ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގައި ޑްރޯން ޝޯއާއި ކުޑަކުދިންގެ ހަވީރަކާ އެކު ކުލަގަދަ ގޮތެއްގައި ފިިތުރު ޢީދު ދުވަސް ފާހަގަކުރަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، މި ހަރަކާތްތައް ކުރިއަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 16:00 އިން 17:45 އަށް ކަމަށެވެ. ތަފާތު ކުލަތަކުގެ ބޮކިތަކާ އެކު ހަނދާނުން ފޮހެނުލެވޭވަރުގެ ހަރަކާތްތަކެއް ފާހަގަކުރުމަށް އެޗްޑީސީން ވަނީ ދައުވަތު ދީފައެވެ.
އެގޮތުންް، ކުލަގަދަ ހަވީރަކަށް ފަހު އީދު ދުވަހުގެ ރޭ ހަވާއެރުވުމާއި ޑްރޯންގެ ފަރި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރުން، މާލެ މާލެ ސިޓީގައި ވެސް ކުޑަ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމައިފިއެވެ. ސިޓީ ކައުންސިލުން ބުނީ، ކުޑަ އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، އީދު ދުވަހުގެ ހަވީރު 16:00 ގައި ބޮޑު މަހުގެ ކުޅިވަރުތަކުން ކަމަށެވެ. ރަސްފަންނުން ފެށުމަށް ހަމަޖެހިފައިވާ އެ ކުޅިވަރު، މަޖީދީ މަގުން ގޮސް ނިންމާނީ އާޓީފިޝަލް ބީޗަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން މާލޭ ސަލްޓަންޕާކުން ފެށިގެން، އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާން އަދި ރަސްމީ ބޮޑުފާލަން ސަރަހައްދު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައި 'ޢީދު ހަވީރު 1446'ގެ ނަމުގައި ބޮޑު ހަވީރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ކުޑަ ޢީދު ދުވަހަށް ވާނެ ކަމަށް ބެލެވެނީ މާދަމާ ކަމަށް އިތުބާރު ހިފޭ ފަލަކީ އިލްމުވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. އެކަމަކު، ކަލަންޑަރުގައި ވާގޮތުން ޢީދު ދުވަހަކީ މި މަހުގެ 31 ވާ ހޯމަ ދުވަހެވެ.
މިދިޔަ އަހަރު ވެސް އަތޮޅުތެރެއެކޭ އެއްފަދައިން މާލޭގައި ވެސް ކުޑަ އީދު ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.