ސިލްސިލާ ގޮތެއްގައި އެމްޑީޕީން ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ 10 މީހަކު ފުލުހަށް ހާޒިރު ކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ޗިޓު ފޮނުވައިފިއެވެ.
'ސަން'އަށް މައުލޫމާތު ދެމުން އެމްޑީޕީން ބުނީ އެ ޕާޓީގެ މުޒާހަރާތަކުގައި ބައިވެރިވާ މީހުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފުލުހަށް ހާޒިރުކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އިއްޔެއާ ހަމައަށް ހާޒިރުކުރި މީހުންގެ ތެރޭގައި:
- އިބްރާހީމް އަބްދުﷲ (ގައްބަރޭ)
- މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ
- އަހުމަދު ސަލާމް (މާޒު ސަލީމް)
- މޫސާ އަލި މަނިކު (މޫކޭ)
- މުޙައްމަދު ޝާމިލް
އެ ޕާޓީގެ ހަތަރު މެމްބަރަކު މާދަމާ ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވާފައި ވާއިރު މިއަދު އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. މާދަމާ ހާޒިރުކުރުމަށް ޗިޓު ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ:
- ފާތިމަތު ޝިއުނާ: 13:00ގައި ހެންވޭރު ޕޮލިސް ސްޓޭޝަން
- ހަދީޖާ މުޙައްމަދު (ހައްޖަ): 13:00ގައި ގަލޮޅު ޕޮލިސް
- އާއިޝަތު ނަޖުދާ އަލީ: 16:00ގައި ގަލޮޅު ޕޮލިސް
- އަހުމަދު ސަލީމް (މާޒު ސަލީމް): 16:00ގައި ގަލޮޅު ޕޮލިސް
- ރީސާ އަހްމަދު: 21:00ގައި ހެންވޭރު ޕޮލިސް

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން: އެ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ފަސް މީހަކު ފުލުހަށް ފަސް މީހަކު ހާޒިރުކޮށްފައިވޭ -- ފޮޓޯ/ އެމްޑީޕީ
މިއަދު މަންދީ ފުލުހަށް ހާޒިރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، އަޑުގަދަކޮށް މުޒާހަރާ ކުރުމާއި އާންމު ދަތުރުފަތުރަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ.
އެމްޑީޕީގެ އެހެން ބައެއް އެކްޓިވިސްޓުންނަށް ފޮނުވައިފައިވާ ޗިޓުގައި ވެސް، ބަލަމުންދާ މައްސަލައިގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ މައްސަލައެވެ.
މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާތަކުގައި ނުރުހުން ފާޅުކުރަމުން އަންނަނީ، ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށާއި އެ ޕާޓީގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތައް ބަހައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ބުނެއެވެ.
އެ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
މީގެ އިތުރުން އެއް މުޒާހަރާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައި މަންދީ ދެއްކި ވާހަކައަކަށް މުއައްސަސާތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަންދީވަނީ، މި ސަރުކާރުން ވޭޕް މަނާކުރީ ރައީސްގެ ދަރިކަލަކު ވޭޕް ކުރެއްވުމުން ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި މަންދީއާއި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ދައުވާ ކުރަން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ނިންމަވައިފައެވެ.