މާޒް ސަލީމް ދޫކޮށް ނުލާތީ، އެމްޑީޕީގެ ބައެއް އެކްޓްވިސްޓުން ރޯދަ ވިއްލީ ޕޮލިސް ސްޓޭޝަން ކުރިމަތީ

އެމްޑީޕީ އެކްޓިވިސްޓުން މަގުމަތީގައި ރޯދަ ވީއްލަނީ -- ފޮޓޯ/ ސޯޝަލްމީޑިއާ

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު ސަލީމް (މާޒް ސަލީމް) ފުލުހަށް ހާޒިރުކުރުމަށްފަހު ދޫކޮށްނުލާތީ އެޕާޓީގެ ބައެއް އެކްޓިވިސްޓުން ޕޮލިސް ސްޓޭޝަން ކުރިމަތީ ރޯދަ ވީއްލައިފިއެވެ.

މާޒް ސަލީމް ފުލުހަށް ހާޒިރުކުރީ އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްވާހެން ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އޭނާ ހާޒިރު ކުރީ މިއަދު ހަވީރު 04:30އަށެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހްމަދު އައިކް އީސާ ވިދާޅުވީ، އެމްޑީޕީ މެމްބަރެއް ފުލުހަށް ހާޒިރުކުރާ ނަމަ، އެ މެމްބަރަކު ދޫކޮށްލަންދެން ޕާޓީގެ އިތުރު މެމްބަރުން ޕޮލިސް ސްޓޭޝަން ކައިރީ މަޑުކުރުމަކީ އެ ޕާޓީން އަބަދު ވެސް ކުރާ ކަމެއް ކަމަށެވެ.

"ބައެއް ފަހަރު ބަޔާން ނަގަން ވައްދާފައި ދޫކޮށްނުލައި ހައްޔަރު ކުރަނީ. އެހެންވީމަ އަސްލު އެމްޑީޕީން އެހެން ކަންތައް ކުރަނީ،"

މިއަދު ވެސް މާޒްއާއެކު ޕްލިސް ސްޓޭޝަން ކައިރިއަށް އެ ޕާޓީގެ މެމްބަރުން ދިޔަ ކަމަށާއި ބަންގި ގޮވި އިރު ވެސް މާޒް ދޫކޮށް ނުލާތީ އެ މެމްބަރުން މަގުމަތީ ރޯދަ ވީއްލީކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެކްޓިވިސްޓުން މަގުމަތީ ރޯދަ ވީއްލާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ވާއިރު، ޕާޓީގެ އެއްވެސް މެމްބަރަކު ދޫކޮށްލާފައި ނުދާނެ ކަމަށް އެ އެކްޓިވިސްޓުން ދިޔައީ ބުނަމުންނެވެ. އަދި މިއީ އަނިޔާވެރިކަން ކަމަށް ބުނާއަޑު ވީޑިއޯއިން އިވެއެވެ.

އައިކް ވިދާޅުވި ގޮތުގައި، މާޒްގެ ބަޔާން ނަގަން ހާޒިރު ކުރީ އިއްޔެއެވެ. މިއަދު 4:30ގައި ހާޒިރު ކުރީ ބަޔާނުގައި ސޮއި ކުރަންނެވެ.

"ބަޔާނެއްގައި ސޮއިކުރަން ގޮސްފަ ތިން ގަޑިއިރާ ބައި ވީމަ ދިސް އިޒް ރިޑިކިއުލަސް،" އޭނާ ވިދާޅުވިއެވެ.

ގާނޫނުގައި ބުނާގޮތުން މިފަދައިން މެދުނުކެނޑި ސުވާލުކުރެވޭނީ ހަތަރު ގަޑިއިރަށްކަން ފާހަގަކުރައްވައި މި ހަތަރު ގަޑިއިރު ރޯދަ ވީއްލާ ވަގުތާ ދިމާވުމުން ވެސް މާޒް ދޫކޮށް ނުލުމުގެ ކަންބޮޑުވުން އައިކް ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، މާޒް ވަނީ ތަހުގީގަށް ވެސް ފުރިހަމަ އެއްބާރުލުން ދީފައި ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައި ދެއްކި ވާހަކަތަކާ ގުޅިގެން މާޒް ސަލީމްގެ އިތުރުން އެ ޕާޓިގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

މީގެ އިތުރުން ވެސް، އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަ މީހަކު ފުލުހަށް ހާޒިރުކުރަން ވެސް ފުލުހުން ވަނީ ޗިޓު ފޮނުވައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހާޒިރުކޮށްފައެވެ.

https://sun.mv/203758

ފުލުހަށް ހާޒިރުކުރާ މީހުންނަކީ:

  • އިބްރާހީމް އަބްދުﷲ (ގައްބަރޭ)
  • މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ
  • އަހުމަދު ސަލީމް (މާޒު ސަލީމް)
  • އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
  • މުޙައްމަދު ޝާމިލް
  • ފާތިމަތު ޝިއުނާ
  • ހަދީޖާ މުޙައްމަދު (ހައްޖަ)
  • އާއިޝަތު ނަޖުދާ އަލީ
  • ރީސާ އަހްމަދު
comment ކޮމެންޓް