އާރިއާނާގެ އާ ލަވަތަކަށް ތަރުހީބު އޮހެނީ

މިއުޒިކް އިންޑަސްޓްރީގެ އެންމެ ފާހަގަކުރެވޭ ނަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ނަން ކަމުގައިވާ އާރިއާނާ ގްރާންޑޭގެ އާ މިއުޒިކް ރިލީޒްކުރުމާ އެކު ތަރުހީބު އޮހެން ފަށައިފިއެވެ.

އާރިއާނާ ދާދިފަހުން ވަނީ އޭނާގެ އެންމެ ފަހުގެ އަލްބަމް "އިޓާނަލް ސަންޝައިން"ގެ ޑިލަކްސް ވާޝަން، އިތުރު ހަ ލަވައާއެކު ރިލީޒްކޮށްފައެވެ. މި ހަ ލަވައަކީ މީގެ ކުރީން އަޑު އިވިފައިނުވާނެ ލަވަތަކެކެވެ.

އަލަށް ރިލީޒްކޮށްފައިވާ ހަ ލަވައިގެ ހުރިހާ ލަވަތަކަކުން ތަފާތު މޫޑްތައް ދައްކުވައިދެއެވެ. އޭގެ ތެރޭގައި ތަންކޮޅެއް ހިތާމަވެރި ލަވަތަކުގެ އިތުރުން ޑާންސް ޕޮޕް މޫޑްގެ ލަވަތައް ވެސް ހިމެނެއެވެ.

މި ލަވަތައް އިއްޔެ ރިލީޒްކުރުމާ އެކު އެތައް ބަޔަކު އަންނަނީ އެ ލަވަތަކަށް ތައުރީފް ކުރަމުންނެވެ. އަދި، މުޅި ސޯޝަލް މީޑިއާގައި އިއްޔެ އެއްކޮށް ދައްކާފައިވަނީ މި ލަވަތަކުގެ ވާހަކައެވެ. އެތައް ބަޔަކު ބުނަމުން އަންނަނީ އެ ލަވަތަކަކީ އާރިއާނާގެ ހުނަރު އިތުރަށް ފެނިގެންދާ ލަވަތަކެއް ކަމަށެވެ.

މިއީ އޭނާ ކައިރި މުސްތަގުބަލެއްގައި ނެރޭނެ އެންމެ ފަހު މިއުޒިކް ކަމަށް ވެދާނެ ކަމަށް އޭނާގެ ފޭނުން ބުނެއެވެ. މިއީ އޭނާގެ މިދިޔަ އަހަރުގެ އޮރިޖިނަލް އަލްބަމަށް މީގެ ކުރީން ރިކޯޑުކޮށްފައި ނަމަވެސް ހިތްހަމަ ނުޖެހިގެން އަލްބަމްގައި ހިމަނާފައިނުވާ ލަވަތަކެވެ.

އާރިއާނާ ވަނީ ދާދިފަހުން ހޮލީވުޑްގެ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައެވެ. މިދިޔަ އަހަރު ފަހުކޮޅު އެޅުވި މިއުޒިކަލް ފިލްމު ކަމަށްވާ "ވިކެޑް"ގައި މުހިއްމު ރޯލަކުން ފެނިފައިވާއިރު ގިނަ ބަޔަކު އޭނާގެ އެކްޓިން ހުނަރު ވަނީ ބަލައިގަނެފައެވެ. އޭނާގެ އެކްޓިންއަށް ވަނީ އޮސްކާ ނޯމިނޭޝަނެއް ވެސް ލިބިފައެވެ.

މިދިޔަ މަހު އާރިއާނާ އިއުލާނުކޮށްފައިވަނީ މިއުޒިކާ ދުރަށް ދާން ނިންމާފައިވާ ކަމެވެ. އެއަށް ފަހު ބޮޑަށް ސަމާލުކަން ދޭނީ އެކްޓިންއަށް ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންވީމާ ދެން އެހާ އަވަހަށް އާރިއާނާގެ މިއުޒިކް އަޑުއަހަން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް