ގްރޫމް ކުރުން ފަދަ ސީރިއަސް ތުހުމަތުތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ކޮރިއާގެ މިވަގުތުގެ އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ކިމް ސޫ ހިޔުން، ގުޅުންހުރި ހުރިހާ ބްރޭންޑްތަކުން އޭނާ ބޭރު ކުރަން ފަށައިފިއެވެ.
ދެކުނު ކޮރިއާގެ އެންމެ ހިޓު ޝޯތައް ކަމަށްވާ "އިޓްސް އޯކޭ ނޮޓް ޓު ބީ އޯކޭ" އާއި "ކްރޭޝް ލޭންޑިން އޮން ޔޫ" ފަދަ ޝޯތަކުން ފެނިގެން ގޮސްފައިވާ ތަރި ސޫ ހިޔުން އާ ދެކޮޅަށް ގްރޫމް ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވަނީ މީގެ މަހެއް ކުރީންނެވެ.
މި މައްސަލަތައް ފެންމަތިވެފައިވަނީ ޒުވާން އެކްޓަރު ކިމް ސެއިރޯންގެ މަރާ ގުޅިގެންނެވެ. އުމުރުން 24 އަހަރުގެ ސެއިރޯން މަރުވި ކަމުގެ ހަބަރުން ގިނަ ބަޔަކު ސިއްސުވާލާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ފުރަތަމަ އޭނާގެ މަރުގެ ފަހަތުގައި ވަނީ ގަނާކުރުމުގެ މައްސަލަތަކެއް ކަމަށް ބުނެ އުޅުނެވެ.
ނަމަވެސް އޭނާގެ މަރާއެކު ތަފާތު އެކި މައުލޫމާތުތަކެއް ވަނީ ލީކު ވެފައެވެ. އެ މައުލޫމާތުތަކުން އެނގުނު ގޮތުގައި މަޝްހޫރު ތަރި ސޫ ހިޔުން ދިޔައީ ސެއިރޯން އެންމެ 15 އަހަރުން ފެށިގެން ގްރޫމް ކުރަމުންނެވެ. އަދި އެންމެފަހުން ސެއިރޯން ދޫކޮށްލިއިރު އޭނާގެ ބޮލުގައި ނުދެއްކޭ ވަރުގެ ބޮޑެތު ދަރަނިތަކެއް އަޅުވައި އެކި ގޮތްގޮތުން ބިރު ދައްކާފައިވާ ކަން ވެސް ލީކުތަކުން އެނގުނެވެ.
މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ސޫ ހިޔުންއަށް ވަނީ ރައްދުވެފައެވެ. އަދި މި ފާޑުކިޔުންތަކާ ގުޅިގެން އޭނާ ސްޕޮންސާ ކުރާ ބޮޑެތި ބްރޭންޑްތަކުން ވަނީ އޭނާ ދޫކޮށްލާން ފަށާފައެވެ. އޭގެތެރޭގައި ޕްރާޑާ އާއި ކޮރިއާގެ ކޮސްމެޓިކް ކުންފުނިތައް ވެސް ހިމެނެއެވެ. ސޫ ހިޔުން އަކީ މި ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ހަމަޖައްސާފައިވާ ތަރިއެކެވެ.
މި މައްސަލައާ ގުޅިގެން ސޫ ހިޔުން އަދި އޭނާގެ ޓީމުންވެސް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ ފުލުހުން ބަލަމުން ދާ މައްސަލައަކަށް ވުމުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ބޭނުން ނުވަނީކަމަށް ބެލެވެއެވެ.