ކޮންމެ އިންސާނަކު ވެސް އަބަދު އެދޭ، އެހެން ނަމަވެސް ހޯދާހޯދާ ނުލިބޭ، ލިބެން އެންމެ އުނދަގޫ ކަމަށްވެފައި އޮންނަނީ ޢަދުލުވެރިކަމާއި އިންސާފުވެރިކަމެވެ. ޢަދުލު އިންސާފު ހޯދަން އެދޭ ކޮންމެ މީހަކު އެންމެ ފުރަތަމަ އޭނާގެ އަމިއްލަ ނަފުސަށް ޢަދުލުވެރި ވާންޖެހެއެވެ.

ޢަދުލުވެރިކަމަކީ އިސްލާމީ ރިވެތި ސިފައެކެވެ. އެ ސިފައިން ޒީނަތްތެރިވެއްޖެ މީހާއަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭ ހުއްޓެވެ. މީސްތަކުންގެ ތެރޭ އޭނާގެ ޤަދަރު އުފުލޭ ހުއްޓެވެ.
ޢަދުލުވެރިކަން ގެއްލިއްޖެ ކޮންމެ ތަނަކުން އަމާންކަން ގެއްލިދެއެވެ. ހަމަނުޖެހުމާއި ތަޅާފޮޅުން އިތުރުވެއެވެ. އެހެންވަނީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ޙައްޤުތަކާމެދު މާ ބޮޑަށް ދަހިވެތިވެވި އަނެކާއާމެދު އިހުމާލުވެވޭތީއެވެ. ވަކިން ޚާއްޞަ ގޮތެއްގައި ތިމާ އާއި ޢަދާވާތްތެރިކަމެއް އޮންނަ މީހުންނާމެދު މި ގޮތަށް ކަންތައް ކުރެވޭ ފަހަރު ވަރަށް ގިނައެވެ. މިފަދައިން ކަންތައް ނުކުރުމަށް ﷲ تبارك و تعالى ވަނީ މުސްލިމުންނަށް އަމުރު ކުރައްވައިފައެވެ.
ވަޙީކުރައްވަނީ ﴿يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ﴾ (سورة المائدة: ٨) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް ޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެ ގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّهއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ދެ މީހަކު ކަމަކާ ދެބަސްވެ، ޚިޔާލު ތަފާތުވެ އެ މީހުންގެ މެދުގައި ފައިސަލާ ކޮށްދިނުމަށް އެދި ތިބާގެ ގާތަށް އަތުވެއްޖެނަމަ، އެ ދެ މީހުންގެ ދެމެދުގައި ޢަދުލުވެރިކަމާ އެކު ފައިސަލާ ކުރަންވާނެއެވެ. ޢަދުލުވެރި ނުވެވޭނަމަ އެ ކަމަށް ބަހެއް ނުކިޔާ ހަނުހުރުން މާ ބުއްދިވެރިއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށް ޓަކައެވެ.
ފަހަރެއްގައި އެ ދެ މީހުންގެ މައްސަލަ ރަނގަޅަށް ނޭނގުމުގެ ސަބަބުން، ނުވަތަ އެ ދެ މީހުންގެ ތެރެއިން އެކަކީ ތިމާ ރުޅިއަރާ މީހަކަށް ވާތީ، ނުވަތަ އެ ތަނުގައި ތިބާ ބިރުގަންނަ މީހަކު ހުރީތީ، ނުވަތަ ތިމާ މާ ގަޔާވާ މީހަކު އެ ދެ މީހުންގެ ތެރޭގައި ހުރީތީވެ، ދެ މީހުންކުރެ މީހެއްގެ ޙައްޤަކަށް އުނިކަން ލިބޭގޮތަށް، ޙުކުމެއް ކުރެވިދާނެއެވެ. އެހެންވެއްޖެ ނަމަ، ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ތިމާގެ ކިބައިގައި އެ ކަމުގެ ފާފަ ދެމި އޮވެދާނެއެވެ.
ކީރިތި ޤުރްއާނުގައި ﷲ سبحانه و تعالى ވަޙީކުރައްވަނީ ﴿إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا﴾ (سورة النساء: ٥٨) މާނައީ: "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާ ނަމަ، ޢަދުލަށް ޙުކުމްކުރުމަށް ވެސް، އަމުރުކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް އަވުޡުއިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި ވެއެވެ."
މިއީ ކޮންމެ މީހަކަށް އޮތް ފަރުދީ ކަމެކެވެ. އެ ޒިންމާ އަދާ ކުރަންވީ އޭނާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށް ޓަކައެވެ. ވެރިމީހާ، އޭނާގެ ބެލުމުގެދަށުގައި ތިބި މީހުންނަށް ޢަދުލުވެރިވުމެވެ. ޓީޗަރުން، އޭނާގެ ބެލުމުގެ ދަށުގައި ތިބި ދަރިވަރުންނަށް ޢަދުލުވެރިވުމެވެ. ބަފައިން، އޭނާގެ ބެލުމުގެ ދަށުގައި ތިބި އަހުލުންނަށް ޢަދުލުވެރިވުމެވެ. ގާތްތިމާގެކަމާއި އެކުވެރިކަން ނުވަތަ އެ ނޫން ވެސް ގުޅުމެއް މީހަކާމެދު އޮތުމަކީ އެބައިމީހުންގެ މެދުގައި ޢަދުލުން މުޢާމަލާތު ކުރަން އޮތް ހުރަހެއް ކަމުގައި އެކަން ނުހަދާށެވެ. އެ އެންމެންގެ މެދުގައި ބަސް ބުނާއިރު ޢަދުލުވެރިކަން އިސްކުރާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ﴾ (سورة الأنعام: ١٥٢) މާނައީ: "އަދި ތިޔަބައިމީހުން ބަސް ބުނާ ނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ!"
މިއަދު އަޅުގަނޑުމެންގެ ތެރެއިން މި ރިވެތި އާދަ ނެތިދާން ފަށައިފިއެވެ. އެ ކަން ނެތި ފިލައިދަނީ ވަރަށް ހަލުވި ދުވެލީގައެވެ. އަމިއްލަ ނަފުސުގެ އެދުން އިސްކުރެވި އެހެން މީހުންނާމެދު ބޭއިންސާފުން ކަންކަން ކުރެވެން ފަށައިފިއެވެ. ތިމާގެ ބައި ބޮޑުކުރުމަށް ޓަކައި ޢަދުލުން ބޭރުން ވެސް ލިބިގަންނަން ފަށައިފިއެވެ. މަދު މުދާކޮޅެއްގެ ބޭނުމުގައި ކަނޑައެޅިގެން އެނގޭ ކަންކަމުގައި ވެސް ދޮގުހެކި ދީގެން ނުޙައްޤު މަންފާއެއް ލިބިގަތުން އެއީ މާ ބޮޑު ކަމެއް ކަމުގައި ނުދެކޭ މީހުން ވަރަށް ގިނަވެއްޖެވެ.
ބަސްބުނުމުގައްޔާއި ކަންކުރުމުގައި ޢަދުލުން އެއްކިބާ ވެވޭވެވުމަކީ ﷲގެ ޙަޟުރަތުން އައިސްފައި އޮތް ކޯފާއެކޭ ވެސް ބުނެވި ދާނެއެވެ. އެހެންނީ އެ ކަމުގެ ސަބަބުން އިޖްތިމާޢި ފޭރަން ވީދި ހަސްފަސްނެތިއްޖެއެވެ. ޢާއިލާތައް ރޫޅި ވިއްސިވަހާލި ވެއްޖެއެވެ. ވަކިވަކި ފަރުދުން ނިކަމެތިވެ އެކަނިވެއްޖެއެވެ. މި މުސީބާތުން ސަލާމަތްކޮށްދެއްވުން އެދި ﷲއަށް ދަންނަވާށެވެ. ތިމާ ކުރަންޖެހޭ ކޮންމެ ކަމެއް ޢަދުލުވެރިކަމާ އިންސާފުވެރިކަމުގެ ތަރަހައިގެ ތެރޭ ކުރާށެވެ!
އަޅަމެންނީ ޢަދުލަށް ބަސްބުނާ ޢަދުލަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެންނީ ހެޔޮކަމުގެ މަގު އިސްކޮށް އަމިއްލަ ނަފުސުތަކަށް ޢަދުލުވެރިވާ ބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!