މި އަހަރު ވެސް މާލޭގައި ކުލަގަދަކޮށް ކުޑަ އީދު ފާހަގަކުރަނީ

މިދިޔަ އަަހަރުގެ އީދަށް ޖުމްހޫރީ މައިދާން ޒީނަތްތެރިކޮށްފައި: މި އަހަރު ވެސް މާލޭގައި ކުލަގަދަކޮށް ކުޑަ އީދު ފާހަގަކުރަން ނިންމައިފި -- ފޮޓޯ/ ރައީސް އޮފީސް

މާލެ ސިޓީގައި މި އަހަރު ވެސް ކުޑަ އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މި އަހަރުގެ ކުޑަ އީދުގެ ކުޅިވަރުތައް ''ސާދަ އެންޓަޓައިމަންޓް'' އާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުޑަ އީދުގެ ހަރަކާތްތައް ބޭއްވުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މޭޔަރު އާދަމް އާޒިމްއެވެ. އަދި އެ އެބަސްވުމުގައި ސާދަ އެންޓަޓައިމަންޓުގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު ޖަޒުލާން ޝަރީފެވެ.

ސިޓީ ކައުންސިލުން ބުނީ ކުޑަ އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، އީދު ދުވަހުގެ ހަވީރު 16:00 ގައި ބޮޑު މަހުގެ ކުޅިވަރުތަކުން ކަމަށެވެ. ރަސްފަންނުން ފެށުމަށް ހަމަޖެހިފައިވާ އެ ކުޅިވަރު، މަޖީދީ މަގުން ގޮސް ނިންމާނީ އާޓީފިޝަލް ބީޗަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.

ކުޑަ އީދުގެ ކުޅިވަރުތައް ''ސާދަ އެންޓަޓައިމަންޓް'' އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން އެއްބަސްވުމަކަށް -- ފޮޓޯ/ މާޅެ ސިޓީ ކައުންސިލް

މީގެ އިތުރުން އީދުގެ ފުރަތަމަ ދުވަހަށް ފަހު، އީދު ބަންދު ތިން ދުވަހު، އާޓިފިޝަލް ބީޗްގައި ވެސް ސާދަ އެންޓަޓައިމަންޓުން ސަގާފީ ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން އެ ތިން ދުވަހުގެ ހަވީރާއި ރޭގަނޑު ވެސް އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ސަގާފީ ފެސްޓިވަލްގައި، ސަގާފީ ގޮތުން ކުޅެމުން އަންނަ ބައެއް ކުޅިވަރުތައް ކަމަށްވާ، ބަނޑިއާ ޖެހުމާއި، ތާރަޖެހުން އަދި ބޮޑުބެރު ޖެހުން ފަދަ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދޭން ވެސް، ސާދަ އެންޓަޓައިމަންޓުން މިހާރު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން ކުޑަ ކުދިންގެ ހަވީރަކާއި، މިއުޒިކް ޝޯއެއް ވެސް، އީދު ބަންދު ދުވަސްތަކުގައި އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ސާދަ އެންޓަޓައިމަންޓުން ވަނީ ނިންމައިފައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ކުޑަ އީދަށް މާލެ ސަރަހައްދު ކުލަ ބޮކިތަކާއި ޝިއާރުތަކުން ދިއްލުމަށް، އެ ކައުންސިލާއި ސިޓީސް މިނިސްޓްރީ އަދި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރުވެސް އަތޮޅުތެރެއެކޭ އެއްފަދައިން މާލޭގައި ވެސް ކުޑަ އީދު ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

comment ކޮމެންޓް