މުޅި ރޯދަމަހު ސްކޫލްތައް ބަންދުކުރުމާ މެދު ގޮތެއް ނިންމިޔަސް، އެ ދުވަސްތަކުގައި ވެސް މުދައްރިސުން ރަސްމީކޮށް މަސައްކަތަށް ނުކުންނަން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ދީނީ އަޅުކަމަށް ފުރުސަތު ދިނުމަށް ޓަކައި ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. މި އަހަރު އަހަރީ ޗުއްޓީ ދިމާވީ ރޯދަމަހަށް ކަމުން، މުޅި ރޯދަމަހު ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.
އިއްޔެ އެ މަނިކުފާނުވަނީ، އެހެން އަހަރުތަކުގައި ވެސް މުޅި ރޯދަމަހު ސްކޫލް ބަންދުކުރުމަށް ގިނަ ބެލެނިވެރިން އެދޭތީ އެކަން ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރަށް އަންގަވައިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅޭ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުވުމުން، ރޯދަމަހުގައި ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށެވެ. އެ 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެން މަސްތަކުގެ ހަ ދުވަހުގެ ކިޔަވައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ، ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުގައި އެދިފައިވަނީ މަދު ވަގުތުތަކަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީ ކަމަށެވެ.
މީގެ އިތުރަށް ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިން ވެސް ބައެއް މުދައްރިސުން އާންމު މަސްތަކާ ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަންކަމުގެ ސަބަބުން ކިޔަވައިދިނުން އެންމެ އެކަށީގެންވާ ގޮތަށް ނުގެންދެވުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ." މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ރޯދަމަހުގެ ދުވަސްތަކުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިން ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން ސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

މާލޭ ކަލާފާން ސްކޫލު: މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 -- ސަން ފޮޓޯ
މީގެ އިތުރަށް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް އެ ދުވަސްތަކުގައި ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ބަދަލެއް ގެނައި ނަމަވެސް، ބައިނަލްއަގުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންގެ ކިޔެވުން އޮންނާނެކަން ވެސް ޝަފީއު ފާހަގަކުރިއެވެ.
"މި ދުވަސްތަކުގައި ހުރިހާ މުދައްރިސުން ރަސްމީކޮށް މަސައްކަތައް ނުކުންނަވާނެއެވެ. މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ އަބަދުވެސް އޮންނަ ގޮތަށް ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމުންނެވެ. މިގޮތުން 2025ގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރު މަހުން ފެށިގެންނެވެ." އޭނާ ލިޔުއްވާފައިވެއެވެ.
ޝަފީއު ވިދާޅުވީ މި އަހަރުގެ ދިރާސީ އަހަރު ފެށުމުން، ރައީސްގެ ލަފާފުޅާމެދު ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.
އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމު އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށައި، ޗުއްޓީ ފެށޭނީ ޖުލައި 24ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު މަހު 10ގައެވެ.
ދިރާސީ އާ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ.
ޖެހިގެން އަންނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27ގައެވެ.
ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
comment ކަނީސާ
3 day 13 hour ago
ތިޔައީ ބޭނުން ކަމެއް ނޫނެއްނު ޓީޗަރުންނަށް ޗުއްޓީ ނުލިބޭ ނަމަ ކުރާކަށް. އެހެންނާފަހެ ރޯދަމަހުގެ ގިނަ ވަގުތު ތަކުގައި ސްކޫލްގަ އުޅެފަ ތިނެއް ހަތަރެއް ޖަހާ ފަހުން ގެއަށް އައިސް އިރު އޮއްސޭއިރަށް ކަންތައްތައ ނުކުރެވޭތީ މި އުޅޭނީ. ޓީޗަރުންނަށް ޗުއްޓީ ނުލިބޭނަމަ ބޭކާރު ކަމެއް