އާސަންދަ އިސްލާހުކޮށް، ދައުލަތުން ބޭސްފަރުވާއަށް ކުރާ އިސްރާފު ކުޑަކުރަން ޕްރައިވެޓް އިންޝުއަރެންސް އޮންނަނަމަ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށް ފަހު އަލުން އާސަންދަ ދޭން ފަށައިފިއެވެ.
މީގެ ފަސް މަހެއްހައި ދުވަސް ކުރިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ނިންމީ "އައުޓް ޕޭޝަންޓް"ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ފުރަތަމަ ބިލްކުރާނީ ޕްރައިވެޓް އިންޝުއަރަންސުން ކަމަށެވެ.
އަދި، އިންޝުއަރަންސްގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ އިންޝުއަރަންސުން އެ ޚިދުމަތެއް ކަވަރު ނުކުރާނަމަ، އާސަންދަ ސްކީމުން އެ ޚިދުމަތަަށް ކަވަރުކުރާ ގޮތަށެވެ.
އެހެންވެ، ޕްރައިވެޓް ހޮސްޕިޓަލުތަކުން މި ފަސް މަހެއްހައި ދުވަހު ފުރަތަމަ ބިލްކުރަމުން އައީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ މުޅިން ވެސް ޕްރައިވެޓް އިންޝުއަރެންސަށެވެ.
ނަމަވެސް، އިތުބާރުހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި މި މަހުގެ ކުރީކޮޅުން ފެށިގެން އާސަންދައިން ވަނީ އަމިއްލަ ހޮސްޕިޓަލްތައް ހިންގާ ފަރާތްތަކާ އެކު، ޑުއަލް އިންޝުއަރެންސް ސިސްޓަމަށް އަލުން ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
"މި މަހުގެ ކުރީކޮޅުން ފެށިގެން އަޅުގަނޑުމެންނަށް އަންގާފައި އޮތީ މި ބަދަލު ގެންނަން އުޅޭކަން. އަދި، މި ކަމަށް ތައްޔާރުވުމުގެ ކަންކަން ވެސް ކުރަމުން މި އަންނަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ހޮސްޕިޓަލެއްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އިއްޔެއިން ފެށިގެން ޑުއަލް އިންޝުއަރެންސް ސިސްޓަމަށް ހޮސްޕިޓަލުތަކުން ފައިސާ ނަގަން ފަށާފައިވާކަމަށް "ސަން"އަށް ވަނީ އެނގިފައެވެ.
އެގޮތުން، ޕްރައިވެޓް އިންޝުއަރެންސަށް ކެނޑުމަށް ފަހު، އާސަންދައިން ވެސް ކުރިއެކޭ އެއްގޮތަށް މިހާރު ރުފިޔާ ކަނޑައެވެ.
މި ބަދަލާ ގުޅިގެން އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މި އުސޫލުން ޚިދުމަތް ފޯރުކޮށްދޭން އިއްޔެ ފަށާފައި ވާކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ނަގާ ކޮންސަލްޓޭޝަން ފީއަށް ވެސް މިއަދުން ފެށިގެން މި އުސޫލު ތަންފީޒު ވާނެކަމަށް ވަނީ ބުނެފައެވެ.
އައުޓް ޕޭޝަންޓް އެހެނިހެން ޚިދުމަތްތަކަށް މި އުސޫލު ތަންފީޒު ކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ފަހުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
"މިއާއެކު ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ޚިދުމަތް ހޯދާއިރު، އެންމެ ފުރަތަމަ ޗާޖު ކުރާނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭންއިން ފޯރުކޮށްދޭ މިންވަރެވެ. އެއާއެކު ޕްރައިވެޓް އިންޝުއަރެންސްގެ ޕްލޭންއިން ކަވަރުކުރާ މިންވަރަށްވުރެ އިތުރުވާ އަދަދު (އާސަންދައިގެ ލިމިޓިގެ ތެރެެއިން) އާސަންދައިން ފޯރުކޮށްދޭނެއެވެ" އެ ބަޔާނުގައި ވެއެވެ.
މިއީ އާސަންދަ ރިފޯމް ކުރުމަށް ކުރާ މަސައްކަތެއްކަމަށް އެ ބަޔާނުގައި ވެއެވެ.
އަލުން ޑުއަލް އިންޝުއަރެންސް ދޭން ފެށުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އެއާއެކު އާސަންދަ ވެސް ލިބި، އަމިއްލަ ހޮސްޕިޓަލުތަކުގައި ޑޮކްޓަރަށް ދައްކަން ކުރާ ޚަރަދު ކުރިއެކޭ އެއްގޮތަށް ވަރަށް ބޮޑަށް ލުއިވާނެއެވެ.
ޑުއަލް އިންޝުއަރެންސްގެ ނިޒާމު ބަދަލުކޮށް އާސަންދައިގެ އިސްރާފު ކުޑަކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް މިދިޔަ އަހަރު ތެރޭ ވާހަކަދެއްކި އެއް ކަންތަކެވެ. އެ ކަމާ ގުޅިގެން އެއިރު އާންމުންގެ ނުރުހުން ވެސް އަމާޒުވިއެވެ.
ނަމަވެސް، މި ނިންމުން އަލުން ބަދަލުވެފައިވާއިރު މީގެ ކުރިން ވެސް ވަނީ އިގުތިޞާދު ހަރުދަނާ ކުރަން ޑަބަލް ޕެންޝަން ނިޒާމު އުވައިލަން ނިންމުމަށް ފަހު އެ ކަން ވެސް ނުކުރާ ގޮތަށް ނިންމައިފައެވެ.
އާސަންދަ ރިފޯމްކޮށްގެން ބޮޑު އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް ބުނި ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު އާސަންދައަށް ކުރި ޚަރަދު ވަނީ އިތުރުވެފައެވެ. މާޗު ހަވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 426.3 މިލިއަން ރުފިޔާ ޚަރަދުކުރިއިރު މިދިޔަ އަހަރު މި މުއްދަތުގައި ޚަރަދުވީ 403.4 މިލިއަން ރުފިޔާއެވެ.