ފިތުރު އީދު ދުވަސް ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ޑްރޯން ޝޯއެއް ބާއްވައި، ހަވާ އަރުވައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން ޑްރޯން ޝޯ ބާއްވާފައިވަނީ ސެންޓްރަލް ޕާކުގައެވެ. އެގޮތުން 30 މިނެޓަށް އެ ޝޯ ކުރިއަށް ގެންގޮސްފައިވެއެވެ.
އެ ޑްރޯން ޝޯގައި ވަނީ އިސްލާމް ދީނާ ގުޅުން ހުރި ބައެއް މަންޒަރުތަކާއި ރާއްޖޭގެ ސަގާފަތުގެ އިތުރުން އެޗްޑީސީއާ ގުޅުން ހުރި މަންޒަރުތައް ވެސް ދައްކައިފައެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ސެންޓްރަލް ޕާކުގައި ހަވާ އެރުވުން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް
މީގެ އިތުރުން ފަލަސްތީނުގެ މުސްލިމުންގެ ހަނދާންއާ ކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ދައްކައިފައިވެއެވެ.
އެއަށްފަހު އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުގައި ހަވާ އަރުވައިފައެވެ. އެގޮތުން ގާތްގަނޑަކަށް ތިން މިނެޓަށް ހަވާ އަރުވައިފައިވެއެވެ.
އެ ހަރަކާތްތައް ބަލައިލުމަށް ސެންޓްރަލް ޕާކް ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެފައިވެއެވެ.

ފިތުރު އީދު ދުވަސް ފާހަގަކުރުމަށް ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި ޑްރޯން ޝޯގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް
އެ ސަރަހައްދުން "ސަން"އާ ވާހަކަ ދެއްކި މީހުން ވަނީ، އެފަދަ ހަރަކާތްތައް ނުފެންނަތާ ގިނަ ދުވަސްތަކަކަށް ފަހު ފެނުމުން، ކުޑަކުދިންނަށާއި އާއިލާތަކަށް ބޮޑު އުފަލެއް ލިބި އެކަކު އަނެކަކާ ބައްދަލުކުރަން ފުރުސަތު ލިބޭ ކަމަށް ބުނެފައެވެ.
"އެންމެން އެއް ތަނަކުން ދިމާވާނެ ކަހަލަ ކަންތައްތައް ބޭއްވުމަކީ ހަމަ ގައިމުވެސް ހިތްހަމަޖެހުން އެންމެންނަށް ވެސް، ހުރިހާ އުމުރެއްގެ ބަޔަކަށް ވެސް ލިބިގެންދާނެ އުފާވެރިކަމެއް،" ޝުއޫރު ފާޅުކުރި މީހަކު ބުންޏެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރު ވެސް އީދު ދުވަސްތަކުގައި ގިނަ ހަރަކާތްތައް ބާއްވައިފައިވެއެވެ.

ފިތުރު އީދު ދުވަސް ފާހަގަކުރުމަށް ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި ޑްރޯން ޝޯގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް
މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ފަށަފައިފައިވަނީ، މާލެ ހިމެނޭ ގޮތަށް 64 ރަށެއްގައި ރޭ އީދު ބޮކިތައް ދިއްލުމަށް ފަހުގައެވެ. މިއަދު ހަވީރު އެމްއެންޑީއެފުން އިސްވެ އިންތިޒާމުކޮށްގެން ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކާއި ހުކުރު މިސްކިތް ސަރަހައްދުގައި ކުޑަކުދިންނާ ގުޅުންހުރި ހަރަކާތްތައް ބާއްވައިފައިވެއެވެ.
ރައީސާއި އެ މަނިކުފާނުގެ އާއިލާ ވެސް އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ ކުޑަކުދިން އެ ކުޅިވަރުތަކުގައި ބައިވެރިވެފައިވެއެވެ.