ރައީސްގެ އެދިވަޑައިގަތީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވާން އަޒުމު ކަނޑައަޅަން

ރައީސުލްޖުމްހޫރިއްޔާ ރ. ހުޅުދުއްފާރަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހާއެކު އެ ބަލި ޖެހެން މަގުފަހިވާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކެންސަރު ބަލި ޖެހެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމަލު ކުރުން ކަމަށް ވިދާޅުވެފައެވެ.

އެެހެންކަމުން ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި އެ ނުބައި އާދައިން ދުރުހެލިވުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

https://www.sun.mv/202179

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ ވަނީ، ރާއްޖޭގައި ކެންސަރު ބަލި، ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު، އެ ބަލި ޖެހިފައިވާ މީހުންގެ ދަފުތަރަށް އަހަރެއްހާ ދުވަހުގެ ތެރޭގައި 200 މީހުން އިތުރުވެފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން، އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އަހްމަދު މުއާޒު އާދަމް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި ކެންސަރަށް ފަރުވާކުރާ 1،400 އަށްވުރެ ގިނަ މީހުން ރިކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 1،600 އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ކުރާ ކަމަށް ރިކޯޑުތަކުން ދައްކާކަމަށް މުއާޒު ވިދާޅުވިއެވެ.

އެއީ ހޮސްޕިޓަލުތަކުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ފެންނަން ހުރި އަދަދުތަކެވެ. ކެންސަރު ބަަލީގެ ތަފާސްހިސާބުތައް އެކުލަވައިލުމުގެ މަސައްކަތް މިދިޔަ ދެ އަހަރުން ފެށިގެން އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

އޭގެއިތުރުން، ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް ރާއްޖޭގައި ވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން 84 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުނޭ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕު މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އެއާއެކު ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

comment ކޮމެންޓް