އައްޑުއާ 1،245 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެ، ނުރައްކަލެއް ނެތް

ބިންހެލުން އައި ސަރަހައްދު ރަތް ކުލައިން ފާހަގަކޮށްފައި: މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓުން ބުނޭ ----

އައްޑޫ ސިޓީއާ 1،245 ކިލޯ މީޓަރު ދުރަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.

މެޓު އޮފީހުން ބުނި ގޮތުގައި، 5.2 މެގްނިޓިއުޑް ބާރުމިނުގައި މި ބިންހެލުން އައީ، މިޑް އިންޑިއަން ރިޖްއަށެވެ.

އެއީ، އައްޑޫ ސިޓީއާ 1،245 ކިލޯ މީޓަރު ދުރުމިނެވެ.

މެޓު އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ބިންހެލުން އައީ ހަވީރު 04:28ގައެވެ.

މެޓުން ބުނީ، މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

ބިންހެލުން އައި 'މިޑް އިންޑިއަން ރިޖް' ނުވަތަ އިންޑިއާ ކަނޑުގެ މެދުތެރޭ ފަރުބަދަ ބޭސް އަކީ އިންޑިއާ ކަނޑުގައިވާ، ދިިރުންހުރި، ކަނޑުއަޑީގެ ބޮޑު ފަރުބަދަ ބޭސްއެކެވެ. މިއީ އެފްރިކާގެ ޕްލޭޓާއި އިންޑޯ-އޮސްޓްރޭލިއާގެ ޕްލޭޓް ވަކިވަމުންދާ 'ޑައިވާޖަންޓް ޕްލޭޓް ބައުންޑަރީ' އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އައްޑުއާ 833 ކިލޯމީޓަރު ދުރުގައި އޮތް ޗާގޯސް އާކިޕެލަގޯއަށް ބިންހެލުމެއް އައެވެ.

comment ކޮމެންޓް