ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ނުކުރެއްވި އޮތް ކަމަކީ ސިޔާސީ ލީޑަރުން ހައްޔަރުކުރުން ކަމަށާއި މިއަދު މިސްރާބު ހިފާފައި ހުރީ އެ މަގަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އަންނަނީ ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ.
ރޭގެ މުޒާހަރާގައި ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ، މުޒާހަރާކުރަން ރައްޔިތުން މަގުމައްޗަށް ނުކުތީ ދާނެ އިތުރު ތަނެއް ނެތުމުން ކަމަށެވެ. ރައްޔިތުންގެ މަޖިލީސް މިހާރު އޮތް ހާލަތު އެންމެންނަށް ވެސް އެނގޭ ކަމަށާއި މަޖިލީހުގެ ތެރެއިން މިހާރު ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް މުއިއްޒު މިއަދާ ހަމައަށް ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ކޮށްފި، އެންމެ ކަމެއް ފިޔަވާ. އެކަން މިއަދު ތިބޭފުޅުން ލައްވާ ކުރަން އެ މަސައްކަތް ކުރަނީ. މިއަދާ ހަމައަށް ނުވެ އޮތް ކަމަކީ ސިޔާސީ މީހުން ހައްޔަރުކުރުން،" ފިއްޓޭ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން ސިލްސިލާކޮށް ކުރާ މުޒާހަރާތަކުގައި ބައިވެރިވާ ގިނަ ބަޔަކު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އެ ގޮތުން، އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް އުޅޭ 10 މީހަކު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އިއްޔެ ވެސް އެ ޕާޓީގެ އެކްޓިވިސްޓެއް ގޮތުގައި ހަރަކާތްތެރިވާ އަހުމަދު ސަލީމް (މާޒް ސަލީމް) ވެސް ފުލުހަށް ހާޒިރުކޮށްފައިވެއެވެ.
މާޒް ސަލީމް ފުލުހަށް ހާޒިރުކުރީ އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްވާހެން ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އޭނާ ހާޒިރުކުރީ އިއްޔެ ހަވީރު 04:30 އަށެވެ.
މާޒް ސަލީމާ އެކު ފުލުހުންގެ މަރުކަޒު ކައިރިއަށް ދިޔަ އެ ޕާޓީގެ މެންބަރުން، ބަންގި ގޮވިއިރު ވެސް އޭނާ ދޫކޮށްނުލާތީ، ރޯދަ ވީއްލީ ވެސް ޕޮލިސް ސްޓޭޝަން ކައިރީ މަގުމަތީގައެވެ. އެ އެކްޓިވިސްޓުން މަގުމަތީ ރޯދަ ވީއްލާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާއިރު، ޕާޓީގެ އެއްވެސް މެންބަރަކު ދޫކޮށްލާފައި ނުދާނެ ކަމަށް އެ އެކްޓިވިސްޓުން ދިޔައީ ބުނަމުންނެވެ.