ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު"ން, ސަލާމަތްވުމަށް ކަނޑަށް ފުންމައިލި 25 އަހަރުގެ އަލީ މުޝްފިގު ޝަރީފު ހޯދުމުގެ ތެރެއިން ކަނޑުމަގުން ޑައިވްކޮށްގެން ފާއިތުވި 24 ގަޑިއިރުތެރޭ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 21:07 ހާއިރެވެ. އެއާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.
"ސަން"އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ބޯޓުގައި ރޯވި އިރު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، މުޝްފިގު ހޯދުމަށް ސާފޭސް ސާޗްގެ ގޮތުގައި 92.42 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި ކަނޑުމަގުން ޑައިވްކޮށްގެން 65،100 އަކަމީޓަރު ބަލާފައިވާ ކަމަށެވެ.
އެހެންނަމަވެސް، އަދި އޭނާ ފެނިފައެއް ނުވެއެވެ.
އެމްއެމްޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެމަގުން އަދި ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެ ތެރެއިން 17 މީހަކު ސަލާމަތްކޮށްފައިވާއިރު، ލ. މާވަށަށް ނިސްބަތްވާ މުޝްފިގް ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ދަނީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެ އިތުރުން ޒުވާނާ ހޯދުމުގެ މަސައްކަތުގައި ޑްރޯން ދަނީ ބޭނުންކުރަމުންނެވެ.
ޑްރޯންގެ އިތުރުން, އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ހާދިސާގައި އަނިޔާވެ ކަނޑޫދޫ ހެލްތު ސެންޓަރުން ވަނީ ދެ މީހަކަށް ރޭ ފަރުވާ ދީފައެވެ. "ސަން"އަށް މައުލޫމާތު ދެމުން އެ ސެންޓަރުން ރޭ ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ދިވެއްސަކާއި ބިދޭސީއަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އެ ދެ މީހުންނަށް ވެސް ބޭރުފުށުން އަނިޔާ ލިބިފައި ނެތް ކަމަށް ހެލްތް ސެންޓަރުން ބުނެފައިވެއެވެ.