ފިތުރު ޒަކާތް ބަލައިގަތުން: ޒަކާތް ދިން މީހުންގެ އަދަދު މިދިޔަ އަހަރާ އަޅައި ބަލާއިރު 81 އިންސައްތަ ވަނީ އިތުރުވެފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޒަކާތުގެ މާނައަކީ ޠާހިރުކުރުމެވެ. އިސްލާމްދީނުގައި ވާޖިބުކުރައްވައިފައި އޮތް ޒަކާތަކީ އިންސާނުންގެ ނަފުސުތަކާއި އެބައިމީހުންނަށް ﷲ ދެއްވި މުދާ ޠާހިރުކުރުމަށް ލައްވާފައިވާ އަޅުކަމެކެވެ. އެ ގޮތުން ރަމަޟާންމަހަށް ފަހު ދިނުން ވާޖިބުކުރެއްވި ފިޠުރު ޒަކާތަކީ ރޯދަވެރިޔާއަށް ރޯދައިގެތެރޭ ކުރެވިފައި ހުރި ކުދިކުދި ނުބައިކަންތަކާއި ދެއްކިފައިވާ ބޭކާރު ވާހަކައިން އޭނާ ޠާހިރު ކުރާ އަޅުކަމެކެވެ.

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. «فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ» (إبن ماجه) މާނައީ: "ރޯދަވެރިޔާއަށް (ދެކެވުނު) ބޭކާރު ވާހަކަތަކާއި ހުތުރު ބަސްތަކުން ތޯހިރު ކޮށްދޭ ދިނުމެއްގެ ގޮތުގައްޔާއި މިސްކީނުންނަށް ކާންދިނުމެއްގެ ގޮތުގައި ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ފަރުޟުކުރެއްވިއެވެ."

ފިތުރު ޒަކާތް ދައްކަން ޖެހެނީ ކާކު؟

ފިތުރު ޒަކާތް ނެރެން ޖެހެނީ ކޮންމެ މީހެއްގެ ވެސް ނަފުސު ޠާހިރު ކުރުމަށް ކަމަށް ވާތީ އެއީ ކޮންމެ މީހެއްގެ ކިބައިން ވަކިން ނެރެންޖެހޭ އެއްޗެކެވެ. ކޮންމެ މީހަކު އެ މީހެއްގެ އަމިއްލަ ނަފުސާއި އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންގެ ކިބައިން ފިތުރު ޒަކާތް ނެރެންވާނެއެވެ. އޭނާގެ މައިން ބަފައިންގެ ބެލެހެއްޓުން ވަނީ އޭނާގެ ކިބައިގައި ކަމަށް ވާނަމަ އެ މީހުން ވެސް ހިމަނައިގެންނެވެ. ޝައްވާލުމަހުގެ ހަނދު ފެނުމުން ނުވަތަ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުނު ހިނދު އެބަހީ އީދުވިލޭރޭ ވަނުމުން، އޭނާގެ ބެލުމުގެ ދަށުގައި ތިބި އެންމެންގެ ފަރާތުން ފިޠުރު ޒަކާތް ނެރެން ވާނެއެވެ. ޝައްވާލުމަހުގެ ހަނދު ފެނުމުގެ ކުރިން ދުނިޔައަށް ނޭވައިލީ ކޮންމެ މީހެއްގެ ފަރާތުން ފިތުރު ޒަކާތް ނެރެންވާނެއެވެ. އެރޭ މަރުވި މީހާ ވެސް މަރުވީ އިރުއޮއްސުމުގެ ފަހުން ކަމުގައި ވާ ނަމަ އޭނާގެ ފަރާތުން ވެސް ފިތުރު ޒަކާތް ނެރެން ވާނެއެވެ. އޭގެ ކުރިން މަރުވި މީހާގެ ފަރާތުން ފިޠުރު ޒަކާތް ނެރުމެއް ނުވެއެވެ. އަދި އެ ރޭ ވިހޭ ކުއްޖާގެ ފަރާތުން ވެސް ފިތުރު ޒަކާތް ނެރެންވާނެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ފަރާތުން ފިތުރު ޒަކާތް ނެރުން މައްސައެއް ނެތެވެ، އެހެނަސް އެ ކަން ލާޒިމްވެގެން ނުވެއެވެ. އެހެނީ ޢުޘްމާން ރަޟިޔަﷲ ޢަންހު ވަނީ ބަނޑުގައިވާ ދަރިފުޅުގެ ފަރާތުން ވެސް ފިތުރު ޒަކާތް ނެރުއްވައިފައެވެ.

ޚާދިމުންގެ ކިބައިން ޒަކާތް ނެރުން

މީހެއްގެ ޚިދުމަތުގައި ގެންގުޅޭ ޚާދިމުންގެ ފަރާތުން ވެސް އެ މީހާ ބޭނުން ނަމަ ޒަކާތް ނެރެވިދާނެއެވެ. އެހެނަސް އެއީ މަޖުބޫރު ކަމެއް ނޫނެވެ. އެހެނީ ޚާދިމުންނަކީ ވެސް ދިރިއުޅުމަށް އަމިއްލަ އާމްދަނީ ލިބޭ ބަޔަކަށް ވާތީ އެ މީހުން ޒަކާތް ނެރެން ޖެހޭނީ އެ މީހުންގެ އަމިއްލަ ތަކެތިންނެވެ. ތިބާގެ ޚާދިމުންނަށް އިޙުސާންތެރިވުމުގެ ގޮތުން ޚާދިމުންގެ މަތިން ޒަކާތް ނެރުން އެއީ ވެސް ކުރެވިދާނެ ކަމެވެ. އިހުސާންތެރިންގެ ޢަމަލުތައް ﷲ ބައްލަވައިވޮޑިގެން ވެއެވެ. ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَلَا تَنسَوُا الْفَضْلَ بَيْنَكُمْ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ﴾‏ ‎(البقرة: ٢٣٧) މާނައީ: "އެކަކު އަނެކެއްގެ މައްޗަށް އޮންނަންޖެހޭ އިޙުސާންތެރިވުން، ތިޔަބައިމީހުން ހަނދާންނައްތައި ނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." ﷲ އެ ވަނީ އެ ނިކަމެތި މުސްލިމުންނާއި ޢައިރު މުސްލިމުން ވެސް އެ ސާހިބުގެ ޚިދުމަތުގައި ލައްވަވައިފައެވެ. އެހެންކަމުން އެ މީހުންނަށް އިޙުސާންތެރިވާން ވާނެއެވެ. އެހެނަސް ފިޠުރު ޒަކާތްނެރުން ވަނީ ހަމައެކަނި މުސްލިމުންގެ ފަރާތުންކަން ވެސް ދަންނަންވާނެއެވެ.

ފިޠުރު ޒަކާތުގެ ވަގުތު

ފިޠުތު ޒަކާތް ނެރުމުގެ ވަގުތު ފެށެނީ ޢީދުގެ ހަނދުފެނުމުންނެވެ. ޢީދު ދުވަހުގެ ހަނދު ފެނުމުން، ނޫން ނަމަ އޭގެ ދުވަހެއް ދެ ދުވަހެއް ކުރިން ޒަކާތް ނެރުން ވެސް ޢިލްމުވެރިން ހުއްދަކުރައްވައެވެ. އެގޮތުން 28ވަނަ ދުވަހާއި 29ވަނަ ދުވަހު ޒަކާތް ނެރުން ހުއްދަވެގެން ވެއެވެ. 30ވަނަ ދުވަހަކީ ޢީދަށް ނުވެއްޖެ ނަމަ އެ ދުވަހު ވެސް ފިޠުރު ޒަކާތް ނެރެވިދާނެއެވެ. ފިޠުރު ޒަކާތުގެ ވަގުތު ނިމެނީ ޢިދުދުވަހުގެ ޢީދު ނަމާދު ނިމުމުންނެވެ. އަދި ޢީދު ދުވަހުގެ ޢީދު ނަމާދާ ހަމައަށް ފިޠުރު ޒަކާތް ނެރުން ހުއްދަވެގެން ވެއެވެ. ޢީދު ނަމާދަށްފަހު ނެރޭ އެއްޗަކީ ޒަކާތް ކަމުގައި ނުބެލެވޭނެއެވެ. އެ ހިމެނޭނީ ޞަދަޤާތުގެ ތެރެއިންނެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. «فَمَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ» (إبن ماجه) މާނައީ: "ފަހެ ޢީދު ނަމާދުގެ ކުރިން (ފިޠުރު ޒަކާތް) އަދާކޮށްފި މީހާގެ ކިބައިން ޒާކާތުގެ ގޮތުގައި ޤާބޫލުވެވެއެވެ. ޢީދު ނަމާދުގެ ފަހުން އަދާކޮށްފި މީހާއަށް އެއީ ޞަދަޤާތުގެ ތެރެއިން ޞަދަޤާތެކެވެ." އެހެންކަމުން ފިޠުރު ޒަކާތް ދެއްކުން ލަސްނުކޮށް އެ ކަމާ އަވަސްވެގަންނާށެވެ!

ފިތުރު ޒަކާތް ހަވާލުކުރަންވީ...

ފަޤީރަކު ނުވަތަ މިސްކީނަކު ތިބާއަށް އެނގޭނަމަ ފަހެ، އެ މީހަކާ ހަމައަށް އެ ޒަކާތް ގެންގޮސް ދިނުން އެއީ އެންމެ މޮޅު އިތުރުވެގެން ވާ ގޮތެވެ. އެކަން އެ މަގުން ކުރެވެން ނެތް ނަމަ، ޒަކާތް ބެހުމާ ހަވާލުވެތިއްބެވި ފަރާތްތަކާ ޒަކާތް ހަވާކުރެވިދާނެއެވެ. އެ ގޮތުން ސަރުކާރާ ހަވާލުކުރުމުން ނުވަތަ އެފަދަ މަސައްކަތްކުރާ އިތުބާރުކުރެވޭ ޖަމްޢިއްޔާއަކާ ހަވާލުކުރުމުން ވެސް ފުދޭނެއެވެ. އެ މީހުންނަށް ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޙަވާލުކުރުމުން އޭގެ ވަގުތުގައި އެ މީހުން އެ ޒަކާތް ބަހާނެއެވެ.

އެހެންތަނަކަށް ޒަކާތް ފޮނުވިދާނެތަ؟

ޒަކާތް ދިނުން އެންމެ އައުލާ ވެގެން ވަނީ ކޮންމެ މީހަކު ވެސް އެމީހަކު ހުރި ތަނަކަށެވެ. އެ މީހެއްގެ ގޭގެ ޢާއިލާތެރޭގައި ފަޤީރުންނާއި މިސްކީނުން ތިބި ނަމަ އެބަޔަކަށް ދިނުން އެއީ އެންމެ މޮޅު އެންމެ މާތް ގޮތެވެ. އެފަދަ ބަޔަކު އެހާ ކައިރީގައި ނެތް ނަމަ އަވަށްޓެރިންގެ ތެރޭ ހުރިތޯ ބަލާށެވެ. ނެތިއްޔާ ދުރުތާތިމާގެ މީހަކު އެ ހާލުގައި ވޭތޯ ބަލާށެވެ. އެ ހިސާބުން ވެސް ނުފެނުނިއްޔާ އޭނާގެ ގާތް ރައްޓެހިންނާއި ދުރު ރައްޓެހިންގެ ތެރެއިން ވެސް ފަޤީރެއް ނުވަތަ މިސްކީނެއް ހޯދައި އެ މީހަކަށް ދެވިދާނެއެވެ. އެ ގޮތަށް ގޮސް ތިމާގެ އަވަށުން އެ ޒަކާތް ބޭރުވާން ޖެހޭނީ އެ ކަން އަވަށުތެރެއިން ނުފުދުނިއްޔާއެވެ. އެއަށް ފަހު ރަށުތެރޭ އެ ކަން ވޭތޯ ބަލާނީއެވެ. ދެން އެ މީހަކު ދިރިއުޅޭ ޤައުމުންނެވެ. މި ތަރުތީބުން ދުރަށް ޒަކާތް ގެންދިޔުން ހުއްދަވެގެން ވެއެވެ. ކައިރީގައި މީހަކު ހުރި ނަމަ އެ މީހަކަށް ދިނުން އަޢުލާވެގެން ވެއެވެ.

އެހެނަސް އޭނާ ހުރި ރަށް ނޫން އެހެން ރަށަކަށް ޒަކާތް ފޮނުވަން މީހަކު ބޭނުން ނަމަ އެ ގޮތް ވެސް އޭނާއަށް މަނާވެގެން ނުވެއެވެ. އެ ގޮތުން އެންމެ ބޮޑަށް އެ ޒަކާތުގެ ފައިސާއަށް ބޭނުންޖެހިފައިވާ ރަށަކަށް ނުވަތަ ޤައުމަކަށް އޭނާގެ ޒަކާތް ފޮނުވުން އެއީ ހުއްދަ ކަމެކެވެ. އަދި ކިޔެއް އެއީ އެދެވިގެން ވެސް ވާ ގޮތެކެވެ.

comment ކޮމެންޓް