ދިގުރަށުގެ އަލިފާނުގެ ހާދިސާއަށް ހަފުތާއެއް، ފިހުނު ދެ މީހުންނަށް އަދިވެސް އައިސީޔޫގައި ފަރުވާދެނީ

އައިޖީއެމްއެޗް ކުރިމަތި: ދިގުރަށުން ހާލު ދެރަވެގެން ގެނައި ދެ މީހުންނަށް ފަރުވާދޭތާ ދެ ހަފުތާ ވީއިރު އަދިވެސް ހާލަތަކަށް ބަދަލެއް ނާދޭ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މި މާރިޗު މަހުގެ 12ވަނަ ދުވަހު އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއަށް ހަފުތާއެއް ފާއިތުވެފައިވާއިރު، އެ ހާދިސާގައި ފިހުނު ދެ މީހުންގެ ހާލަތު އަދިވެސް ސީރިއަސްކަމަށް އައިޖީއެމްއެޗުން ކަށަވަރުކޮށްދީފިއެވެ. އެ ދެ މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ. މި ހާދިސާއަކީ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ގޭސް ލީކުވެ ހިނގި އަލިފާނުގެ ހާދިސާއެކެވެ. މި ހާދިސާގައި ޖުމްލަ ފަސް ބިދޭސިއަކު ނިޔާވެފައިވާއިރު، އިމާރާތުގެ ފަރުމާ ހުރި ގޮތުން މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ފުލުހުންގެ ތަހުގީގުން އެނގިފައިވެއެވެ.

  • މި މާރިޗު މަހުގެ 12ވަނަ ދުވަހު ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކު ނިޔާވެފައިވޭ.
  • އަލިފާނުގެ ސަބަބުން ފިހުނު ދެ މީހަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ދަނީ ފަރުވާދެމުން.
  • ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ގޭސް ލީކުވުން ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދީފައިވޭ.
  • މީހުން ސަލާމަތްކުރުމަށް އިމާރާތުގެ ފާރު ތަޅައިލަން ޖެހުނުކަމަށް ފުލުހުން ބުނެފައިވޭ.
  • މި މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވޭ.

މި މާރިޗު މަހުގެ 12ވަނަ ދުވަހު އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސިއަކު ވަނީ މަރުވެފައެވެ. އިތުރު ދެ މީހުން ފިހި، ދުމުގެ އަސަރު ކުރުމުން، އައިޖީއެމްއެޗުގައި ދެ މީހުންނަށްވެސް އަންނަނީ ފަރުވާދެމުންނެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަތާ ހަފުތާއެއް ވަނީ ވެފައެވެ.

އައިޖީއެމްއެޗުން މިއަދު 'ސަން'އަށް ބުނީ، ދިގުރަށުން ގެނައި ދެ މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އަދި ދެ މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ނުދެއެވެ.

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ޢުޘްމާން އޭރު ވިދާޅުވީ، ބިދޭސީން އުޅެމުން ދިޔަ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ ދޮރު އެކަންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މި މަހުގެ 13ވަނަ ދުވަހުގެރޭ ބުނީ، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން ނިޔާވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށެވެ.

https://sun.mv/219312

އެ ހާދިސާ ފުރިހަމައަށް ތަހްގީގުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

comment ކޮމެންޓް