ކަމާއި ބަސް ސޭކުބޭގެ އުސޫލަށް

އެމްޑީޕީގެ ފުރަތަމަ ސަފުގެ ބޭފުޅަކު ވަރަށް ގިނައިން ގުޅުއްވައި އަޅުގަނޑު ނުލިޔާތީ ވާހަކަފުޅު ދައްކަވަ އެވެ. އެކަމަކު އަޅުގަނޑު އެއްޗެއް ލިޔެފިނަމަ ގުޅުއްވުމުގެ ބަދަލުގައި މެސެޖަކުން ވިދާޅުވާނީ ސައިފަތު ފެންތައްޓެއް ބޯން ހިނގާށޭ އެވެ. އެއީ އެ ބޭފުޅާ ބޭނުންފުޅުވާ ގޮތަށް ނުލިޔާތީ އަޅުގަނޑު ގަޔަށް "ހޫނު ފެން ޖަހަން" ދެއްވާ ދައުވަތެކެވެ. ސައިފަތު ފެންތަށީގެ ވާހަކަ ބުނުމުން އެއީ ކޮންބޭފުޅެއްކަން ވަރަށް ގިނަ ބަޔަކަށް ނަގައިގަނެވޭނެ އެވެ. އިއްޔެ ރޭ އަޅުގަނޑުމެން ސައި މޭޒު ދޮށުން ބައްދަލުވެއްޖައިމެވެ. ކޯނީގެ ރިޕޯޓުން ފެށި ވާހަކައިގައި ކުރިލަމުން ގޮސް ވެރިކަން ބަދަލުވި ދުވަހުގެ ވާހަކަ ފައްޓަވައިފި އެވެ.

"އަޅުގަނޑުމެން ދެ މީހުން ވެސް ގަބޫލެއް ނުކުރަމެއްނު 2008 ގައި މައުމޫން ބަލިވާނެ ކަމަކަށް، އެކަމަކު މައުމޫން ބަލިވެ ނަޝީދު ވެރިކަމަށް ވެސް ވަޑައިތީ! ފެބްރުއަރީ 7 ގައި އެ ވީގޮތް ވެދާނެ ކަމަށް ވެސް ގަބޫލު ނުކުރަމެއްނު! އެކަމަކު އެ ވެރިކަން ވެސް ނިމުނީ. އަޅުގަނޑު ގަބޫލު ކުރަނީ އެހެންވީ ރައްޔިތުން އެގޮތް ބޭނުންވީމަ ކަމަށް. އަދި ރައީސް ނަޝީދު ވެސް އެގޮތް ގަބޫލުފުޅު ކުރެއްވީމާ ކަމަށް. ނަޝީދު ވެސް ވިދާޅުވިއެއްނު ރައްޔިތުން ބޭނުންވީމާ ވެރިކަން ބަދަލުވާން ޖެހޭނޭ،"

"ނަޝީދު އެހެން ވިދާޅުވިޔަސް، ވެރިކަމަކީ ﷲ ދެއްވާ ނިއުމަތެކޭ، ނަޝީދަށް ފަސް އަހަރު ދެއްވީ އެފަރާތުން، އެ ދައުރު ފުރިހަމަ ކުރައްވަން ނަޝީދަށް ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ، ރައްޔިތުންގެ ފަރާތުން،" އެބޭފުޅާ ވިދާޅުވި އެވެ.

"ތިހެން މައުމޫނަށް 30 އަހަރު މިންވަރުވީ ވެސް! އެ އުސޫލަށް ވެރިކަން ގެންދަވަނީ ވެސް އެފަރާތުން. މައުމޫނަށް 30 އަހަރު ވެރިކަން ކުރައްވަން މިންވަރުވުމުގައި ހިކުމަތެއްވާ ފަދައިން ނަޝީދަށް ލިބިވަޑައިގެންނެވި ފަސް އަހަރުގެ ދައުރުގެ ތެރެއިން ތިން އަހަރު އެމަނިކުފާނަށް މިންވަރު ވުމުގައި ވެސް ހިކުމަތެއް އޮންނާނެ. އަޅުގަނޑަށް ވިސްނެނީ މާ ބޮޑަށް ސޭކު ހެއްދެވުނީ ކަމަށް، ނޫންތަ؟"

ފަހުން ބުނާންވީ ވާހަކައެއް އަޅުގަނޑަށް މާކުރިން ބުނެވުނީ އެވެ. އެހިސާބުން އަޅުގަނޑަށް ފުރަސަތު ދޭކަށް ބޭނުންފުޅެއް ނުވި އެވެ. ދެން ހިނގީ ފާޑެއްގެ ޒުވާބެކެވެ. ހޫނުވީ ވެރިކަމަށް ވަޑައިގަންނަވަން ނަޝީދަށް ލިބިވަޑައިގެންނެވި ފުރުސަތާއި ވެރިކަން ގެއްލިވަޑައިގަތުމުން ކަން ކުރެއްވި ގޮތުގެ މައްޗަށް އަޅުގަނޑު މިސާލެއް ދިނީމަ އެވެ. ތިރީގައި އެއޮތީ އެ ވާހަކައިން ނަންގަނެވޭ ފޮޅުވަތްތަކެވެ:

ހާހާ ނުވަސަތޭކަ ބާހައްޓި ވަނަ އަހަރު އަތޮޅު ކޮމެޓީތައް އިންތިހާބު ކުރަންވެގެން ވޯޓް ނެގި އިރު މެދު އަތޮޅުތަކުގެ ރަށެއްގައި އުޅުނު ސޭކުބޭ ކިޔާ މީހަކު އިންތިހާބުގައި ވާދަކުރި އެވެ. ވާދަވެރި ގިނަ ބޭފުޅުންތަކެއް ތިއްބެވުމާއެކު، އެ އިންތިހާބުގައި ސޭކުބޭ ވާދަކުރުން ވީ ވަރަށް ބޮޑު މަޖާ ގަނޑަކަށެވެ. ވޯޓް އަޅާ ވަގުތު ޖެހުނުއިރު ހުރިހާ ކެންޑިޑޭޓުން ވެސް ވާދަވެރި ކެންޑިޑޭޓުން ބަލި ކޮށްލަން ވޯޓުވެރިން ގާތުގައި ބުނަމުން ދިޔައީ ފުރަތަމަ ވޯޓް މަށަށް ލަހަރޭ އެވެ. ދެން ސޭކުބެއަށް ވޯޓެއް އެއްލާށޭ އެވެ. ނަތީޖާ ނުކުތް އިރު އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދެވީ ސޭކުބެ އެވެ. -- ތަފާތު ރިވާތަކުގައި ސޭކުބޭގެ ވާހަކަ ވަރަށް މަޝްހޫރުކޮށް އޮވެ އެވެ. ސޭކުބެގެ ރަށާ ގުޅުވައިގެން ކިޔާ ނަން އުނި ކޮށްލާފައި އެވަނީ އޭނާގެ އާއިލާ ވެސް އޮތުމާއެކު ޒާތީ މަސްލަހަތު ހިފެހެއްޓުމަށެވެ. އެކަމަކު އެއީ އެންމެން ދަންނަ ނަމެކެވެ. --

ދެ ހާސް އަށް ވަނައަހަރު ރިޔާސީ އިންތިހާބުގައި މައުމޫން އަބްދުލް ގައްޔޫމާއި، މުހައްމަދު ނަޝީދާއި، އުމަރު ނަސީރާއި، ޑރ. ހަސަން ސައީދާއި، އިބްރާހިމް އިސްމާއީލާއި، ގާސިމް އިބްރާހިމް ވާދަ ކުރެއްވިއިރު ނަޝީދު ވެރިކަމަށް ވަޑައިގެންފާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެމަނިކުފާނަށް ނުރުހޭ މީހުން އޭރު ބުނީ އެއީ މަގުމަތީގެ އެކްޓިވިސްޓެކޭ އެވެ.

ހަމަ އެހެންމެ މައުމޫން ނޫން ބޭފުޅަކު ވެރިކަމަށް ގެނައުމަށް ބޭނުންވެފައި ތިބި ވަރަށް ގިނަ ބަޔަކު އޭރު ތިއްބެވެ. ނަތީޖާއަކަށްވީ މައުމޫނުގެ ވެރިކަން ނިންމަން ބޭނުންވި އެންމެން ދެވަނަ ބުރުގައި ނަޝީދު ހިންގެވި މަގަށް ނުކުންނަން ޖެހުމެވެ. މައުމޫނުގެ ވެރިކަން ނިންމަން ނަޝީދާ ދިމާއަށް ވޯޓްގަނޑު އެއްލާން ޖެހުމެވެ. ކުރިން ހީކުރި ގޮތާ ހިލާފަށް ނަޝީދު ވެރިކަމަށް ވަޑައިގަތީ ސޭކުބެއަށް ވެސް ލިބުނު ފަދަ ފުރުސަތެއް ލިބި ވަޑައިގަތުމުންނެވެ.

އެވީ ގޮތެއްވީ އެވެ؛ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސުލް ޖުމްހޫރިއްޔާ އަކީ މުހައްމަދު ނަޝީދެވެ. އެއެއް ބަދަލެއް ނުވާނެ އެވެ. އެކަމަކު ވެރިކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ނުކުރައްވައި، ފެބްރުއަރީ 7 ގައި ވެރިކަމުން އިސްތިއުފާ ދެއްވީ އެވެ. އެމަނިކުފާނުގެ އިސްތިއުފާގެ ބަޔާނުގައި ވިދާޅުވެފައިވާ ވާހަކަތަކުގެ ދޭހައަކަށްވާނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައިފިނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ވެދާނެ ދެރަ ގޮތްތަކެކެވެ. އެ މަނިކުފާނުގެ އިސްތިއުފާގެ ސިޓީގައި އޮންނާނީ ރާއްޖެއާ ރައްޔިތުންނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ދެއްވިދާނެ ގެއްލުންތަކަކަށްޓަކައި އިސްތިއުފާ ދެއްވީ ކަމަށެވެ. މާނައަކީ އެމަނިކުފާނު މަގާމުގައި ހުންނެވުމަށް ރައްޔިތުންގެ ބަޔަކު ދެކޮޅު ކަމަށް އެމަނިކުފާނަށް ވިސްނި ވަޑައިގަތުމުން ގައުމަށް އިސްކަން ދެއްވީ އެވެ. އޭގެ ކުރިން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވި އިރު ވެސް ރައްޔިތުން ބޭނުންވުމުން ވެރިކަން ބަދަލުވާނެ ކަމަށާއި ބަދަލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު އެމަނިކުފާނު އެކަމާ ދެކޮޅު ހައްދަވަ އެވެ. ވެރިކަން ބަދަލުވި ގޮތް ގަބޫލުފުޅެއް ނުކުރައްވަ އެވެ. ކޮންމެއަކަސް ވެރިކަން ގެއްލިވަޑައިގަތީ އެވެ.

މީހެއްގެ އަތުގައި އޮތް އެއްޗެއް ގެއްލުމުން ސޭކުބެ ބުނަނީ އެކަން އެވީ ވާންވީ ގޮތަށް ކަމަށެވެ. އެ ރަނގަޅެވެ! އެއީ މައްސަލައެއް ނޫނެވެ! ގެއްލެންވީމާ ގެއްލޭނެ އޭ އެވެ! އެކަމަކު ސޭކުބެ، ހުނޫ ފެންތަށި ބޯން ބޭނުން ކުރާ ލޯވަށި ގެއްލުމުން ބުނަނީ އެއީ މަގޭ ލޯވައްޓޭ އެވެ! މަގޭ ލޯވަށި ގެއްލިގެނެއް ނުވާނެއޭ އެވެ. ގެއްލޭކަށް ނުޖެހެއޭ! އެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންވި ގޮތާއި އޭގެ ކުރިން ދެއްކެވި ވާހަކަފުޅާއި އެމަނިކުފާނުގެ ވެރިކަމުން އިސްތިއުފާ ދެއްވަމުން ދެއްކެވި ވާހަކަފުޅާއި، އޭގެ ފަހުން ދައްކަވާ ވާހަކަފުޅާއި ސޭކުބޭގެ ކަމާއި ބަހުގައި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟

ދެން އޮތީ އަޅުގަނޑުގެ ވާހަކަ އެވެ. އަޅުގަނޑު މިވާހަކަ ލިޔުނީމާ ވަރަށް ގިނަ ބަޔަކު ނަރުގަނޑުގަނޑުގައި ޖެހި، އަޅުގަނޑު ސޭކުބެއަށް ހަދާފައި ދިމާއަށް އުކައިގަންނާނީ ހޫނުފެނެވެ. އުކިއަސް ވަރިހަމަ އެވެ. ބޮޑުވަރަކަށް ފިހޭނީ ނޫން ހެއްޔެވެ؟ ފޮޅު ނަގައި ފޮޅުކެނޑިފައި ފަސޭހަވެ ލަކުނުލައިފާނެ އެވެ. ކިރިމިކޮޅެއް އުނގުޅައިލަނިކޮށް އިސާހިތަކު ލަކުނު ވެސް ފިލައިދާނެ ތޯއްޗެކެވެ!
ގުޅޭ ޓެގު
comment ކޮމެންޓް