ދެކުނު ކޮރިއާގެ އާންމުންގެ ފަރާތުން ގަނާކުރުން ރައްދުވެފައިވަނިކޮށް ޒުވާން ތަރިއެއް ކަމަށްވާ ކިމް ސައިރޯން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ނެޓްފްލިކްގެ މަގުބޫލު ޝޯއެއް ކަމަށްވާ "ބްލަޑް ހައުންޑް"ގެ މުހިއްމު ރޯލަކުން ފެނިގެން ގޮސްފައިވާ ސައިރޯން އަކީ އޭނާގެ އެކްޓިން ހުނަރަށް އެކި ކްރިޓީކުން ތައުރީފު ކޮށްފައިވާ ތަރިއެކެވެ. ބްލަޑްހައުންޑްގެ އިތުރުން ކާމިޔާބު ތަފާތު ފިލްމުތަކުން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ. އަދި ވަރުގަދަ އެކްޓިން ހުނަރުތަކެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށް އެކި ކްރިޓީކުން ވަނީ ލަފާ ވެސް ކޮށްފައެވެ.
ސައިރޯން މަރުވެފައި އޮއްވައި ފެނުނީ މީގެ ދެ ދުވަސް ކުރީންނެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ ސޯލްގައި އޭނާ ދިރިއުޅެމުން އަންނަ ގެއިންނެވެ. އޭނާ މަރުވި އިރު އޭނާގެ އުމުރަކީ 24 އަހަރެވެ.
އޭނާ މަރުވުމުގެ ކުރީން އޭނާ ވަނީ ދެކުނު ކޮރިއާގެ އާންމުންގެ ފަރާތުން ގަނާގެ ޝިކާރައަށް ވެފައެވެ. ވަރަށް ޅަ އުމުރުން ފެށިގެން މީޑިއާގައި މަސައްކަތް ކުރަމުން އައި އިރު އޭނާ އަށް ވަނީ އެކި އުމުރުގައި ގަނާކޮށްފައެވެ. ނަމަވެސް އެންމެ ފަހުން މައްސަލަ ހޫނު ވެފައިވަނީ މަސްތުގެ ހާލުގައި ކާރު އެކްސިޑެންޓެއް ވުމުންނެވެ. މި އެކްސިޑެންޓުގައި ކިމް ވަނީ ކާރުގައި ގޮސް ކަރަންޓު ހޮޅިއަކަށް އަރާފައެވެ. ނަމަވެސް މި މައްސަލައިގައި މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.
ސައިރޯންގެ މަރާއެކު މިހާރު ފެންމަތި ވެފައިވަނީ އިތުރު ކަންބޮޑުވުންތަކެކެވެ. އެއީ ދެކުނު ކޮރިއާގައި ހާއްސަކޮށް ތަރީންނަށް އަމާޒުވާ ގަނާގެ މައްސަލަތަކެވެ.
އޭގެ ތެރޭގައި ބައެއް ތަރީން މީހުންނާ ރަށްޓެހި ވެގެން ވެސް ވަނީ ފޭނުންގެ ފަރާތުން ގަބޫލު ނުކުރެވޭ މިންވަރަށް ގަނާ ރައްދުވެފައެވެ. މިފަދަ ގަނާގެ މައްސަލަތަކާ ގުޅިގެން ތަފާތު ތަރީން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ބޮޑެތި އައިޑަލްތައް ވެސް ހިމެނެއެވެ.