ބާރުގަދަ ދެ ބިންހެލުމާއެކު ޕެނަމާއަށް ގެއްލުންތަކެއް

ޕެނަމާއަށް އައި ބިންހެލުމާ ގުޅިގެން މީހުން މަގުމަތީގައި -- ފޮޓޯ/ އޭޕީ

ޕެނަމާގެ ދެކުނަށް 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުރަތަަމަ ބިންހެލުން އައީ 7.6 މެގްނިޓިއުޑްގައި ކަމަށްވާއިރު، ދެވަނަ ބިންހެލުމުގައި 7.7 މެގްނިޓިއުޑް ހުއްޓެވެ. އެ ބިންހެލުންތަކާ ގުޅިގެން ސުނާމީގެ އިންޒާރެއް ފުރަތަމަ ނެރުނު ނަމަވެސް، ފަހުން ޔޫއެސްޖީއެސްއިން ވަނީ ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ.

ޕެނަމާގެ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޑިރެކްޓަރު ރެނޭ ގާސިއާ ސީއެންއެންއަށް މައުލޫމާތު ދެއްވި ގޮތުގައި، ބިންހެލުމަށްފަހު 147 އާފްޓާޝޮކް އައިސްފައިވެއެވެ. އޭގެ ތެރޭގައި 6.1 އަދި 6.6 މެގްނިޓިއުޑްގެ ލޮޅުންތައް ހިމެނެއެވެ.

ޕެނަމާގެ ސިވިލް ޕްރޮޓެކްޝަން ސިސްޓަމުން ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ގެތަކާއި، މަގުތަކާއި، ހޮޓާތަކާއި، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން އެންމެ ބޮޑެތި ގެއްލުންތައް ރިޕޯޓުކޮށްފައިވަނީ ދެކުނުގައި އޮންނަ ކޮކްލޭ ޕްރޮވިންސުން ކަމަށްވާއިރު، އެ ގައުމުގެ މަޝްހޫރު ރިސޯޓު ރަށެއް ކަމަށްވާ ޕްލާޔާ ވެނާއޯގައި އުސް އިމާރާތެއް ވެއްޓި، ގިނަ އަދަދެއްގެ އުޅަނދުތައް އެ އިމާރާތުގެ ދަށުވެ، ގެއްލުންވެފައިވެއެވެ.

އެ ބިންހެލުންތަކާ ގުޅިގެން ވެރިރަށް ޕެނަމާ ސިޓީގެ މެޓްރޯގެ ދެ ލައިނެއްގެ ޚިދުމަތް މެދުކަނޑާލައި، ބައެއް ސްޓޭޝަންތަކުން މީހުން ވަނީ ހުސްކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މައި އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށް، ފްލައިޓްތައް އެހެން އެއާޕޯޓުތަކަށް ޑައިވާޓްކޮށްފައިވެއެވެ. މީގެ އިތުރުން، ކަރަންޓު ކެނޑުމުގެ ސަބަބުން ފެން ސާފުކުރާ ބައެއް ޕްލާންޓުތަކުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުޅި ގައުމުގެ ސްކޫލްތައް ބަންދުކޮށްފައެވެ.

މިއީ މިއަހަރު ލެޓިން އެމެރިކާއަށް އައި ބާރުގަދަ ބިންހެލުންތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. މި އަހަރުގެ ހޫނު މޫސުމުގައި ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމެއްގައި 6،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ކޮލަމްބިއާއަށް އައި ބިންހެލުމެއްގައި 300 އެއްހާ މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް