ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މެންދުރުފަހު ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު)ގެ އެހީގައި ދިވެހި ސަރުކާރުން ވެސް ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައި ވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
އެގޮތުން، ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އައު ވޭސްޓް ޓްރާންސްފަ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ޚާއްސަ ޕްލާންޓެއް ތަރައްޤީ ކުރުން ހިމެނެއެވެ. އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އައު އުޅަނދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތަޢާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ.
މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗަ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަޙައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.
ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، ފާހަގަކޮށްލެވޭ ހެއު ބަދަލުތަކެއް ގެނެސްފައިވާ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައްވެސް ބައްލަވާލެއްވިއެވެ.
އެގޮތުން ގެނެވިފައިވާ ހެއު ބަދަލުތަކަށް ބަލާއިރު، ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދައެވެ. އަދި ޖާގައިގެ ބޭނުން، އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައެވެ.
ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަޙައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު، އެއް ދުވަހުން އެއްގަޑިއިރަށް ކުޑަކޮށް، ލޭންޑިންގް ކްރާފްޓް އޯފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު، ތިން ދުވަހުން، ފަސް ގަޑިއިރަށް ވަނީ ކުޑަކުރެވިފައެވެ.
މީގެ އިތުރުން އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވާގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް ދެ އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއް ވެސް ވަނީ ތަރައްޤީކޮށްފައެވެ.
މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުމެވެ.