ވިޔަފާރިއާއި އެކިއެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ގޮސް އުޅޭ ތައިލޭންޑްގެ ވެރިރަށް ބެންކޮކަށާއި އެ ގައުމާ އަވައްޓެރި މިޔަންމާއަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާއަށް 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާ އާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް މި ބިންހެލުމުގެ އަސަރު އިހުސާސް ކުރެވިފައިވާ ކަމަށް, އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެއެވެ.
ޔޫއެސްޖީއެސްއިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ސަގައިން ސިޓީގެ ހުޅަނގު އުތުރުން 16 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.

ބެންކޮކަށް އައި ބިންހެލުން -- ފޮޓޯ/ އޭއެފްޕީ
މި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ބެންކޮކުގެ މެދުތެރޭގެ އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ސަރަހައްދެކެވެ. "ސަން" އާ ވާހަކަ ދެއްކި, އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހީން ބުނީ އަދިވެސް އެ މީހުން ތިބީ އިމާރާތްތަކަށް ނުވަދެވި މަގުމަތީގައި ކަމަށެވެ.
މި ބިންހެލުމުގައި ދިވެއްސަކަށް ގެއްލުމެއްވި ކަމެއް ނުވަތަ ނޫންކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.
އޭއެފްޕީއިން ބުނިގޮތުގައި މި ބިންހެލުމުގެ ސަބަބުން މިޔަންމާގެ ބައެއް ސިޓީތަކުގެ މަގުތައް ފަޅަފަޅައިގެންގޮސް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި, އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ.
މި ގެއްލުންތަކުގެ ސަބަބުން ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ ވަނީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ.
މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.
މި ބެންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.