ހަތާވީހާ އެކު ރަމަޟާންމަސް ނިންމައިނުލާށެވެ!

ޖޫން 1، 2019: ބަރަކާތްތެރި ރޯދަމަހުގެ ހަތާވީސް ވިލޭރޭގައި މާލޭގެ ބައެއް މިސްކިތްތަކުގައި ކުރެވުނު ދަމުނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާންމަސް މި ވަނީ އަޅުގަނޑުމެންނާ އަލްވަދާޢުކިޔަން ގާތްވެފައެވެ. ގާތްގަނޑަކަށް ނިމި ހުސްވެފައެވެ. ބާކީ ދެންއޮތީ ދެތިން ދުވަހެވެ. ފަހުދިހައިގެ އެންމެ ފަހު ރޭތަކެވެ. ސިއްރާއި ފާޅުގައި ކުރި ޞަދަޤާތްތަކާއި، ކެއިންބުއިމާ ދުރުގައި ތިބެ ހިފި ރޯދަތަކެވެ. ރޭގަނޑުގެ ފަނޑު އަލީގައި ޤުރްއާން ކިޔެވިކިޔެވުމާއި، ކުރި ރޭއަޅުކަންތަކެވެ. މި އެންމެހައި ކަންކަމީ ރަޙްމާނުވަންތަ އިލާހުގެ ފުއްސެވުމާއި، ރުއްސެވުމާއި، ދިންނެވުން އަދައިގެން މުސްލިމުން ކުރި ހީވާގި އަޅުކަންތަކެވެ. ކޮންމެ މީހެއްގެ ވެސް އުންމީދަކީ ރޯދައާއި ރޭއަޅުކަމުގެ ސަބަބުން، އިސްވެ ގޮސްފައިވާ ފާފަތައް ފުހެވި ނަފުސު ޠާހިރުވުމެވެ. ﷲގެ ރަޙުމަތުން މަޙުރޫމު ނުވުމެވެ. އަޅަމެން އެންމެން ނަރަކައިގެ ވޭންދެނިވި ޢަޒާބުން މުއްތިވުމެވެ.

ADK GENERAl

ރަމަޟާންމަހު މުރާލިކަމާ އެކު އަޅުކަން ކުރީ، ނަރަކައިގެ ހޫނުން އަޅަމެންގެ މޫނުތައް ސަލާމަތްކުރުމަށެވެ. ސުވަރުގޭގެ ދާއިމީ ގޮވައްޗަށް ވަނުމުގެ އުންމީދުގައެވެ. އެ ތަނުގައި ނިމުމެއްނެތް ޙަޔާތެއް ވެއެވެ. ހިތްގައިމުކަމާ މުނިއަވަސްފިލުވުމެވެ. މޭވާތަކާއި ފެން އާރުތަކެވެ. މަސްތުވުމެއްނެތް ރާއާއި މާމުއިގެ ކޯރުތަކެވެ. ބުއިމަށް އެންމެ ކަމުދާ ހުދުކުލައިގެ ޚާލިޞް ކިރުގެ އާރުތަކެވެ. އޭގެކުރިން އިންސިއެއް ވެސް ޖިންނިއެއް ވެސް ބީހިފައި ނުވާ އިއްފަތްތެރި ޙޫރުލްޢީނުންނެވެ. މި ހުރިހާ ނިޢުމަތްތަކާއި މީގެ އިތުރު ނިޢުމަތްތައް ވެސް ދެއްވާފަރާތަކީ މާތް ﷲއެވެ. އެއިލާހުގެ އަޅުންގެ ތެރެއިން ކިޔަމަންތެރިވި ފަރާތްތަކަށް އެކަލާނގެ ރަޙުމަތް ތަނަވަސް ވެގެން ވެއެވެ. އެ މީހުންނަކީ ދުނިޔޭގެ ޙަޔާތުގައި އާޚިރަތަށް ޓަކައި ގޮވާންކުރި މީހުންނެވެ. މާދަމާ ވެސް މަރުވެދާނެކަމުގެ އިންތިޒާރީގައި ކޮންމެ ރެއަކާއި ދުވާލެއްގައިމެ ކިޔަމަންތެރިވި މީހުންނެވެ. ﷲ ދެއްވި މަދު އެތިކޮޅުން ވެސް ހޭދަކުރި މީހުންނެވެ. ވަކި މޫސުމެއްގައި ނުވަތަ ވަކި ދުވަސްވަރެއްގައި އެކަނި އަޅުކަންކުރި ބައެއް ނޫނެވެ.

ﷲ އެއީ ހަމައެކަނި ރަމަޟާންމަހަށް ޚާއްޞަ އިލާހެއް ނޫނެވެ. އެއީ ފެށުމެއްނެތި އިސްވެވޮޑިގެންވާ، އަދި ނިމުމެއްނެތި ފަސްވެވޮޑިގެންވާ ރައްބުލް ކާއިނާތެވެ. ސިއްރާއި ފައުޅު މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ކަޅުފޮއެރެއެއްގައި ކަޅުހިލަމަތީ ކަޅުހިނި ހިރޭހިރުން ވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެތެވެ. ﷲގެ ދެނެވޮޑިގަތުމާނުލައި ގަހަކުން އެންމެ ފަތެއް ވެސް ނުވެއްޓެއެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މުސްލިމުންގެ ޢަމަލުތައް ހުންނަގޮތުން މިނޫން ގޮތަކަށް އެބައިމީހުންނަށް ފަހުމްވެފައި އޮންނަނީ ބާވައޭ ހިތަށް އަރައެވެ.

ރަމަޟާންމަހުގެ ދުވަސްތައް ނިމުމާ އެކު، ތާކިހާ ޖީބަށްލައި، ދީނީ އަޅުކަންތަކާ މުޅީން ކަހަލަ ގޮތަކަށް ދުރަށް ޖެހެއެވެ. މިސްކިތްތައް ފަޅުވެއެވެ. ދީލަތިކަން ހުއްޓެއެވެ. ޤުރުއާން ތިވާލަތެއް ނުކުރެއެވެ. ސުންނަތް ރޯދަ އެއީ އޮންނަ އެއްޗެއްކަން ވެސް ބައެއް މީހުން ނުދަނެއެވެ. އިލާހަކު ވޮޑިގެންވާ ކަމުގެ އެއްވެސް އިހުސާސެއް އެބައިމީހުންގެ ނުހުންނަ ކަހަލައެވެ.

އަޅުކަމުގެ މަހަކީ ހަމައެކަނި ރަމަޟާންމަސް ކަމުގައި ހީވުމުގެ އިތުރަށް، އެއްބަޔަކުގެ ނަޒަރުގައި ލައިލަތުލްޤަދްރި ހޯދައި، މުޅި އަހަރަށް ވާވަރަށް އެރޭ އެކަނި އަޅުކަން ކުރުމުން އޭނާގެ ދީނީ ޒިންމާ އަދާވީއެވެ. ލައިލަތުލްޤަދްރި ވަނީ ފަހުދިހައިގައި ކަމުން، އެއްބަޔަކު ފަހުދިހަޔަކަށް އެކަނި ސަމާލުކަން ދެއެވެ. އަނެއްބަޔަކު އޭގެތެރެއިން އޮނަހިރި ރޭތަކަށް އަމާޒު ހިފާއިރު، ހަތާވީސް ވިލޭރެއަށް އެކަނި އަޅުކަމުގެ ފޯރި ދިރުވާ ބަޔަކު އުޅޭކަމީ ދުނިޔެ ދައްކާ ހިތާމަވެރި ޙަޤީޤަތެކެވެ. މިފަދަ މީހުންނަށް ދަންނަވަން އޮތީ، ހަތާވީހާ އެކު، ރަމަޟާންމަސް ނިންމައިނުލާށެވެ! އޮނަތިރީސް އޭއީ ވެސް އޮނަހިރި ރެއެކެވެ. އެރޭ ވެސް ލައިލަތުލްޤަދްރިއަށް ވުން އެއީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހަތާވީސް އައުމުން އެކަނި އަޅުކަންކޮށްފައި އެ ނޫން ދުވަސްތަކުގައި އަޅުކަމާ ދުރުވުމީ އަޖައިބެއް ނޫންހެއްޔެވެ.

ރަމަޟާންމަހު އަޅުގަނޑުމެން ކުރި އަޅުކަންތައް ޤަބޫލު ވެވިގެންވާ ކަމުގެ އެންމެ ބޮޑު ޢަލާމާތަކީ އެ މަހަށް ފަހު ވެސް އަޅުކަމުގައި ސާބިތުވެ ތިބެވުމެވެ. އަޅުކަންކުރަން ފޫހިނުވުމާއި އަޅުކަމަށް އިންތިޒާރުކުރެވުމެވެ. ކީރިތި ޤުރުއާން ކިޔެވުން ހުއްޓައިނުލާ މީހުންނެވެ. ޞަދަޤާތްކުރުންމަތީ ދެމިތިބޭ މީހުންނެވެ. ސުންނަތް ރޯދަ ހިފުމުގައި ހީވާގިވާ މީހުންނެވެ. ރަމަޟާންމަހާ ބައްދަލުވި މީހުންގެ ތެރެއިން އެ މަހުގެ ހެޔޮ ކަމުން މަޙޫރޫމު ނުވާ މީހުންނަކީ އެއީއެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! ރަމަޟާންމަހުގައި މި ކުރި ހުރިހައި އަޅުކަމެއްގެ ހެޔޮކަން ފުރިހަމައަށް ލިބޭ މީހުންގެ ތެރެއިން ލެއްވުމަށް އެދި ގިނަގިނައިން ދުޢާކޮށް، އެ ކަމަށް ޓަކައި މަސައްކަތްކުރާ ބަޔަކުކަމުގައި ވަމާ ހިނގާށެވެ! މިއީ އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެންނަށް ކުރާން އޮތް ވަޞިއްޔަތެވެ. ދޭން އޮތް ނަސޭހަތެވެ. ހަތާވީހާ އެކު ރަމަޟާންމަސް ނިންމައިނުލާށެވެ! ނަސޭހަތް ލިބިގަންނަ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ!

comment ކޮމެންޓް