖަވާބެއް ދޭނަމެވެ. އިތުރު ސުވާލު ނެތިއްޔާ އަޅުގަނޑު ދާން ކަމަށެވެ.

"އުސްފަސްގަނޑަށާއި އެމްޑީޕީއަށްޖެހުނީ ބިގަރަށް ޖެހޭ ހާލު!" އަޅުގަނޑު ބުނެފީމެވެ.
"ބިގަރަށް ވަނީ ކިހިނެއް؟" އޭނާ ވެސް އެހި އެވެ.
ބިގަރަކީ މެންޓެލި އަޅުވައި އެ ރޯކުރުމަށްފަހު ގުންބާކުރީމާ ހުދު ކުލައިގައި ގަދަ އައްޔެއް ފަތުރައިދޭ ބައްތިއެކެވެ. ހަގީގަތުގައި އެއީ "ބިގާ ލޭމްޕް" އެވެ. ބޮޑު ސިންގާހާ އެ ބައްތީގެ ނަން ދިވެހިވެ، ބިގަރޭ ކިޔަނީ އެވެ. ބިގަރުގެ އަލި އޮއްސައިލައިފައި އޮންނަ އިރު ހިސާބުގަނޑުން ދާ މީހާ ވެސް އެ އަލީގައި މަޑުކޮށްލާން މަޖުބޫރު ކުރުވާ ފަދަ ރީތި އައްޔެއް އޮންނާނެ އެވެ. ހަމަ އެހެން ބިގަރަށް ދިޔައިމާ އޭގެ އައްޔަށް މަސްގަނޑު އޮލަވެ ފުމެގަންނާނެ އެވެ. ދިއްލައިގެން އެން ހިފާން ވެސް ބިގަރު ގެންދާނެ އެވެ. ބިގަރު ދިއްލައިލުމާއެކު ފެންމައްޗަށް ހޮނޑައްޔާއި މިޔަރެން އޮލަވެއެވެ.

އެއް މެންޓެލީގައި ދުވަސްގަނޑެއް ވާންދެން ބިގަރު ހިފަހައްޓާނެ އެވެ. ބިގަރު ނިވޭންވީމާ އަސްލު އައްޔަށް ވުރެ، ސާފު ހުދު އައްޔެއް ނުކުމެފައި މެންޓެލި ފަޅައިގެން ދާނީ އެވެ. ދެން އެ ބިގަރު ދިއްލާން ޖެހޭނީ އާ މެންޓެއްޔެއް އަޅުވައިގެންނެވެ. އެހެން ނޫނީ އޮންނާނީ އަނދިރިގަނޑެކެވެ. މީހުންނެއް ވެސް ނުތިބޭނެ އެވެ. މަހެއް ވެސް އަދި ހޮނޑައްޔެއް ވެސް ނާރާނެ އެވެ.

އެމްޑީޕީއަށް ވެރިކަން ލިބުުމުގެ ކުރިން ވެސް އަދި އެމްޑީޕީއަށް ވެރިކަން ލިބުމުގެ ފަހުން ވެސް ރައީސް ނަޝީދު ފެނުނީ ދިއްލިފައިވާ ބިގަރެއްގެ ގޮތުގައެވެ. ނަޝީދުގެ ވެރިކަން ނިމުމުން ބޮޑަށް އަލި ގަދަވެ، އެމަނިކުފާނުގެ ފަހަތްޕުޅުން ލޮނު ޒިޔާރަތްކޮޅާއި މަގުތަކާއި އުސްފަސްގަނޑަށް މީހުން އެއްވެ އޮތީ ރަކަރަކަ ލައިލައެވެ. އެކަމަކު ނަޝީދު ދެއްކެވި ވާހަކަ އާއި އެމްޑީޕީގެ ބައިލައްކައެއްހާ މީހުން ހީކުރި ގޮތާ ހަމަ އެއްވެސް ކަމެއް ދިމާ ނުވުމުން މަޑުމަޑުން މަޑުމަޑުން ގޮސް ބިގަރުގެ މިސާލުގައި އެ އެންމެން ވިއްސިވިހާލިވީ އެވެ. ދެން އެމްޑީޕީއަށް ވެސް އޮތީ ބިގަރަށް އޮންނަ އުސޫލެވެ. އާ މެންޓެއްޔެއް އަޅުވައި ގުންބާ ކުރުމެވެ. މާނައަކީ އާ ޒައާމަތެއް ގެނެސް އަލުން ރުކުރުވައިލުމެވެ. ކުރީގެ މެންޓެލި ފަޅައިގެންދިޔައިމާ އޭގެ ބޭނުން ދެން ނުކުރެވޭނެތީ އެވެ.

ދެން އޮތީ ހަގަޑި ބައި ވީމާ އުސްފަސްގަނޑަށް މީހުން އަންނާނެ ކަމަށް ބުނި ވާހަކަ އެވެ. އައްޑު އަޮތޮޅު ފޭދޫ ޑީއެންސީ މަޝްހޫރުވެގެން އައި ދުވަސްވަރު ފޭދޫގައި ފުޓްބޯޅައިގެ ވަރަށް ބޮޑު ރޫހެއް ދުވެގަތެވެ. ހަވީރު ދަނޑުގައި ޑީއެންސީގެ ކުޅުންތެރީން ތަމްރީނު ހަދާއިރު ބޯޅަ ޖަހާ ހިތްވާ އެތައް ބަޔަކު އެތަނުގައި ތިބޭ ކަމަށް ވެއެވެ. އެކަމަކު އެމީހުންނަށް ޖާގައެއް ލިބެނީ އިރުފޮހުމާއެކު ޑީއެންސީ ދަނޑުން ފައިބައިގެން ދިއުމުންނެވެ. ޑީއެންސީ ފޭބުމުން އަރާ މީހުން އަނދީރީގައި އިޝާއަށް ގޮވާންދެން ކުޅޭން ކަމަށް އުޅޭނެއެވެ. އެމީހުންނަށް އެދުވަސްވަރު ކިޔައި އުޅުނީ "ހަގަޑިބައި ޓީމެ" ވެ. މި މީހުންނަށް ބޯޅަ މާ ރަނގަޅަކަށް ޖަހާކަށް ވެސް ނޭނގޭނެ އެވެ. ބޯޅައިގައި ވާނުވާއެއް ވެސް ނޭނގޭނެ އެވެ. ހަމަ އެކަނި ބޯޅަ ޖަހާ ހިތްވެގެން އަނދިރީގައި ދުވުމަށްފަހު އެކަކު އަނެކަކަށް ޒުވާބުކޮށްފައި ދާނީ އެވެ. އުސްފަސްގަނޑުގެ މިސާލަކީ ވެސް މިއީ އެވެ. މިހާރު އެ އަންނަނީ ހަގަޑިބައި ޓީމެވެ. މިވީ ގޮތެއް ވެސް ވާން އުޅޭ ގޮތެއް ވެސް ނުދެނެ ތިބި މީހުންނެވެ. އެމީހުން އެހެން ތިބި ތިބެފައި ކޮންމެރައަކުވެސް މަހާއި ކާއްޓާ ކައިގެން ހިނގައިދާނެ އެވެ. އެއީ ހަގަޑިބައި ޓީމެވެ.

ދެން އޮތީ ރައީސް ނަޝީދަށްވީ ގޮތެވެ؛ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރު ކަމުގައި ރައީސް މުހައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނުގެ މައްޗަށް ވައްކަމުގެ ދައުވާއެއް އުފުލައިފި އެވެ. އެ ޝަރީއަތް އަޑު އަހާން ދާ ހަމައެކަނި ނޫސްވެރިއަކީ އަޅުގަނޑެވެ. މި ދެންނެވި ޝަރީއަތް އޮންނަ ދުވަސް ދުވަހު ނަޝީދު ކޯޓަށް ހާޒިރުވެ ވަޑައިގަތުމުން ކޮންމެ ދުވަހަކުވެސް ކޯޓު އޮފިސަރުން ދަންނަވާނެ އެވެ. "ޑިފެންޑެންޓްސް ކަސްޓަޑީ" ގެ ގޮޅިއަށް މަނިކުފާނު ވަދެވަޑައިގަންނަވާށެވެ. ރައީސް ނަޝީދު ވިދާޅުވާނީ އެމަނިކުފާނަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އެތަނަށް ވަދެވަޑައިގަންނަވާން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ހިނިފުޅުވަޑުވައިފައި ވިދާޅުވާނެ އެވެ. "ނިޒާރު އެވެ! އަދި އަޅުގަނޑު ކުށްވެރިއަކަށް ވެސް ނުވޭ ނޫން ހެއްޔެވެ؟"

އެހުރިހާ މަންޒަރެއް ދެކޭން އަޅުގަނޑު އިންނަމެވެ. ކޮންމެ ދުވަހަކު އެ ހުރިހާ ވާހަކައެއް ދައްކަވައިފައި އެމަނިކުފާނު އެވިދާޅުވާ ގޮޅިއަކަށް ވެސް ވަދެވަޑައިގަންނަވާނެ އެވެ. އެކަމަކު އޭގެ ކުރިން އަޅުގަނޑާ މުހާތަބުކޮށް "އާދަހަލީމް މިވާހަކަ ވެސް ވާނީ ލިޔާށޭ" ވިދާޅުވާނެ އެވެ. އަދިވެސް ވިދާޅުވާނެ އެވެ: "މައުމޫނުމެން އެއުޅެނީ އަޅުގަނޑު ހައްޔަރުކޮށް އަހުވަ ދައްކާން ބޭނުން ވެގެނެއް ނޫނެވެ! މިއީ އަޅުގަނޑު މެދުވެރިކޮށް ރައްޔިތުންނަށް ބިރުދައްކާންވެގެން މަޖަލަކަށް ކުރާ ކަމެކެވެ! މައުމޫން މެން މިކަން މިކުރަނީ ބޮޑު މަޖަލަކަށް ހައްދަވައިގެނެވެ! އެކަމަކު މަޖަލަށް ކުރާ މިކަންތައް އަޖަލާ ޖެހޭންދެން ވެސް ދެމިއޮންނާނެ އެވެ." ދެން އިސާހިތަކު ގޮޅިއަށް ވަޑައިގެންފާނެ އެވެ.

އޭރު އަޅުގަނޑު ހިތަށް އަރަ އެވެ. އެމަނިކުފާނު އެ ވިދާޅުވަނީ ހަމަ މުޅީން ތެދެވެ. ސަބަބަކީ ރައީސް މައުމޫނުގެ ސަރުކާރުގެ ވަރަށް ގިނަ ކަންކަން އޭރު ބައްޓަން ވެފައި އޮތް ގޮތުންނެވެ. ކުޑަކުޑަ ޚަބަރެއް ލިޔެލައިގެން ސިފަ މީހުން ގުންފައި ޖަހާފައި އައިސް އަޅުގަނޑު ވެސް ގެންދިޔަ ގޮތުންނެވެ. އެހެންނާ އެވިދާޅުވާ ވެލާނާގެއަކަށް އަޅުގަނޑު ވެސް ވަނީމެވެ. އަޅުގަނޑާއެކު އޭރު ޖިނާއީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ކޮއްކޯފުޅު އަދި ނޫސްވެރިޔާ، އަބްދުﷲ ޖަމީލު ވެސް ވަނެވެ. ލިބުނު އެއްޗެއް އަޅުގަނޑު ވެސް ގެންދިޔައިމެވެ. ޖަމީލު ވެސް ގެންދިޔަ އެވެ. މަންޒަރު ބަލާން މީހުން ވެސް ތިއްބެވެ. ފާރުގައި ބަލާން ހުރެގެން ރައީސް ނަޝީދުގެ މައްސަލަ ބޮޑު ކޮށްލި "ލޮލަށް" އަޅުގަނޑާއި ޖަމީލު ވެސް ފެންނާނެ އެވެ. އެކަމަކު އަޅުގަނޑުމެންނަކާ ސުވާލެއް ނުކުރެ އެވެ.

ދެން އެންމެ ރަނގަޅެވެ؛ ރައީސް ނަޝީދު ވިދާޅުވި ގޮތަށް މަޖަލަކަށް އަދި އެހެން ގޮތަކަށް ވިޔަސް ހިނގައިދިޔަ އެތައް ކަމަކަށް ފަހު، ވަޠަން އެދުނު ގޮތަށް ރައީސް މައުމޫނުގެ ވެރިކަން ވެސް ނިމުނީ އެވެ. އެކަން އެގޮތުގައި އަޖަލާ ޖެހޭން ދެން ވެސް އޮންނާނެ އެވެ.

ސައްދާދު ވާހަކައަށް ނުގޮސް ރައީސް ނަޝީދުގެ ވާހަކައިން ނިންމާން ހިފާނަމެވެ. ނަޝީދަށް ވެރިކަން ލިިބި ވަޑައިގަތުމުން ކަންކަން ކުރެއްވީ ކިހިނެއްތޯ އެވެ؟ އެ ގޮތަކާއި ކުރެއްވި ކަންތައްތަކުގެ ލިސްޓު ނަގާ މީހާއަށް ވާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު ވަރަށް ގިނަ ކަންކަން ކުރައްވައިފައި ވަނީ ހަމަ މަޖަލަށޭ ދަންނަވާން އަޅުގަނޑަށް ކެރެއެވެ. އެފަހަރަކު ހިތްޕުޅަށް އަރައި ވަޑައިގަތީމާ ކޮންމެ ފަދަ އެއްޗެއް ވެސް ވިދާޅުވަނީ އެވެ. އެއީ ކިތަންމެ ނުރައްކާތެރި ފިތަކަށް ވިޔަސް ގެންދެވީ އޮއްބަވައި ކުޅުއްވަމުންނެވެ. ހާއްސަކޮށް އިސްލާމް ދީނާ ގުޅޭ ކަންކަމުގައެވެ. އަޅުގަނޑު ހިތަށް އަރައެވެ. މައުމޫނު އިރުގެ ނޫ ގާނޫނުއަސާސީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވިނަމަ އަޅުގަނޑުމެނަށް މަޖާކަން އަދި މާ ބޮޑުތަނުން ވެސް ރަނގަޅަށް ދައްކަވައިލެއްވީހެވެ. ޖުމްލަކޮށްލީމާ ދެންނެވޭނީ ވެރިކަން ލިބި ވަޑައިގަތީމާ ނަޝީދު ވެސް ކުރެއްވީ މަޖަލޭ އެވެ. ކަންކަން ކުރެއްވީ ސަމާސާއަކަށް ހައްދަވައިގެންނޭ އެވެ. އެހެންވީމާ މަޖަލަށް ކުރެއްވިހާ ކަންކަމުން އަމިއްލަފުޅަށް ހޯއްދެވި ނަތީޖާއާއެކު އަޖަލާ ޖެހޭންދެން ވެސް ޖެހިވަޑައިގަންނަވާނީ ދިރިއުޅުއްވާން އެހެން ނޫންތޯ އެވެ؟ ވީ ގޮތަކީ ވެސް މިއީ ނޫންތޯ އެވެ؟

ކުރެވުނު ދެ ސުވާލަށް އަޅުގަނޑުދިން ދެ ޖަވާބަކީ ހަމަ އަޅުގަނޑުގެ ޖަވާބެވެ. މި ޖަވާބުތައް އެހެން މީހެއްގެ ޖަވާބާ ދިމާވާކަށް ލާޒިމެއް ނޫނެވެ. ދިމާވުން އެއީ އިއްތިފާގެކެވެ. އަޅުގަނޑުގެ ދެ ޖަވާބު ނުބައިވެގެން އަޅުގަނޑަށް ވަށިވަށިން ދިނަސް އަޅުގަނޑު ވާނީ ކަންފަތަކަށެވެ. ކަންފަތަކަށް ވުމަކީ ތިމާއަށް އަމާޒުކޮށް މީހުން ބުނާ ހުރިހާ އެއްޗެއްގެ އަޑު އިވި އެއިން އެއްވެސް އެއްޗެއް އިވުނު ކަމަށް ނުހަދައި ހުރުމެވެ. އަޅުގަނޑު މީ ކަންފަތް އާއިލާގެ ކަންފަތެކެވެ.

ކުޑަރަދީފު
_____
* މެންޓެލި ނ. ބިގަރު ދިއްލުމުން އެތެރޭގައި ހޫނު ހިފެހެއްޓިގެން ބޭރަށް އަލި ފޮނުވައިދޭ ދާކޮޅު.
* ސައްދާދު ވާހަކަ ނ. ވާހަކަ ދިގުކުރާން ދައްކާ ހުސް ވާހަކަ.
* މޮޓަރު ނ. ސައިކަލް
* ސިފަ މީހުން ނ. ސިފައިން
ގުޅޭ ޓެގު
comment ކޮމެންޓް