ޢީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސްއިން

ރަމަޟާންމަސް ނިމެންދާއިރު މުސްލިމުންގެ ނަޒަރު ހުއްޓެނީ ޢީދާ ދިމާލަށެވެ. ޢީދަކީ މުސްލިމުން އުފައުކޮށް ހަދިޔާ ބަދަލުކޮށް ސަލާންގަލާންކޮށް އުޅުމަށް މާތް ﷲ ލައްވައިފައިވާ އުފާވެރި މުނާސަބަތެކެވެ. މުސްލިމުން އުފާކޮށް އިޙްތިފާލުކުރުމަށް ﷲ سبحانه وتعالى ވަނީ ދެ ޢީދު ޝަރުޢު ކުރައްވައިފައެވެ. އެއީ ރަމަޟާންމަހަށް ފަހު އޮންނަ عِيْدُ الفِطْرِ އާއި ޙައްޖުގެ އަޅުކަމަށް ފަހު އޮންނަ عِيْدُ الْأَضْحَى އެވެ. ދިވެހިންތެރޭ މަޝްހޫރު ގޮތުން ނަމަ ކުޑަ ޢީދާއި ބޮޑު ޢީދެވެ.

އަޅުކަމުގެ މަތިވެރި މޫސުމެއް ކަމުގައިވާ ރަމަޟާންމަހުގެ ދުވަސްތައް ނިމުމަކަށް އަންނައިރު އަޅުގަނޑުމެން މި ތިބެނީ ހިތާމައާއި އުފާ އެއް ހިތެއްގައި ޖަމާކޮށްގެންނެވެ. ޢީދުގެ އުފާ ކުރުމަށް ތައްޔާރުވަނީ ރަމަޟާންމަހަށް އަލްވަދާޢު ކިޔުމުގެ ހިތާމަ ހިތުގައި ފޮރުވަމުންނެވެ. މިފަދަ އިތުރު ފުރުޞަތުތަކަށް އެދި ﷲ تعالىގެ ޙަޟްރަތުގައި ދަންނަވަމުންނެވެ. ތަޤުވާވެރިކަން މަތީ ދެމިތިބުމުގެ ތައުފީޤު މިންވަރުކޮށްދެއްވައިތޯ ދުޢާކުރަމުންނެވެ.

ފިޠުރު ޢީދާ ކުރިމަތިލާ ހިނދު، ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިއްމު ކަމަކީ ފިޠުރު ޒަކާތެވެ. ފިޠުރު ޒަކާތް ނެރުމުގެ ވަގުތަކީ މިއީއެވެ. ރަމަޟާންމަސް ނިމި ޝައްވާލުމަސް ފެށުނީއްސުރެ ޢީދު ނަމާދާ ދެމެދު އޮތް ވަގުތެވެ. ޝައްވާލުމަސް ފެށުމުގެ ދެތިން ދުވަސް ކުރިން ފިޠުރު ޒަކާތް ނެރުން ހުއްދަވެގެން ވިޔަސް ޢީދު ނަމާދަށް ވުރެ އެކަން ފަސްކުރުން ހުއްދަވެގެން ނުވެއެވެ.

ފިޠުރު ޒަކާތް ޝަރުޢުކުރެއްވި މަޤްޞަދުތަކުގެ ތެރޭ، ޢީދުގެ އުފަލުގައި ފަޤީރުންނާއި މިސްކީނުން ބައިވެރި ކުރުން ހިމެނެއެވެ. އެ މީހުން ޢީދުގެ އުފަލުގައި ބައިވެރި ކުރުމަކީ ހިމަގޮދަނާއި ކަދުރު ނުވަތަ ހަނޑޫ، ހަކުރު، ފުށް ދިނުން އެކަންޏެއް ނޫނެވެ. ނޫން ނަމަ ފައިސާއިން މިންވަރެއް ދީފައި އެބަޔަކު މަތިން ހަނދާންނައްތައިލުމެއް ވެސް ނުމެނޫންމެއެވެ. އެހެނަސް އެއީ މުޖްތަމަޢުގެ އެންމެން އެއްވެ އިޙްތިފާލުކުރާކުރުންތަކުގައި އެ މީހުން ބައިވެރިކުރުމެވެ. ޢީދުޕާޓީތަކުގެ ދަޢުވަތު އެ މީހުންނަށް ވެސް ދިނުމެވެ. އެފަދަ އެއްވުންތަކުގައި އަމީރެއް ފަޤީރެއް ކަތީބެއް ޚަޠީބެއް ފަރަޤު ނުކޮށް އެއް މާޙައުލެއްގައި މިލްޖުލްވެ އުޅުމެވެ. ފައިސާއާއި މުދަލުން ހޯދައިނުދެވޭ އުފަލާ ހިތްހަމަޖެހުމަކީ އެއީއެވެ. ފައިސާ ހިފައިގެން ގެތަކުގައި ތިބުމަކީ އުފާތޯއެވެ؟ މުދަލުގެ ބޭނުން ކުރާނެ ގޮތެއް ނެތިއްޔާ އެއީ ކޮން ހިތްހަމަޖެހުމެއްތޯއެވެ؟

އެހެންކަމުން މި އަހަރު ފިޠުރު ޢީދުގެ އުފާ ހޯދާއިރު، އެ އުފަލަކީ އެންމެންނަށް ހޯދައިދެވޭ އުފަލެއް ކަމުގައި ހަނދަމާ ހިނގާށެވެ! ޢީދުގެ ޙަފްލާތައް ބާއްވަމާ ހިނގާށެވެ. އެ ޙަފްލާތަކަށް ދައުވަތު ދެވޭ ފުރަތަމަ ބަޔަކީ ފަޤީރުނިކަމެތިން ކަމުގައި ހަދަމާހިނގާށެވެ. އޭގެތެރެއިން ވެސް ގާތްތިމާގެ މީހުން އިސްކުރަމާ ހިނގާށެވެ. އެއަށް ފަހު އަވަށްޓެރިންގެ ތެރޭ ތިބި އެފަދަ މީހުންނެވެ. އެކަކު ވެސް ބާކީ ނުވާގޮތަށެވެ. ހިތުގެ ފުންމިނުން "ޢީދު މުބާރަކް" ކިޔަމުންނެވެ.

comment ކޮމެންޓް