ދަނޑުތަކަށް ޖަހާ ކެމިކަލާއި ކެންސަރުގެ ނުރައްކާ: މިނިސްޓްރީން ކިޔައިދިނީ ގަވާއިދު އޮތްގޮތް!

އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑުގައި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައް ނުހިމެނޭ ކަމަށް ބުނެފައި -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖޭގެ ބައެއް ދަނޑުތަކުން ބާޒާރަށް ނެރޭ ތަރުކާރީއާއި މޭވާގައި ނުރައްކާ މިންވަރަކަށް ކެމިކަލް ނުވަތަ ޕެސްޓިސައިޑް ހުރުމުގެ ކަންބޮޑުވުން އިތުރުވެ، އެ މައްސަލައާ ކެންސަރު ބަލި އިތުރުވުމާ ގުޅުން އޮތް ކަމުގެ ބިރު އުފެދިފައި ވަނިކޮށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ގޮތުން ގާނޫނާއި ގަވައިދުތަކަށް އަމަލުކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ އެކިއެކި ކެމިކަލްތައް ނުވަތަ ޕެސްޓިސައިޑުން މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ކަންބޮޑުވުންތައް އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފެށީ، ނިސްބަތުން ކުޑަކުޑަ އާބާދީއެއް އޮތް ބ. ގޮއިދޫގައި ކެންސަރު ބަލި އާއްމުވާ ސަބަބު ދިރާސާކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް އެ ރަށުގެ ރައްޔިތަކު އެދުމާ ގުޅިގެންނެވެ.

ގޮއިދޫގެ ޝަހުލާ ވަޖީހު, އެގްރިކަލްޗާ މިނިސްޓްރީއަށާއި ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ރަށުގައި ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މިދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

އޭނާގެ ސިޓީގައި ވަނީ ގޮއިދޫގައި ދަނޑު ހެއްދުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 95 އިންސައްތަ ދަނޑުތަކަކީ، ދަނޑުގެ ވެރިފަރާތުން ބިދޭސީންގެ އަތް މައްޗަށް ދޫކޮށްލާފައިވާ ދަނޑުތަކެއް ކަމަށް ބުނެފައެވެ. އަދި ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަށް 'ޕެސްޓިސައިޑްސް' އަދި އެ ނޫންވެސް އެކިއެކި ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ތަކެތި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

https://sun.mv/215019

އެ މައްސަލައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި ވަނިކޮށް އިއްޔެ އެގްރިކަލްޗާ މިނިސްޓްރީން ވަނީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައުޑު ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ޚިލާފަށް ޕެސްޓިސައިޑް ބޭނުންކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެ މިނިސްޓްރީން ބުނީ، ރާއްޖެއަށް އެތެރެކުރާ ޕެސްޓިސައިޑަށް ހުއްދަ ދެމުން އަންނަނީ، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ޚާއްސަ ހުއްދައެއްގެ ދަށުން ޑިފެންސް މިނިސްޓްރީން ކަމަށެވެ. އެގޮތުން ހުއްދަ ދޭއިރު އެގްރިކަލްޗާ މިނިސްޓްރީގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކުރަމުން ގެންދާ ކަމަށާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓްރީއެއް ގެެޒެޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ''ޓޮކްސިޓީ ކިލާހުގެ ވަން އޭ އާއި ވަންބީގައި'' ހިމަނައިފައިވާ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް އެ ރަޖިސްޓްރީގައި ހިމަނާފައިނުވާ ކަމަށެވެ. އަދި ޓޮކްސިޓީ ކްލާސް ދޭއްގައި ހިމެނޭ ގިނަ އަދަދެއްގެ ޕެސްޓިސައިޑުގެ އިތުރުން ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް ތިނެއްގައި ހިމެނޭ ޕެސްޓިސައިޑުތައް ވެސް ލިސްޓުގައި ހިމަނައިފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

"އަދި މަސްމަހާމެއްސަސާއި ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައް ވެސް ހިމެނިފައިނުވެއެވެ. މީގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ގިނަ އަދަދެއްގެ ބަޔޯޕެސްޓިސައިޑާއި ބަޔޮލޮޖިކަލް އޭޖެންޓްސް ހިމެނިފައިވެއެވެ." އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި ޖަނަވާރުންނަށާއި އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑް ބޭނުންކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި، އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާ ގުޅޭ ގޮތުން ދަނޑުވެރިން ހޭލުންތެރިކުރުމަށް، ޕެސްޓިސައިޑް ވިއްކާ މީހުންނަށް ގަވައިދުގައި ލާޒިމުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖޭގެ ރަށެއްގެ ދަނޑެއް: އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑުގައި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައް ނުހިމެނޭ ކަމަށް ބުނެފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހަމައެއާއެކު، ވިއްކާ ކޮންމެ ޕެސްޓިސައިޑަކާ ބެހޭ ގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުން މައުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި ޕެސްޓިސައިޑް ގަންނަ ފަރާތްތަކަށް ގަންނަ ކޮންމެ ޕެސްޓިސައިޑަކާއެކު މައުލޫމާތު ކަރުދާސް ފޯރުކޮށްދިނުމަށް އެ ގަވައިދުގައި ލާޒިމުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ފާހަގަކުރީ، ދަނޑުވެރިކަމުގެ ރަނގަޅު އާދަތަކަށް ހޭލުންތެރިކުރުމަށާއި ރަނގަޅު ގޮތުގައި ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ގޮތުން ޕްރޮގްރާމްތައް ބާއްވަމުން އަންނަ ކަމެވެ.

މީގެ އިތުރުން ޕެސްޓިސައިޑު ބަންދުކޮށްފައި ހުންނަ ކަންވާރުގައި ހަރުކޮށްފައި ހުންނަ ލޭބަލަކީ ގާނޫނީ ލިޔުމަކަށްވާއިރު، ޕެސްޓިސައިޑާ ބެހޭ މުހިންމު މައުލޫމާތުތައް އޭގައި ހިމަނައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތާއި، ޕެސްޓިސައިޑް ބޭނުންކުރާ މީހާއާއި ވެއްޓާއި ވެށީގައި އުޅޭ، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ސޫފާސޫފި ފިޔަވައި އެހެނިގެން ދިރުންތައް ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ޕެސްޓިސައިޑަށް ހާސާވުމުން ލިބޭ ސިއްހީ ގެއްލުންތަކާއި، ޕެސްޓިސައިޑް ނައްތާލާނެ ގޮތާއި، ފުރަތަމަ ސިއްހީ އެހީއާއި، އެތެރެހައްޓަށް ޕެސްޓިސައިޑް އެތެރެވެއްޖެނަމަ ދޭނެ ވިހައިގެ ބޭހާބެހޭ މައުލޫމާތު ވެސް ލޭބަލުގައި ހިމެނިފައިވެއެވެ." ބަޔާނުގައިވެއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ، ޕެސްޓިސައިޑް ބޭނުންކުރާ މީހުން އެ ތަކެތި ބޭނުންކުރުމުގައި ލޭބަލުގައާއި މައުލޫމާތު ކަރުދާހުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރާނަމަ ޕެސްޓިސައިޑުން ސިއްހަތަށް އޮތް ހިރާސް ވަރަށް ކުޑަވާނެ ކަމަށެވެ.

ރާއްޖޭގެ ރަށެއްގެ ދަނޑުތައް: އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑުގައި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައް ނުހިމެނޭ ކަމަށް ބުނެފައި ----

އެ މިނިސްޓްރީން ވަނީ، ރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެކުރާ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ސިއްހަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށް ޓަކައި އެ ތަކެތި ޓެސްޓު ކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ބުނެފައެވެ. އަދި އެކަމުގެ ގާބިލުކަން ހޯދުމަށް ޓަކައި އެ މިނިސްޓްރީންނާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި، އެފަދަ އުފެއްދުންތައް ތަހުލީލުކުރުމުގެ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ ޚިލާފަށް ޕެސްޓިސައިޑް ބޭނުންކުރުމަކީ ކުށެއް ކަމަށާއި، އެފަދަ ކުށްތަކަށް ގާނޫނުގައި އަދަބު ކަނޑައަޅައިފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި ގާނޫނާ ޚިލާފަށް ކުރާ ކަންކަން ރިޕޯޓު ކުރުން ވެސް ގާނޫނުން ލާޒިމުކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ގޮއިދޫގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން، ރާއްޖޭގެ ފުރަތަމަ ކްލިނިކަލް އޮންކޮލޮޖިސްޓް ޑރ. މުޙައްމަދު އަމްރު އަޙްމަދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އެއީ ރަނގަޅު ތަހުލީލެއްކޮށް ބަލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ގޮއިދޫ ކަހަލަ ކުޑަ އާބާދީއެއްގެ ތެރޭގައި ފަސް އަހަރު ތެރޭގައި ކެންސަރުގެ ނުވަ ކޭސް ފެނުމަކީ ގިނަ އަދަދެއްކަން އަމުރު ފާހަގަ ކުރެއްވިއެވެ.

https://sun.mv/215114

އޭނާ ވިދާޅުވީ ދަނޑުވެރިންނާއި ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނާއި ދަނޑުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން, ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާނަމަ, ޕެސްޓިސައިޑުން ލިބޭ ގެއްލުންތަކަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ނަމަވެސް އަމުރު ވަނީ، ކެންސަރު ޖެހެނީ ހަމައެކަނި ޕެސްޓިސައިޑުން ނޫންކަން ފާހަގަކުރައްވައި، އާއިލީގޮތުން ވާރުތަވުމާއި އިންފެކްޝަނެއްގެ އަސަރުކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އެ މީހާ ދިރިއުޅޭ މާހައުލު ބޮޑު ދައުރެއް އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް