ދުވާލަކު 30،000 ރުފިޔާ ލިބޭ ވިޔަފާރިވެރިންނަށް މި ރޯދަމަހު ލިބެނީ 4،000 ރުފިޔާ

ރޯދަމަހަށް މާރުކޭޓުތެރެ: ވިޔަފާރިތައް ދަށްވެ، ދުވާލަކު 30،000 ރުފިޔާ ލިބޭ ވިޔަފާރިވެރިންނަށް މި ރޯދަމަހު ލިބެނީ 4،000 ރުފިޔާ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އެހެން ރޯދަ މަސް މަހާ ޚިލާފަށް މި ރޯދަމަހު މާރުކޭޓު ވިޔަފާރިތައް ވަރަށް ބޮޑަށް ދަށްވެެ, ދުވާލަކު 30،000 ރުފިޔާ ލިބޭ ވިޔަފާރިތައް 4،000 ރުފިޔާއަށް ވެއްޓިއްޖެއެވެ.

"ސަން" އަށް މައުލޫމާތުދެމުން ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އާރިފް ބުނީ މީގެ ކުރީގެ ރޯދަމަސްތަކާ އަޅާ ބަލާއިރު މި ފަހަރު ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރީ ރޯދަ މަސް މަހު ދުވާލެއްގެ މައްޗަށް 15،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ސޭލްސް ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިހާރު ދުވާލަކަށް ސޭލްސް ޖެހެނީ 4،000 ރުފިޔާއާއި 8،000 ރުފިޔާއާ ދެމެދުގައި ކަމަށް އޭނާ ބުންޏެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ސޭލްސް އެހާ ބޮޑަށް ދައްވާން މެދުވެރިވާ ސަބަބަކީ ގައުމުގެ އިގްތިސޯދު މިވަގުތު އޮތް ހާލަތާއި ވަކިން ޚާއްސަ ގޮތެއްގައި މާރުކޭޓުން ތަކެތި ގަންނާނެ މީހުން މަދުވެ، ޑިމާންޑު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމެވެ.

"ސަން" އާ ވާހަކަދައްކަމުން ވިޔަފާރިވެރިއެއް ކަމަށްވާ އިސްމާއިލް ހުސެއިން ބުނި ގޮތުގައި މިދިޔަ ރޯދަމަހާ އަޅާބަލާއިރު ސޭލްސް ވަނީ 65 އިންސައްތަ ދަށްވެފައެވެ. އޭނާ ބުނީ މިއަހަރުގެ ރޯދަމަސް ފެށުނީންސުރެ ވެސް ސޭލްސް ދަށް ކަމަށެވެ. އަދި އެއީ އިއްޔެއަކު މިއަދަކު ވީ ދަށެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ރޯދަމަހު ތަރުކާރީ އާއި މޭވާ ގަންނަ މީހުން ބާޒާރުމަތީގައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އިސްމާއިލް ބުނި ގޮތުގައި އޭނާއަކީ ކަރަލުގެ ވިޔަފާރިކުރާ މީހެކެވެ. މިހާރު މާރުކޭޓުގައި ކަރާ ލިބުން ވެސް ދައްޗެވެ. އެގޮތުން ކަރާ ކިލޯއެއްގެ އަގު މިއުޅެނީ 20 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އޭނާ ބުނި ގޮތުގައި ކަރާގެ ޝިޕްމަންޓްތައް އެންމެ ގިނައިން ލިބޭ އއ. ތޮއްޑޫގެ ދަނޑުތަކަށް ވެސް އުޅެނީ ބަލި ޖެހިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި "ސަން" އާ ވާހަކަދައްކި ތޮއްޑޫގެ ދަނޑު ހައްދާ މީހެއް ކަމަށްވާ އައިޝަތު ޖުނައިދާ ބުނި ގޮތުގައި މި ރޯދަމަހު އެ ރަށުގެ ދަނޑުތަކުން މާ ބޮޑު މަންފާއެއް ނުލިބެއެވެ. އެގޮތުން މި ފަހުން މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އެ ރަށުގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ދަނޑުތަކަށް ބަލި ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ތޮއްޑޫއަކީ އާންމު ގޮތެއްގައި ކަރައާއި މިރުސް، ރޯދައަށް ތިޔާގި ރަށެކެވެ. އަދި ތޮއްޑޫގެ ކަރައަކީ ވެސް ރާއްޖެއަށް މަޝްހޫރު އެއްޗެކެވެ. ނަމަވެސް މި ރޯދަމަހު، މީގެ ކުރީގެ ރޯދަމަސްތަކާ އަޅާ ބަލާއިރު އެ ރަށުގެ ވިޔަފާރިތައް ވެސް ދަށެވެ.

ވަޅޯމަސް މާރުކޭޓު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ވަޅޯމަސް މާރުކޭޓުން "ސަން" އާ ވާހަކަދެއްކި މުހައްމަދު ރަޝީދު ބުނި ގޮތުގައި ވަޅޯމަސް މާރުކޭޓުގެ ވިޔަފާރި ވެސް ވަރަށް ދަށެވެ. އޭނާ ބުނި ގޮތުގައި އެ ވިޔަފާރިކުރާތާ 15 އަހަރުތެރޭ ވިޔަފާރި އަދި މިހާ ދަށެއް ނުވެއެވެ. އޭނާ ބުނި ގޮތުގައި އެންމެ ބޮޑަށް ވިޔަފާރި ދަށްވާން މެދުވެރިވި ހާލަތަކީ އަދުގެ އިގްތިސޯދީ ހާލަތު ދަށް ކަމުންނެވެ.

"ކޮވިޑުތެރޭ ވެސް މިހާ ދަށެއް ނުވޭ. މިއުޅެނީ ދެ ޓައްޕު ރިހާކުރު ނުވިކިގެން،" މާޔޫސްކަން ފާޅުކޮށް އޭނާ ބުންޏެވެ.

https://sun.mv/203738

އޭނާ ބުނި ގޮތުގައި މިހާރު ވެކިއުމް މަސް އުޅެނީ 75 ރުފިޔާއަށެވެ. ހިކިމަސް 60 ރުފިޔާއަށް ލިބެންހުރިއިރު މަސްވެރިކަން ދަށްވުމުގެ ސަބަބުން މިހާރު ލޮނުމަސް ނުލިބެއެވެ.

ރޯދަމަހަކީ އާއްމުގޮތެއްގައި، ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާވާ އަދި ރަނގަޅު އާމްދަނީއެއް ލިބޭ މަހެކެވެ. ރޯދަވީއްލުމަށް ތައްޔާރުކުރާ އެކި ބާވަތުގެ ފަނިގިރާ ސާމާނާއި، މޭވާއާއި ތަރުކާރިއަށް ޑިމާންޑު އިތުރުވާ މަހެކެވެ. އޭގެ އިތުރުން ވެސް ކާށި، ފިޔާ އަދި މަހުގެ އެކި ބާވަތްތައް ގަތުމަށް ގިނަ މީހުން މާރުކޭޓު ޚިޔާރުކުރެއެވެ.

ނަމަވެސް މި ރޯދަމަހު ކަންބޮޑުވާ މިންވަރަކަށް ވިޔަފާރިތައް ދަށްވެފައިވާތީ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަކިން ޚާއްސަކޮށް ކުރިއަށް އޮތީ ރަމަޟާން މަހުގެ ފަހު 10ކަމުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވެސް އިތުރެވެ. އަދި މިހާރަށްވުރެ ވެސް ފަހު 10ގައި ވިޔަފާރި ދަށްވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް