އެމްޑީޕީގައި ނަޝީދު މި އަޅުވަނީ ފަންޏެއްތަ؟

އެމްޑީޕީގެ ޖަލްސާއެއްގައި ނަޝީދު: އެ މަނިކުފާނު ގެންދަވަނީ ފައްޔާޒާ އެކު މަސައްކަތްކުރައްވަމުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިދިކޮޅުގައި ތިބޭއިރު އަޑިއަޑިން އެތެރެވަރީގައި ރިޔާސީ ޓިކެޓަށް ތޮޅުމަކީ އާ ކަމެއް ނޫނެވެ.

ކުރިން 2013 ވަނަ އަހަރާ ކައިރިވީއިރު އޭރުގެ ޅަފަތުގައި އޮތް ޕީޕީއެމްގައި ވެސް އެ ވާދަވެރިކަން އޮތެވެ. ފަހުން 2018 އައިއިރު އެމްޑީޕީގައި ވެސް އަޑިއަޑިން ކަންތައްތަކެއް ހިނގިއެވެ. މި ފަހުން 2023 ގައި ޕީޕީއެމް ތެރޭގައި ހިނގިހާ ކަންތައްތައް އެކަކު ވެސް އަދި ހަނދާނެއް ނުނެތޭނެއެވެ.

މިދިޔަ އިންތިޚާބުގައި ވެރިކަން ބީވީއްސުރެ އެމްޑީޕީގައި ވެސް އެ ވާދަވެރިކަން އެބައޮތެވެ. އެ ކޯޅުން އެބަ ކޯޅެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ އުޅުއްވަނީ އެ އުންމީދުގައެވެ. ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އަބްދުﷲ ޝާހިދު ވެސް ގްރޫޕް ހައްދަވައިގެން އެ ކުރައްވަނީ އެ މަސައްކަތެވެ. ހަމަ އެއް އުންމީދެއްގައެވެ. ކޮންސަލްޓަންޓުން ލައްވައިގެން މާލޭ މޭޔަރު އާދަމް އާޒިމް ވެސް މަސައްކަތްކުރައްވަނީއެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް 'ޝައުގުވެރިވަމޭ' ވިދާޅުވެއްޖެއެވެ.

އެންމެން ވެސް ވެރިކަމުގެ ހުވަފެން ދެކެގެންނެވެ.

https://sun.mv/201592

އަޑިއަޑިން ޞާލިޙް ކެމްޕޭން ފެއްޓެވީމާ އެމްޑީޕީގައި ފިތުނަވީ ވާހަކަ ކުރިން ވެސް އެނގެއެވެ. ޓިކެޓަށް އެންމެ ބޮޑަށް ވާދަކުރައްވާ ޝާހިދާއި ފައްޔާޒު ވެސް އެ ކަމާ ހިތްޕުޅާއެއް ނުވެއެވެ. ފަހަރުގައި އެއީ ޞާލިޙްގެ ކޮންޓްރޯލް އަދިވެސް ޕާޓީގައި އޮތީ ކަމަށް ވެދާނެއެވެ.

ފައްޔާޒާއި ނަޝީދުގެ ޑީލެއް؟

އެމްޑީޕީ 'ރޫޅާލަން' ނަޝީދު އިސްވެ ހުންނަވައިގެން އުފަންކުރި ޑިމޮކްރެޓްސްއަށް ވެރިކަމާ ހަމައަށް ނުދެވޭނެކަމަށް ޚުދު އެ މަނިކުފާނު ވެސް ގަބޫލުފުޅުކުރައްވައެވެ. އެމްޑީޕީގައި ކުރައްވަމުން އައި 'ރަސްކަން' ނިމި ޕާޓީގެ ކޮންޓްރޯލް ގެއްލުމުން ވެސް 'އަދި އެމްޑީޕީގެ ކޮންޓްރޯލް ނަގާނަމޭ' ވިދާޅުވިއެވެ.

އެމްޑީޕީ ރޫޅާލާނަމޭ، ރޫޅާލާނަމޭ ވިދާޅުވީ އެ ނިޔަތުގައެވެ.

"..އަޅުގަނޑުމެންނަށް އެކަނި ވެރިކަމަށް އާދެވޭނެ އެއްވެސް ގޮތެއް ނެތްކަން އަޅުގަނޑަށް ވެސް ޔަގީން،" ޑިމޮކްރެޓްސްގެ ސަޕޯޓަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި މި ފަހުން ނަޝީދު ލިޔުއްވިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

އެ މަނިކުފާނު އެ ފަދައިން ވިދާޅުވީ، 'ވަގުންގެ ހާއްޔެއް' ގޮތަށް ޑިމޮކްރެޓްސްއިން ކުރިން ސިފަކުރި އެމްޑީޕީއާ ގުޅުމަކީ ގައުމަށް ވެސް ދެ ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވުމުން އެ ކަމާ ނުރުހުންވެ ބައެއް ސަޕޯޓަރުން ދެއްކި ވާހަކަތަކަކުންނެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރައީސް ނަޝީދު އެ ކުރެއްވި ޓްވީޓަކީ ޑިމޮކްރެޓްސްއަށް ކުރެއްވި ޓްވީޓެއް ކަމަށް. އެއީ އަޅުގަނޑުމެން މި ތިބީ އަޅުގަނޑުމެންނާ އެކު މި މަސައްކަތުގައި، ސަރުކާރު ހަމަމަގަށް އަޅުވަން މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކު ވެސް މަސައްކަތް ކުރަން. އެއީ އަޅުގަނޑުމެންގެ ޕާޓީގެ ސްޓޭންޑް،" ނަޝީދުގެ ހުށަހެޅުއްވުމަށް ވަގުތުން ތާއީދުކުރައްވައި ފައްޔާޒް އެ ދުވަހު ވިދާޅުވިއެވެ.

އެމްޑީޕީއާ ގުޅެން ގޮވާލައި ނަޝީދު ޕޯސްޓުކުރެއްވުމުގެ މާ ކުރިން ވެސް އެ މަނިކުފާނު ގެންދެވީ ފައްޔާޒަށް ލޮބީކުރައްވަމުންނެވެ. ގަލޮޅު ކެނެރީގޭގައި ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

އޭގެ ވެސް ކުރިއަށް ޖެހިލީމާ އަދި މާ ސާފުވާނެއެވެ.

ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖަކުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒް އިއުލާނުކުރެއްވުމުން ޑިމޮކްރެޓްސްގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ވަހީދު (ވައްޑޭ)އާއި ހުސައިން ފިރުޝާން ފަދަ ބޭބޭފުޅުން ތަހުނިޔާ ފޮނުއްވިއެވެ.

އެމްޑީޕީން ވާދަކުރަން ވާނީ އެ މުޑުވަކުން ނުކުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ޝާހިދަށް ނުސީދާ ހަމަލާތަކެއް ވެސް އެއްލިއެވެ. އެއީ، ޝާހިދަކީ ކުރިން ޑީއާރުޕީގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު އުޅުއްވި ބޭފުޅެއް ވީމައެވެ.

"އަހަރެމެން ކިތަންމެ ފަހަރަކު ފަޔާ [ފައްޔާޒް]އާ ބައްދަލުކޮށްފައި، ތިމަންނަމެން ބެކްކުރާނަމޭ ކިޔައި އެތައް ވާހަކައެއް ކިތަންމެ ދުވަހަކު ދައްކައިގެން އެ ދުވަހު އިއުލާނުކުރީ،" ޑިމޮކްރެޓްސްގެ އިސް ބޭފުޅަކު ނަން ނުޖަހާ މަތިން ފައްޔާޒާ އެކު އޮތް ގުޅުން ފެށުނު ގޮތް ކިޔައިދިނެވެ.

އެމްޑީޕީގެ ވެރިކަން އޮތްއިރު، ނަޝީދުގެ ބާރުވެރިކަން ނިމެންދިޔައިރު، އެންމެ ބޮޑަށް ދެބަސްވީ ފައްޔާޒާއެވެ. ޕާޓީގައި 'ބްރޯ' ހެދިގެން އުޅުއްވާ ކަމަށް ވިދާޅުވިއެވެ. ބޭރުކުރަން ވެސް މަސައްކަތްކުރެއްވިއެވެ. މިހާރު މިހެން ގުޅިގެން އުޅެދާނެ ކަމަށް މީހަކު އުންމީދުނުކުރާ ވަރަށް ބަހުގެ ހަމަލާތައް ރައްދުކުރެއްވިއެވެ. ކޯޅުނެވެ.

https://sun.mv/142832

"ނަޝީދު ބޭނުންވަނީ އަދިވެސް އެމްޑީޕީގެ ބާރުވެރިކަން ހޯދަން،" އެތެރެއިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

އޭގެ އެއް ހެއްކަކީ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި، ނައިބު ރައީސް މުހައްމަދު ޝިފާޒާއި, އަލީ އާޒިމް އެކީގައި އިސްތިއުފާ ދެއްވާފައި އެމްޑީޕީއަށް ބަދަލުވުމެވެ. އެ ބޭފުޅުން އެ ވަރުގެ ނިންމެވުމެއް ނަޝީދުގެ ރުހުމާއި އެދުމާނުލާ ނިންމާނެ ކަމަށް ދެކޭ މީހަކަށް ހަމަ ރަނގަޅަށް ވެސް ދުނިޔެ އޮޅުނީއެވެ.

އެ ބޭފުޅުން ދިޔައީ އެ ކަމުގައެވެ. ބޭނުމަކީ އަލުން އެމްޑީޕީއާ ގުޅެން ނަޝީދަށް މަގުކޮށައިދިނުމެވެ.

"ފައްޔާޒަކަށް ވެސް ޔަގީންކަމެއް ނެތް ގިނިކަންޏާ ކާމިޔާބުވާނެ ކަމެއް. އެހެންވެ، ނަޝީދާ އެހާ ބޮޑަށް ގުޅިގެން އުޅުއްވަނީ. އެއީ، ދެން ތިއްބެވި ކެންޑިޑޭޓުން، ޚާއްސަކޮށް އިބޫ [ޞާލިޙް] ބަލިކުރަން ލިބޭނެ ވަރަށް ބޮޑަށް ހިތްވަރެއް،" ސިޔާސީ ކަންކަން ދިރާސީ ނަޒަރަކުން ބައްލަވާ ބޭފުޅަކު ކިޔައިދެއްވިއެވެ.

އެ ގުޅުން އޮންނާނީ ކިހާ ދުވަހަކު؟

ނަޝީދަކީ ސިޔާސީ ގޮތުން ތޫނުފިލި ބޭފުޅެކެވެ. އަމުދުން، ހިތްވަރުފުޅު ވެސް އެހާ ގަދަ ބޭފުޅެކެވެ. އަޒުމު ވަރުގަދަ ޝަހުސިއްޔަތެކެވެ. ރެއާއި ދުވާލު ސިޔާސީ މަސައްކަތުގައި އުޅުއްވާ ހީވާގި ބޭފުޅެކެވެ. އެކަމަކު، މީގެ ކުރިން ތަފާތު އެކި ލީޑަރުންނާ އެކު ނަޝީދު އުފެއްދެވި ގުޅުންތަކަކީ ދިރާސީ ނަޒަރަކުން ބަލައިލަންޖެހޭ ކަމެކެވެ.

އެންމެ ގިނައިން ނަޝީދާއި ކޯލިޝަން ހެއްދެވީ ގާސިމް އިބްރާހިމެވެ.

އެ ގުޅުން ފެށޭ ހިސާބަކީ 2008 ވަނަ އަހަރު ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ގޮތުގައި ނަޝީދު އިންތިޚާބުވުމެވެ. ބޮޑު ކޯލިޝަނެއް ހައްދަވައިގެން އުފެއްދި އެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ދެއްވީ ގާސިމަށެވެ. އެކަމަކު، ވެރިކަމަށް 23 ދުވަހުގައި މައްސަލަ ޖެހި ގާސިމް ފެޔަށް ޖެހިވަޑައިގަތީއެވެ.

https://sun.mv/175689

މި ފަހުގެ މާޒީގައި ވެސް އެ ހަގީގަތް ތަކުރާރުވިއެވެ. މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވިއިރު، ގާސިމަށް ނެތްވަރަށް ތައުރީފުކުރައްވައި، އެންމެ ގާތުން ބައްދަލުކުރެއްވީ ނަޝީދެވެ. އެންމެ ފުރުސަތު ބޮޑީ ގާސިމަށް ކަމަށް ދައްކަވައިގެން ގާތަށް ރިސޯޓަށް ވަޑައިގެން އެންމެ އަރިހުގައި ހުންނެވިއެވެ. އެކަމަކު، އެ ގުޅުން ވެސް ނިމުނު ގޮތް އެ އޮތީ ފެންނާށެވެ.

މި އަހަރު ނެރުނު ގާސިމްގެ ބަޔޮގްރަފީ ފޮތުގައި ވެސް ނުސީދާ ގޮތެއްގައި ނަޝީދަކީ 'އަމިއްލަ އެދުން ބޮޑު، ހީލަތްތެރި' ބޭފުޅެއް ގޮތުގައި ސިފަކޮށްފައިވަނީ އެހެންވެ ކަމަށް ބެލެވިދާނެއެވެ. އެ މޭރުމުން ޚުދު ގާސިމް ވާހަކަދައްކަވާފައި ވެސް އެބަހުއްޓެވެ.

ފައްޔާޒާ އެކު މި އޮތް ގާތްކަން މިހެން އޮވެދާނެތޯ ސުވާލު އުފެދެނީ އެހެންވެއެވެ. ނަޝީދުގެ އަރިސް ބޭބޭފުޅުން ދައްކަވާ ވާހަކައިން އެއީ އެމްޑީޕީގައި އަޅުވާ ފަންޏެއްތޯ ސުވާލު އުފެދެނީ މި މާޒީން ހެކި ލިބޭތީއެވެ. އަލުން އެމްޑީޕީގެ ބާރުވެރިކަން ބޭނުންފުޅުވާކަން އެއީ ނަޝީދު ސިއްރުކުރައްވާ ކަމެއް ނޫނެވެ. އެއީ، ފާޅުގައި ވިދާޅުވެފައި އޮތް ހަގީގަތެކެވެ.

ކުރިއަށް އޮތީ އެމްޑީޕީއަށް މުހިންމު ދުވަސްތަކެކެވެ. އެ ޕާޓީގެ ކުރިމަގާ ގުޅޭ އެތައް ފުރޮޅުމެއް ފުރޮޅޭނެއެވެ.

comment ކޮމެންޓް

comment 1206

1 week 1 day ago

ވަގުންގެ ބާރު ގަދަވާނީ އެއް ވަގު އަނެއް ވަގާ ގުޅި، ވަގުންގެ ވަގު ގުޅުން އިތުރަށް ވަގުވާނެ ވަގު ގުޅުމަކުން ވަގު ގުޅައިލީމާ ނޫންތޯ. އިހަށް ވަގުން ވައްކަން ކުރީ ވަގުވަގަށް މީހަކަށް ފެނިދާނެތީ ފިލައިބޮދައި ތިބެގެން ވަގުވަގަށެވެ. މީހުން ކަރައި ގަތުލުކޮށް މާރާމާރީ ހިންގައި އުޅުނީ ވެސް އެހެންނެނެވެ. މިހާރު އެހެންތޯ؟ މިހާރު ގުރޫޕަކުން އެކަން ނުކުރީ ވިއްޔާ އެ ކުރީ ކުށެކޭ ވެސް ހީނުވާ ކަހަލަ އެވެ.

comment ފިޝަރމޭން

1 week 1 day ago

ފަންޏެއް ނޫން ވިގަންޏެއް އަޅަން ތިޔަ އުޅެނީ،

comment އެމްޑީޕީ އެތެރެމީހާ

1 week 1 day ago

އަސްލު ވެގެން އުޅޭގޮތަކީ، ރައީސް އިބޫ ޕްރައިމަރީއަށް ކުރިމަތިލާފާނެތީ، ބިރުގަންނަނީ ފައްޔާޒު އެކަންޏެއްނޫނެވެ. އަންނި މާ ބިރުގަނެއެވެ. އިބޫ ކުރިމަތިލައިފިއްޔާ، އެމްޑީޕީ ތެރެއިން، އަދިވެސް އިބޫއަށް ތާއީދު ބޮޑެވެ. މިހެންވެއްޖެޔާ 2028 އިބޫ ކާމިޔާބު ކުރާނެކަން އެންމެނަށްވެސް އެނގެއެވެ. އެހެންވީމާ، މިހާރު ކުޅިބައި އޮތްގޮތުން، އެފުރުޞަތު އިބޫއަށް ބޮޑުކަމުން، ކުޅިބައި ރީކޮންފިގަރ ކޮށްގެންވެސް، އިބޫއަށް މި ފުރުޞަތު ގެއްލުވާލުމަކީ ފައްޔާޒާ ނަޝީދުގެ ބޭނުމެކެވެ. 2023 ގެ އިންތިޚާބު އިބޫއަށް ގެއްލުވާލީވެސް ފައްޔާޒު 2028 ގައި މިފުރުޞަތު ހޯދުމަޝެވެ. ސަބަބަކީ އެއްޕާޓީއަކަށް 3 ދައުރު ކާމިޔާބު ކުރުމަކީ ރާއްޖޭގައި އަދި ވެދާނެކަމެއްކަމުގައި ގަބޫލު ނުކުރެވޭތީއެވެ. ސިކުޑިން ވިސްނައިފިއްޔާ އަޅުގނޑު މިދަންނަވާ ވާހަކަ ގަބޫލުކުރެވޭނެއެވެ. 2023 އިބޫއަށް ގެއްލުވާލީ ފައްޔާޒެވެ. އެމްޑީޕީއަށެވެ. ފައްޔާޒުގެ އަމިއްލަ އެދުމަށް، ދިވެހި ރާއްޖެއާ ރައްޔިތުން ގުރުބާންކުރީއެވެ.

comment ތުއްބީނާ

1 week 1 day ago

ތިޔައިން ފެންނަ ނަތީޖާ އަކީ ފައްޔާޒާއި ގުޅުން އުފައްދާނީ އިބޫ ބާކީކުރަން. އިބޫ ބާކީ ވީމާ ފައްޔާޒު އެކަނިވީ. ދެން ނަޝީދު ދިމާކުރާނީ ފައްޔާޒު ފުނޑާލަން. މިއީ މަށަށް ނެރެވޭ ނަތީޖާއަކީ. އެކަމަކު ހަނދާންކުރަންވާނެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކަށް ދެވަނަ ފުރުސަތެއް އޮންނާނެކަމަކަށް ނުފެނޭ. އެއްވެސް ވަރަކަށް.

comment ބާބަރީ

1 week 1 day ago

ކޮބާ އަސްލަންޓޭ އާ މިަޖިލިސް އަސްލަމު ފާޅެއްނުވޭތަ އަދިވެސް.

comment ކަދީދަ

1 week 1 day ago

ށިފާޒުމެން ދިޔައީ ސީދާ އަންނިގެ ރޭވުމުން

comment ޑެލިއަލީ

1 week 1 day ago

ތިއީ ޔަގީންކަމެއް