މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރުގެ ހާލަތު ގޯސްވެފައިވާތީ، އެ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ސިފައިން މިއަދު ފަށައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވަނީ، އޮރެންޖު ހިޔާގެ މަސައްކަތުގެ ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއި ކޮންޓްރެކްޓް ވެސް ހަމަވާތީ މިއަދުން ފެށިގެން އެތަން ނިންމުމުގެ މަސައްކަތް ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށް އިއްޔެ ވިދާޅުވެފައެވެ.
އެހެންވެ، އެމްއެންޑީއެފުން މިއަދު އެ މަސައްކަތް ފެށިއިރު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އެ އިމާރާތަށް ޒިޔާރަތްކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލައްވައިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާސާއި އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް، ކާނަލް އިސްމާޢިލް ނަޞީރާއި އެމްއެންޑީއެފް ސާވިސް ކޯގެ ޔުނިޓްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޮރެންޖު ހިޔާގެ މަސައްކަތް ސިފައިން ކުރަނީ: އެ މަސައްކަތް ސިފައިންނާ ހަވާލުކުރީ މަހެއް ތެރޭގައި ނިންމަން -- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ، ދިފާއީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަރުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުން ކުރަމުންދާނެއެވެ.
އެ މަސައްކަތުގެ އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންކަން ވެސް އެމްއެންޑީއެފުން ފާހަގަކުރިއެވެ.
މީގެ އިތުރުން އެ އިމާރާތުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރުންގެ ޑިޒައިނިން ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ މުއައްސަސާގެ އަމާޒަކީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމެވެ.
ތެލެސީމިއާ ސެންޓަރު ބަދަލު ކުރުމުގެ މަސައްކަތް އަވަސްކުރަން ނިންމައިފައިވާއިރު، ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީ ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން ވަނީ މި މަހު 23 ގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާއާ އެކު ޖެހިގެން އައި ދުވަހު ރައީސް ވަނީ އެ ސެންޓަރަށް ވަޑައިގެންފައެވެ.
އެ މަނިކުފާނުވަނީ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެކަމުގައި ވިދާޅުވެފައެވެ.
އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.
މީގެ ކުރިން ވެސް ގައުމީ ފެންވަރުގެ މުހިންމު މަޝްރޫއުތައް އަވަސް ކުރުމަށް ޓަކައި ސިފައިން ނެރެފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ނިންމީ ސިފައިންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.