ވަހެއް ނެތް ބޮޑު ސަރުކާރު

މިހާރުގެ ނައިބު ރައީސް އަންނަބީލު މުހައްމަދު ވަހީދުއްދީން (ޑީން) ގެ އަރިހު، ބަނޑޮހުގައި އަޅުގަނޑު އުޅުނު ދުވަސްވަރެވެ. އަދި އެ ރިސޯޓްގައި އަޅުގަނޑުގެ ފަހު ދުވަސްތައް ގުނުނު 1995 ވަނަ އަހަރެވެ. އޭރު އެމަނިކުފާނަކީ މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ބޯޑު މެންބަރެކެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އަރުވާ މެންބަރެއް ވެސް މެއެވެ. އަޅުގަނޑު ކުރާން ހުންނަ މަސައްކަތް ނިމުމުން ކޮންމެ ރެއަކު އަޅުގަނޑު ކުރާ ކަމަކީ "ސިއްރު" ޖަހާފައިވާ ފައިލެއް ހާވައި އެ ކިޔަނީ އެވެ.

އެއީ ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޑީން ލިޔުއްވައިފައި ލިޔުންތަކުގެ ގަޓަރިއެކެވެ. އޭގެ ބައެއް ފުރޭފު ގާތްގަނޑަކަށް އަޅުގަނޑު ހިތު ދަހެވެ. މިކަމެއް އަޅުގަނޑު ކުރާތާ ދުވަސްކޮޅެއްވެފައި ވަނިކޮށް އެ މަންޒަރު ޑީންއަށް ފެނިވަޑައިގެން "ސިޔާސީ އެއްޗެހި ކިޔާން ޝައުގުވެރިވޭ ހެއްޔޭ؟" އައްސަވައިފި އެވެ. ނުބަލާންވީ އެއްޗެއް ބެލުނު ކަމުގެ ބިރާއެކު ވެސް އަޅުގަނޑު "އާދޭހޭ!" ދަންނަވައިފީމެވެ. ޖަވާބުގައި ވިދާޅުވީ "ހާތްތެރީ" އޭ އެވެ. ޑީން "ހާތްތެރީ" އޭ ވިދާޅުވާނީ އެމަނިކުފާނު އެކަމަކާ ވަރަށް ބޮޑަށް ރުހި ވަޑައިގަތުމުންނެވެ. އެހިސާބުން އަޅުގަނޑު ވެސް ކުށުން ބަރީއަވީ އެވެ.

ކޮންމެއަކަސް އޭގެ ދުވަސްކޮޅެއް ފަހުން އެ މަސައްކަތް އަޅުގަނޑާ މަތިކުރައްވައިފި އެވެ. އަޅުގަނޑުގެ އުމުރުގެ ޅަ ކަމާއި ކަންކަން ނޭނގޭ ކަމުން އެފަދަ ކަމެއް ކުރާނީ ކިހިނެއް ހެއްޔޭ ހީވެ ފުރަތަމަ ވެސް ރޫރޫލައިގަތެވެ. އެ ރެއާއި ޖެހިގެން އައި ދުވަހާ އަޅުގަނޑު ގަދަ ހުމެއްގައި ފިހި އަވަދި ނުވީ ކިރިޔާ އެވެ. ހުން ވީއްލުމުން ލަހެއް ނުވެ އަޅުގަނޑަށް ޖެހުނީ އެކަމާ ކުރިމަތިލާށެވެ. ނަސީބު ރަނގަޅު ކަމުން މާ ބޮޑު ކަމެއް ކުރާކަށް އަޅުގަނޑަކަށް ނުޖެހުނެވެ. ޑީން ހައްދަވާ ގޮތަކީ މޭޒުކޮޅު މަތީގައި ކުޑަ ރިކޯޑަރެއް ބަހައްޓަވައިފައި ގޮނޑިކޮޅުގައި އިންނަވައިގެން ތަގުރީރު ކުރައްވަނީ އެވެ. ފުރަތަމަ ދުވަހު ތަގުރީރު ކުރެއްވީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުންނެވެ. ކޮންމެ ހަފުތާއަކުހެން ތަގުރީރެއް ދެއްވައެވެ. އެކި ދުވަހު އެކި ބައެވެ. އޭގެ ތެރޭގައި، ޑިމޮކްރަސީއެއްގައި ރާއްޖޭގެ ވެރިކަމުގެ އިންތައް ޖެހިފައި އޮންނާން ޖެހޭނެ ކަމަށް އެމަނިކުފާނަށް ފެނި ވަޑައިގަންނަވާ ގޮތް ވިދާޅުވެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަންގަވައިގެންނެވެ. ވަރަށް ވެސް ފުރިހަމަ އެވެ.

އަޅުގަނޑު ކުރާން ޖެހޭ ކަމަކީ އެ ދެއްވާ ތަގުރީރު ކަނުލައި އަޑު އެހުމެވެ. ނިމުމުން އެ ވާހަކަތައް ކަރުދާހަށް ނެގުމެވެ. ހީކުރި ވަރަށްވުރެ، އެއީ ފަސޭހަ ކަމެކެވެ. ސަބަބަކީ ތަގުރީރު ދެއްވުމުގައި އެމަނިކުފާނުގެ ފުދުންތެރި ކަމާއި ވިދާޅުވާ ބަސްފުޅުތަކުގެ ސާފު ކަމެވެ. ލިޔުން އޮންނާވީ ގޮތަށް އިބާރާތްތައް ހުންނާތީ އެވެ. މިދެންނެވި ލިޔުންތަކުގައި ތިން ބާރު ވަކި ކުރުމުގެ ވާހަކަ އާއި ބާރުތައް މަސައްކަތް ކުރާ ގޮތާއި މުއްސަސާތައް އޮންނާންވީ ގޮތް ހިމެނެއެވެ. އަދި ކޮންމެ ބާރަކާއި މުއައްސަސާއެއް ވަކިވަކިން ލިޔުއްވެވި އެވެ. އަޅުގަނޑު ބަނޑޮހުން "ފިލައިގެން" އައި އިރު ލިޔަމުން ދިޔައީ ހިއުމަން ރައިޓްސް ކޮމިޝަނެއް އޮންނާނެ ގޮތުގެ އެކުލެވުމެވެ.

ޑީންގެ ލިޔުންތަކުގައި ހިމެނޭ ބައެއް ވާހަކަ "އަޅުގަނޑުގެ ހިޔާލު" ގެ ނަމުގައި އެ ދުވަސްވަރު ހަވީރު ނޫހުގައި ވެސް ލިޔުއްވި އެވެ. ފަހުން އެމަނިކުފާނުގެ ވަދިކަން ބޮޑުވެގެން އެކަން ނުވެދިޔައީ އެވެ. މީގެ އިތުރުން މިނިވަން މުއައްސަސާއެއް މަސައްކަތް ކުރާނެ ގޮތުގެ ޓެސްޓެއް ހެއްދެވުމަށް ނަމޫނާއަކަށް އިލެކްޝަންސް ކޮމިޝަން ނަގައި ބަނޑޮހުގައި އިންތިހާބެއް ބޭއްވެވި އެވެ. މިދެންނެވި އިންތިހާބަކީ ބަނޑޮހުގެ މުވައްޒަފުންގެ ބަސް އޮންނަ ގޮތަށް އެ ރަށުގެ ޓަކްޝޮޕްގެ ބޯޑެއް އިންތިހާބު ކުރުމެވެ. ޑީން އަޅުގަނޑު ގާތުގައި ވިދާޅުވީ "މި ހަދައިލަނީ އެސިޑު ޓެސްޓެކޭ" އެވެ.

ހަމަ ތެދެއް ދަންނަވަންތޯ އެވެ. އިންތިހާބެއް ބާއްވާން މިހާރުގެ އިލެކްޝަނުން އެކުރާ ހުރިހާ ކަމެއް އަޅުގަނޑުމެން ތަޖުރިބާ ކުރީމެވެ. އެންމެ މަޖާ ކަމަކީ އިންތިހާބުގައި އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަރަކަށް ވީ ކަމެވެ. އިންތިހާބުގެ ތެރޭގައި ޝަކުވާ ބަންޑުން ކުރި މީހުން އަޅުގަނޑަށް ފިސާރި ހަޓުކާ ބޭލި އެވެ. ގޮވެލިފައްޗަކަށް ވެފައި އޮތީ "ވަހިއްދީން" ބޭނުންފުޅުވީމާ ވޯޓް ފޮއްޓަކަށްވުރެ ކުޑަ "ބޯއީ" އެއް ކޮމިޝަނަރަކަށް ލައިގެން މިކަން ކުރާނީ ކިހިނެއް ހެއްޔޭ އެވެ؟ އަޅުގަނޑު އެވާހަކަ ޑީންއަށް ދެންނެވުމުން ވިދާޅުވީ "އެމީހުން ބޯޅަ އުކާ ހެއްޔޭ އެވެ؟ ތިޔަކަމާ ދެން އަޅާ ނުލާށެވެ. އިސްލާހަށް ކުރާ މަސައްކަތާ ދެކޮޅަށް އަބަދުވެސް ބޯޅަ އުކާނެއޭ އެވެ. އެ ބޯޅަތައް ހަޔަކަށް ޖެހީމާ ނިމުނީއޭ އެވެ،"

އެއީ އެ ދުވަހެވެ. މިހާރު ވެސް ޑީން އަކީ ހަމަ އެ ޑީން އެވެ. މިޒާޖުފުޅަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެހެން ނަމަވެސް މިހާރު އެހުންނެވީ ރާއްޖޭގެ ނައިބު ރައީސް ކަމުގެ މަތިވެރި މަގާމުގަ އެވެ. އެމަނިކުފާނު ލިޔުއްވި ލިޔުންތަކުގައިވާ މަގަށް ރާއްޖޭގެ ކަންކަން ގެންދިއުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ލަފާ ދެއްވައި އަމަލީ ގޮތުން ކަންކަން ކުރައްވައި އެމަނިކުފާނު ލިޔުއްވުންތަކާ އެއް ގޮތަށް ކަންކަން ފުރޮޅައިލެއްވުމަށް މަސައްކަތް ކުރައްވާންޖެހިވަޑައިގަންނާ ވެރިއެއްގެ ގޮތުގައެވެ. ޑީންގެ ވިސްނުންފުޅާއި ރައީސް ވަހީދުގެ ތަޖުރިބާ އާއި އިލްމުވެރިކަމާއި ގާބިލުކަން އެކުވީމާ އެއީ ދެ އިންޖީނު އެކުވީ އެވެ. ދެ ބޭފުޅުންގެ ވަށައިގެން ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ސިޔާސީ ވެރީން ރުކުރުވައިލީމާ ބޭނުން ގިޔަރަކަށް ލައިގެން ކުރިޔަށްދާން ވީ އެވެ.

ނަމަވިޔަސް މިހާރު އަޅުގަނޑު ހިތަށް އަރަ އެވެ. ކަލަންޑަރުން އަށެއްކަ މަސް ދުވަސް ކެނޑުނުއިރު މިހިނގަނީ ކިތައް އިންޖީނު ހެއްޔެވެ؟ ލެވިފައި ހުރީ ކިތައް ވަނަ ގިޔަރަށް ހެއްޔެވެ؟ މި ސުވާލާއެކު އަޅުގަނޑާ ހިޔާލު ތަފާތުވާނެ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެ އެވެ. އެކަމަކު ހިންގުންތެރި ކަމުގައި އަޅުގަނޑަކަށް މި ސަރުކާރެކޭ ކުރީގެ ސަރުރާކާރެކޭ ތަފާތެއް ނެތެވެ. މި ސަރުކާރު ފެށިގެން އައި ދުވަސްވަރު ސަރުކާރާއެކު ރާއްޖެއަށް މާވަހަރު ތިޔާގިވެގެން ދިޔަ ގޮތުން އަޅުގަނޑު ހީކުރީ މިއީ މީރު ވަސް ދުވާނެ "މާވަހަރު ސަރުކާރެއް" ކަމަށެވެ. އެހެނެއްވެސް ނުވި އެވެ. ހޮވިހާ މާވަހަރެއް ސަރުބީއަށްވީ ފަދައިން ފެންނަނީ މާވަހަރު ސަރުކާރު ވެސް ކަރުދާހު ޕްލޭންތަކާއި ކަރުދާހުގެ މަޝްރޫއުތަކުގެ ފޮތް ގަޓަރިއަކަށް ވެގެންދާތަނެވެ.

ތެދެކެވެ. ކެބިނެޓުގައި ކަންކަން ނިމެއެވެ. ފޯ މިނިސްޓާސް، ތިރީ މިނިސްޓާސް ކޮންފަރެންސް އޮވެއެވެ. އެކަމަކު މިހާތަނަށް ވެސް ފެނުނީ އުސްފަސްގަނޑޭ ކިޔާތަނެއް ފަހައި ދުވާން ވަގުތު ނަގައިލާ ތަނެވެ. އޭގެ ފައިދާ އެހެން ބަޔަކު ނަގާ މަންޒަރެވެ. ބޮލަށް ތުރާވެގެން އުޅުނު ޖީއެމްއާރު މައްސަލައިގައި ވެސް މިހާތަނަށް ހެދުނީ ހުސް ދިރާސާ އެވެ. އަދަދު ނުވާހާ ރުފިޔާ ގެއްލޭ އިރުވެސް މަޝްވަރާ އާއި ދިރާސާއިން އަރައިގަނެވޭ ވަރެއް ނުވި އެވެ. އެކަމާ ބަގުޑިލާތާ ސަރުކާރަށް ވީ ދުވަހެއްވީ އެވެ. ފީތާއަކަށް ކިޔައިލަ ކިޔައިލައި ތިބެނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވައްދަނީ ކަމަށެވެ. ދަންނަވަންތޯ އެވެ. މިއަށްވުރެ މާ ދެރަވަރުގެ ޒަމާނެއްގައި އަޅުގަނޑުމެން ވަރުގަދަ އިނގިރޭސީން ފަހަތަށް ޖެއްސި ގޮތް އެހެރީ ފެންނާށެވެ. ހުރިހާ ވާހަކައެއް ދެއްކުމުގެ މާނައެއް ނެތެވެ. ސީނު ކަރައިގެ ހަރުބަހެއްގައި އޮވެއެވެ. ބުރަކައްޓަށް އެރޭނީ ތިބާ ގުދުވެ ބުރަކަށި ދެއްކީމައެވެ. އަޅުގަނޑުމެން ވެސް ގުދު ނުވާނަމަ އަޅުގަނޑުމެންގެ ވެސް ބުރަކަށި މައްޗަކަށް ނޭރޭނެ އެވެ. އިނގިރޭސީންގެ ޒަމާނުގައި އައްޑު އަތޮޅުގައި ޖެހުނު މައްސަލައިގައްޔާއި ރާއްޖޭގެ މިނިވަން ކަމުގެ މައްސަލައިގައި އަޅުގަނޑުމެން ގުދު ނުވީމައި، ފުފިފުފިފައިވެސް އެ އިނގިރޭސީންނަށް ޖެހުނީ ދާށެވެ. އެކަން ހިނގައި ދިޔަ ގޮތް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ އެއް ބޭފުޅަކީ މިހާރުގެ ނައިބު ރައީސް ޑީންއެވެ. އެމަނިކުފާނަކީ އިނގިރޭސީން "ޖާސޫސެއް"ގެ ދަރަޖަ ދީ ޓެގު އެޅުވި ދިވެހި ކިޔަވާ ކުއްޖާ އެވެ. (އެވާހަކަ އެހެން ފަހަރަކުން ލިޔާނީ އެވެ)
***
މެދު އަތޮޅުތަކުގެ ތެރެއިން އަތޮޅެއްގައި އުޅުނު މަޝްހޫރު މީހެކެވެ. އޭނާ ހީކުރާ ގޮތުން ހއ. ކެލަޔަކީ މުޅިން ތަފާތު ރަށެކެވެ. ފިނިފެން ކެލައިގައި ދުވާ ވަސް އެ ރަށުން ދުވާނެ ކަމަށް އޭނާއަށް އޮންނަނީ ހީވެފައެވެ. ކޮންމެއަކަސް އޭނާއަށް ކެލައަށް ދެވޭ ގޮތް މިންވަރު ވެއްޖެ އެވެ. ކެލައަށް އަރައި، ލޯ އުކައި ގަތުމަށްފަހު ރާގަކާއެކު އަކުރާއި ފިއްޔަށް ދަމައިފައި ބުންޏެވެ:

"މިއީ ކެލާ! މިރަށެކޭ އަހަރެމެން ރަށެކޭ ވަކި ތަފާތެއް ނެތް! އާނ، ކެލާ ބޮޑު، އެކަމަކު ވަހެއް ނެތް!"

އަޅުގަނޑުގެ ނަޒަރުގައި މިހާރުގެ ސަރުކާރެކޭ ކުރީގެ ސަރުކާރެކޭ ތަފާތެއް ނެތެވެ. ތެދެކެވެ. އިއްތިހާދު ޕާޓީތަކާއި މަދަނީ އިއްތިހާދެއް ހިމެނޭ ގޮތުން މި ސަރުކާރު ބޮޑެވެ. ކުރީ ސަރުކާރާ މި ސަރުކާރާ ހުރި ތަފާތަކީ އެއީ އެވެ. ހީކުރި ގޮތަކަށް މި ސަރުކާރުން އަޅުގަނޑަކަށް "ސަރުކާރު ވަހެއް" ނުދުވައެވެ. ލެއްގި މާވަހަރެއް ގޮތަށް އައި ސަރުކާރު އަދި ވައްތަރީ ފޮތް ބަންޑެއްޔަކާއެވެ.

އަޅުގަނޑު މި ވާހަކަ ލިޔުނީމާ މިކަމުގައި އަޅުގަނޑާ ދިމާއަށް ބޯޅަ އުކާނެ މީހުން ނުތިބެއެއް ނުދާނެ އެވެ. އެމީހުން ބުނާނެ އެވެ. ކުރިން އައީ ރޯލުގެ އޭ ސައިޑެވެ. މިހާރު މިއަންނަނީ ރޯލުގެ ބީ ސައިޑެވެ. އަޅުގަނޑު ދަންނަވާން އޮތީ އާދޭހެވެ، ރަނގަޅަށް އިސްޕީނު ކުރައްވައިފައި ކިރިކެޓުގައި އުކާހެން ބޯޅަ އުއްކަވާށެވެ. ތިޔައިން ކޮންމެ ބޯޅައެއް އަޅުގަނޑު ޖަހާނީ ހަޔަކަށެވެ.

ކުޑަރަދީފު
_____
* ވަދިކަން ނއނ. އަވަދި ނެތް ކަން. (އިނގިރޭސި ބަހުން ބުނާ ނަމަ ބިޒީކަން)
* ފުރޭފު ނ. ލިޔާ ލިޔުން.
* ގަޓަރި ނ. ބަންދު އަޅައިފައި ހުންނަ ކަރުދާސް ބަންޑެލި.
ގުޅޭ ޓެގު
comment ކޮމެންޓް