އޭއައި ބޭނުންކޮށްގެން ހުރިހާ ފޮޓޯތަކެއް 'ސްޓޫޑިއޯ ގިބްލީ' ސްޓައިލަށް

މިދުވަސްކޮޅު އެކްސް (ކުރީގެ ޓްވިޓާ) ހުޅުވާލައިފި ނަމަ ކޮންމެ ދެ ޕޯސްޓެއް ދޭތެރެއިން ފެންނާނީ އެކައްޗެކެވެ. އެއީ ފޮޓޯތައް އެނިމޭޝަން ސްޓައިލަށް ބަދަލުކޮށްގެން ޕޯސްޓު ކުރާ ތަނެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މި ޕޯސްޓު ކުރާ ފޮޓޯތައް ވައިރަލްވެފައިވާއިރު މިކަމާ އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިދުވަސްކޮޅު އެންމެ ވައިރަލް ވެފައިވަނީ އޯޕެން އޭއައިގެ އާ ވާޝަން ބޭނުންކޮށްގެން ތަސްވީރުތައް އުފެއްދުމެވެ. ހާއްސަކޮށް އެކްސްގައި މި މަގުބޫލުކަން ވަނީ އިތުރުވެފައެވެ. ފޮޓޯތައް އާންމުކުރަމުން ގޮސް ދެން މަގުބޫލުވާން ފަށާފައިވަނީ ޖަޕާނުގެ މަގުބޫލު އާޓިސްޓެއް ކަމަށްވާ ހަޔާއޮ މިޔަޒާކީގެ ސްޓޫޑިއޯ ގިބްލީގެ އާޓް ސްޓައިލްގެ މަންޒަރުތަކެވެ. މީގެކުރީން ނަގާފައިވާ އާދައިގެ ފޮޓޯތައް އޭއައި ބޭނުންކޮށްގެން މި ސްޓައިލަށް ބަދަލުކޮށް ޕޯސްޓު ކުރުން ވަނީ މިހާރު ވައިރަލްވެފައެވެ.

ނަމަވެސް މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ މި ޕޯސްޓުތަކަށް ރައްދުވެފައެވެ. އެއީ އެތައް އިރެއްގެ މަސައްކަތްތައް ކޮޕީ ކުރުމަށްފަހު އޭއައި މި ފަދަ ތަސްވީރުތައް އުފައްދާތީއެވެ. އަދި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް ޕޯސްޓްކޮށް އެންގޭޖްމެންޓް ހޯދައި ވައިރަލް ވަނީ އެހެން ބައެއްގެ މަސައްކަތްތައް ކޮޕީ ކުރާތީ ކަމަށް އެތައް ބަޔަކު ބުނަމުން އެބަ ދެއެވެ.

އެތައް ބަޔަކު ބުނަމުން އަންނަނީ މި ސްޓައިލް ބޭނުންކޮށްގެން ޕޯސްޓު ކޮށްގެން ނުވާނެ ކަމަށެވެ.

އަމިއްލަ ބޭނުމަށް ރައްކާކުރުމަށް ބޭނުން ނަމަ އެއީ ކުރަން ގޯސް ކަމެއް ނޫން ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް އަމިއްލަ އާޓުގެ ގޮތުގައި ދައްކައިގެން މިފަދަ ތަސްވީރުތައް އާންމުކުރުމުން އެކަން ގޯސްވާ ކަމަށް ގިނަ ބަޔަކު ބުނަމުން އާދެއެވެ.

އޭއައި ބޭނުންކޮށްގެން އާޓު އުފެއްދުމާ ގުޅޭގޮތުން ހުދު މިޔަޒާކީ ވެސް ވަނީ މީގެކުރީން ނުރުހުން ފާޅުކޮށްފައެވެ. މިޔަޒާކީ ބުނެފައިވާގޮތުގައި އޭއައި އާޓަކީ އާޓިސްޓުންގެ ބުރަ މަސައްކަތަށް "ކޮޅުފައިން އެރުން" ފަދަ ކަމެކެވެ. މިޔަޒާކީ ތައްޔާރުކުރި ބައެއް މަންޒަރުތައް އެކަނި ނިންމަންވެސް ބައެއް ފަހަރު އެތައް އަހަރެއް ހޭދަވެފައިވެއެވެ. އެއާއެކު އޭއައި ބޭނުންކޮށްގެން އެ ހުރިގޮތަށް ނަކަލުކޮށްގެން ބޭނުންކުރުމަކީ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރާ ކަމުގެ ހެއްކެއް ކަމުގައި އޭނާ ބުނެއެވެ.

comment ކޮމެންޓް