އަސްކަރީ ގާނޫނު ހިންގި މައްސަލައިގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް އުމުރަށް ޖަލަށް ލައިފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔޮުލް. އަސްކަރީ ގާނޫނު ތަންފީޒުކުރުމާ ގުޅިގެން ޔޫން އަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި. ފޮޓޯ/ގެޓީ

ދެކުނު ކޮރެއާގައި 2024 ވަނަ އަހަރު އަސްކަރީ ގާނޫނު ހިންގި މައްސަލައިގައި، ނަހަމަ ގޮތުގައި ބާރުގެ ބޭނުން ހިފުމުގެ މައްސަލަ ސާބިތުވެ އެ ގައުމުގެ ކުރީގެ ރައީސް ޔޫން ސުކް-ޔޮލް އުމުރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ޔޫން އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު ތިން ވަނަ ދުވަހު ތަންފީޒުކުރި އަސްކަރީ ގާނޫނުގެ މޭސްތިރިއަކީ ޔޫން ކަމަށް ކަނޑައެޅުމަށްފަހުއެވެ.

އެ ގާނޫނު ތަންފީޒުކުރުމުގައި ބައިވެރިވި ކުރީގެ އަސްކަރީ އަދި ފުލުހުންގެ ބައެއް އޮފިޝަލުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމް އިއްވާފައިވާއިރު، އޭގެ ތެރޭގައި 30 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ދިފާއީ ވަޒީރު ކިމް ޔޮންގް ހިއުން ވެސް ހިމެނެއެވެ.

ޔޫންއަށް ތާއީދުކުރާ ފަރާތްތަކުން އޭނާ ދޫކޮށްލުމަށް ގޮވާލަނީ. ފޮޓޯ/އޭޕީ

ބާރުގެ ބޭނުންކޮށްގެން, ކެބިނެޓް ކައުންސިލްގެ ބައްދަލުވުމެއް މެދުވެރިކޮށް އަސްކަރީ ގާނޫނު ތަންފީޒުކުުރުމުގެ މަސައްކަތް ކުރުމާއި، ދޮގު ލިޔެކިޔުންތައް އުފެއްދިކަން ސާބިތުވުމުން ކުރީގެ ބޮޑުވަޒީރު ހާން ޑަކް ސޫގެ މައްޗަށްވެސް 23 އަހަރުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވާފައެވެ.

އުމުރުން 65 އަހަރުގެ ޔޫންއަށް އިއްވި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބެލެވޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫންއަށް ހުކުމް އިއްވި ޝަރީއަށް ވަނީ ވަގުތުން ދުރަށް ދައްކާފައެވެ.

ހުކުމް އިއްވުމުން ޔޫންއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ކޯޓުގެ ބޭރުގައި އެއްވެ، ޔޫނު މިނިވަން ކުރުމަށް ގޮވާލައިފައެވެ.

ޔޫންއަށް ހުކުމް އިއްވާފައިވާއިރު، އަނބިކަނބަލުން ކިމް ކިއޮން ހީގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ ސާބިތުވެ، އޭނާ އެއް އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފައެވެ.

ޔޫން އަސްކަރީ ގާނޫނު އިއުލާންކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އުތުރު ކޮރެއާއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެ ނިންމެވުން ބާތިލުކުރަން މަޖިލީހުން ފާސްކުރުމުން ޔޫން އަމިއްލައަށް އެ ނިންމުން އަނބުރާ ގެންދެވިއެވެ. އެ މައްސަލަ ދިމާވީ ޔޫންއަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެ، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ފަހުން ޔޫން މަގާމުން ދުރުކުރަން މަޖިލީހުން ފާސްކުރީއެވެ.

comment ކޮމެންޓް