އިންސަނުންނަކީ ކަރާމާތްތެރި ބައެކެވެ. ދުނިޔެއަށް އުފަންވަނީ ނުހަނު ޠާހިރުކަން މަތީއެވެ. ދެން އޭނާގެ ޢުމުރުގެ އެކި ހިސާބުން އެކިއެކި ކަންކަމާ ކުރިމަތިލާން ޖެހެއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެކި ދުވަހު އެކި ކުލަ ފެންނެނަމުން ދެއެވެ. ދުނިޔޭގެ ޒީނަތްތެރިކަމާ އޭގެ ދަޅަތައް އިންސާނާގެ ވަށައިލައެވެ. އެ ކަންކަމަށް ހެއްލި ގެއްލެނިވެއްޖެ ކޮންމެ މީހެއްގެ ކަރާމާތަށް ބުރޫއަރައެވެ.
އިންސާނުންނަކީ މާތް ﷲ ކަރާމާތްތެރި ކުރެއްވި މަޚުލޫޤުންނެވެ. އެހެންކަމުން ޝަރަފުވެރި ޤަދަރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކު ކަމުގައި އެ މީހުން ވާންޖެހޭނެއެވެ. ލާޗާރުބިޗާރަށް ދުނިޔޭގައި ހޭލިމޭލި ވެގެން އުޅުމަކުން އިންސާނެއްގެ ހައިބަތު އެ މީހަކަށް ނާންނާނެއެވެ. އެފަދަ މީހާއަށް އުޅެވޭނީ ޝައިޠާނީ ޙަޔާތް ފަދަ ދިރިއުޅުމެއްގެ ތެރޭއެވެ. އެއީ ނަޢަމްސޫފި ތަކާ ވަލުޖަނަވާރުގެ ދިރިއުޅުމަށްވުރެ ވެސް ދަށު ދަރަޖައިގެ ދިރިއުޅުމެކެވެ. އެހާވެސް ޣާފިލުކަން މަތީގައެވެ. އެފަދަ ދިރިއުޅުމަކުން މީހެއްގެ ހިތަކަށް ހެޔޮގޮތެއް ފަހުމެއްނުވާނެވެ. އޭނާގެ ލޮލަށް ރަނގަޅު މަންޒަރެއް ސިފަނުވާނެވެ. އޭނާގެ ކަންފަތުން ލަފާދާރު އަޑެއް އެތެރެ ނުވާނެވެ. އެ މީހުންގެ ނިމުންވަނީ ވޭންދެނިވި ޢަޛާބުދެނިވި ނަރަކައިގައެވެ.
ﷲ ވަޙީކުރައްވަނީ ﴿وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنْ الْجِنِّ وَالإِنسِ لَهُمْ قُلُوبٌ لاَ يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لاَ يُبْصِرُونَ بِهَا وَلَهُمْ آذَانٌ لاَ يَسْمَعُونَ بِهَا أُوْلَئِكَ كَالأَنْعَامِ بَلْ هُمْ أَضَلُّ أُوْلَئِكَ هُمُ الْغَافِلُونَ﴾. (الأعراف: ١٧٩). މާނައީ:- "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ޙައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށްވުރެ ވެސް އެއުރެން މަގުފުރެދުންބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ."
ޣާފިލުކަމުގެ އަހުލުވެރިންނަކީ ތެދުމަގާ އެންމެ ދުރު މީހުންނެވެ. ހެޔޮ ބަހެއް އަޑުއަހަން ބޭނުންނުވުމުގެ އިތުރަށް އިވޭ އަޑަކަށް ފެންނަ މަންޒަރަކަށް ފިކުރެއް ހިންގާ، ޚިޔާލާތެއް ވެސް އެ މީހުން ނުކުރާނެއެވެ. ހިދާޔަތް ފިޔަވާ އެ މީހަކަށް ދުނިޔެއިން މަދުވާއެއްޗެއް ނެތެވެ. ހިދާޔަތާ ދުރުވާ މައިގަނޑު އެއް ސަބަބަކީ މުދައުވެރިވުމެވެ. ބަލައިލި ކޮންމެ ދިމާލަކުން ތަނަވަސްކަމެވެ. ކާ އެތިކޮޅު އަރުން އެތެރެވާ ނަމަ، ޙަރާމެއް ޙަލާލެއް ބެލުމެއްނެތެވެ. ޚިދުމަތުގައި ޚާދިމުންނެވެ. މީހެއްގެ މުދަލެއްތޯ ނުވަތަ ނޫންތޯ ބެލުމެއްނެތި ބޭނުންވެއްޖެ ކޮންމެ އެއްޗެއް އަމިއްލައަށް މިލްކުކުރަނީއެވެ. އެފަދަ މީހަކަށް ﷲ ތެދުމަގު ދައްކަވައިފުމަށް ދާންދެން، އަނދިރި ކަމުގައި ހުންނަން ޖެހެއެވެ.
ޣާފިލުކަމުގެ ނިދިން ނިދައިފައިތިބޭ މީހުންނަށް ހިދާޔަތުގެ މަގަށް ހޭލެވުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. މާތްރަސްކަލާނގެ ފަޟުލަވަންތަވެރިކަމެވެ. އެފަދަ މީހުންނަށް ތައުބާގެ ދޮރު ހުޅުވި އިންސާނީ ދިރިއުޅުމުގެ ތެރެއަށް އާދެވުމަށް ތަފާތު ސަބަބުތައް މެދުވެރިވެއެވެ. ބައެއްފަހަރު ބޮޑު ބަލިމަޑުކަމެއް ޖެހުމެވެ. އަނެއްބައިފަހަރު އެކްސިޑެންޓެއް ފަދަ ޙާދިސާއެކެވެ. ނޫންނަމަ ލޯބިވާ މީހުންނާއި، މުދަލާއި، ކާނާ މަދުވެ ނެތި ދިއުމެވެ. އެ ހިސާބުން އޭނާއަށް ވިސްނެނީ އިންސާނުންނަކީ އިލާހުން ނޫންކަމެވެ. އެއީ މަޚްލޫޤުން ކަމެވެ. އަދި ޚާލިޤުވަންތަ ވެރިރައްބު އުފެއްދެވި އެންމެ މާތް މަތިވެރި މަޚްލޫޤަކީ ވެސް އޭނާކަމެވެ. މާތް ﷲ ވަނީ ބިމާއި ކަނޑުތަކުގައި އެ އިންސާނުން މަތިވެރިކުރައްވައި އުފުއްލަވައިފައެވެ. ހެޔޮ ރަނގަޅު ތަކެތިން އެބައިމީހުންނަށް އެއިލާހު ރިޒްޤު ދެއްވިއެވެ.
ވަޙީކުރައްވަނީ ﴿وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلاً﴾ (الإسراء: ٧٠). މާނައީ:- "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."
ޣާފިލުކަމުގެ ނިދިން ހޭލެވި ހިދާޔަތުގެ ދުނިޔެއަށް ނޭވާލެވުނީ "الْـهَادِي" (ހިދާޔަތހުދެއްވާ ފަރާތް) އެ ކަމަށް އިރާދަ ކުރެއްވީތީއެވެ. އެހެންކަމުން ތާއަބަދު ކެނޑިނޭޅި އެއިލާހަށް ޙަމްދު ކިޔާ، ޘަނާ ދަންނަވާށެވެ. ޝުކުރު އަދާ ކުރާ މީހުންގެ ތެރެއިން ވާށެވެ. ހިދާޔަތުގެ މަތީ އަބަދު ދެމިހުރެވޭތޯ ގަދައަޅައި ހިތްވަރާ އެކު މަސައްކަތް ކުރަންވާނެއެވެ. އަޅުގަނޑުމެންނަށް ނަމޫނާއަކަށް ފޮނުއްވުނު މާތް ސާޙިބާ މުޙައްމަދު އިބްނު ޢަބަދުﷲ صَلَّى اللهُ عَلَيْهِ وَسَلَّم ކޮންމެ ދުވަހަކު ސަތޭކައަށްވުރެ ގިނަފަހަރު އިސްތިޣްފާރު ކުރައްވާ ކަމުގައި ވެއެވެ. އަދި މީސްތަކުންނަށް އެ ކަމަށް އިލްތިމާސް ވެސް ކުރެއްވިއެވެ. قَالَ رَسُولُ اللَّهِ صلى الله عليه وسلم «يَا أَيُّهَا النَّاسُ تُوبُوا إلى اللهِ، فإنِّي أَتُوبُ في اليَومِ إلَيْهِ مِئَةَ مَرَّةٍ». (صحيح مسلم) މާނައީ:- "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޢުބާވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު 100 ފަހަރު އެއިލާހަށް ތަޢުބާވަމެވެ."
އޭލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތައުބާއަކީ ހިދާޔަތުގެ ތަޅުދަނޑިއެވެ. ތައުބާވެވޭނީ މި ދުނިޔެއަށް ނޭވާލާ ހިނދު އެކަންޏެވެ. މި ދުނިޔެ ދޫކުރުމަށްފަހު ތައުބާގެ ދޮރު މުޅީން ބަންދުވީއެވެ. މި ދުނިޔެއަށް އަލުން އެނބުރި އައުމެއް ނުވެއެވެ. މި ތަނުގައި ކުޅަ ކަމަކައިގެން ބަރުޒަޚުގައި ހޭދަކުރާ ދުވަސްތަކަށް ފަށައިގަތީއެވެ. ބަރުޒަޚުގެ ޙާލަތު ހެޔޮވުމާއި ނުބައިވުން ބިނާވާނީ ދުނިޔެމަތީ އެ މީހަކު އިޚްތިޔާރު ކުޅަ ޙާޔާތެއްގެ މައްޗަށެވެ. މަޙުޝަރުދުވަހާ ޖެހެންދެން އެ ތަނުގެ އަމާންކަމެވެ. ނުވަތަ ނާމާންކަމެވެ. އެއަށްފަހު އޮތީ ހިސާބުކިތާބެވެ. އެ މީހެއްގެ ފަތް ކަނާއަތަށް ބަރުވެއްޖެ މީހާ ސުވަރުގޭގައެވެ. އެނެއް މީހާ ނަރަކައިގައެވެ. ދުނިޔޭގައި ތިބާ ވީ ހިނދު ތައުބާވުން ގިނަކުރާށެވެ!