ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
މިއަދު ހެނދުނު 11:45ގައިވަނީ ޖުޑިޝަރީ ކޮމިޓީން ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކޮށްފައެވެ.
ޖުމްލަ ހަތަރު މިނެޓަށް ކުރިއަށް ގެންދިޔަ އެ ކޮމިޓީ ބައްދަލުވުމުގައި ރައީސް މުއިއްޒު ފޮނުއްވި ނަންފުޅުކަމަށްވާ ޝަހީދަށް ރުހުން ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ކަމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.
އެއާއެކު ޝަހީދަށް ރުހުން ދޭން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމަށްފަހު ކޮމިޓީ ނިންމައިލީއެވެ.
ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް އޭނާ ހާސިލް ކުރައްވައިފައިވެއެވެ.
މީގެ ކުރިން ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި:
- އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން
- ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމު
- ކްރިމިނަލް ކޯޓުގެ ގާޒީކަން
- ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު
- ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023ގައެވެ.
ސުޕްރީމް ކޯޓަށް އައު ފަނޑިޔާރަކު އައްޔަންކުރުމުގެ މަސައްކަތް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފަށަން އުޅެނީ، ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.