އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު ޒުވާން ދެމަފިރިންގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރަށް ލައިފިއެވެ.
"ސަން" އަށް މައުލޫމާތުދެއްވައި އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހިގެން ހޮސްޕިޓަލަށް ގެނައީ އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި އެ ދެމީހުންގެ ހާލު ވެސް ސީރިއަސް ކަމަށާއި، ދެމީހުން ވެސް މިހާރު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން "ސަން" އަށް ބުނީ ރޭ ދަންވަރު 23:15 ހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އަދި ދެ މީހަކު ޒަޚަމްވެ، ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނައި ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ހާދިސާ ހިނގައި ދިޔަ ގޮތާ ގުޅޭގޮތުން އެ ރަށުން "ސަން" އާ ވާހަކަދެއްކި މީހަކު ބުނީ، އަލިފާނުގެ ހާދިސާ ހިނގައި ދިޔައީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.