އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މަސައްކަތްކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ބުނެ, ނުރުހުން ފާޅުކޮށް އެމްޑީޕީން މިއަދު ބަޔާނެއް ނެރެފިއެވެ.
މިފަހުން އެމްޑީޕީން ވަނީ ސިލްސިލާ ގޮތެއްގައި މާލޭގައި އިހުތިޖާޖުތައް ބާއްވަން ފަށައިފައެވެ. އެކި އިދާރާތަކުން އިއްޔެ ބަޔާން ނެރެފައިވަނީ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިއަކު ދެއްކި ވާހަކައާ ގުޅިގެންނެވެ. އެ ވާހަކަ ނިސްބަތްކޮށްފައިވަނީ ރައީސްގެ ދަރިކަލަކަށެވެ.
އެ މައްސަލައިގައި އީސީން ނެރުނު ބަޔާނުގައި ބުނީ, ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށް ބުނެ އެމްޑީޕީން ކުރިއަށްގެންދަ އިހުތިޖާޖުތަކާ ގުޅިގެން ކަމަށެވެ. ހަމައެއާއެކު އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ, އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިފައިވާ ކަމަށާއި އެ ހައްގުގެ ބޭނުން ކުރުމުގައި އެކަކު އަނެކަކުގެ ހައްގުތަކަށް އަރައިނުގަތުމަށެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނަކީ ސަރުކާރާ ދެކޮޅަށް އެ ޕާޓީން ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގެންފައިވާ ކަމަށް ބުނެ, އީސީ އަދި އެޗްއާރްސީއެމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްލަހަތު ހިމާޔަތްކުރުމަށް ނެރުނު ބަޔާންތައް ކުށްވެރިކޮށް ނެރެފައިވާ ބަޔާނެކެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، އެއީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ.

އެމްޑީޕީން ބާއްވާ ސިލްސިލާ މުޒާހަރާގެ ތެރެއިން: އެޗްއާރްސީއެމްއާއި އީސީން މަސައްކަތްކުރަނީ ރައީސްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ބުނެ އެމްޑީޕީން ނުރުހުން ފާޅުކޮށްފި -- ފޮޓޯ/ އެމްޑީޕީ
އެމްޑީޕީން ބުނީ، އެ މުޒާހަރާގައި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއްކަން އަމިއްލައަށް ނިންމައި، އީސީ އަދި އެޗްއާރްސީއެމުން ބަޔާނެއް ނެރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއް ކަމަށާއި، އެ ބަޔާންތަކުގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުއްޖާ ފަލީހަތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
"އެ ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ، ރައްޔިތުންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި ރައްޔިތުންނަށް ކުރަމުންދާ ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން އަރުވާ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުހިނގާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ރައްޔިތުންނަށް އަރުވައިފައެވެ.
ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގަކަށް ރައީސުލްޖުމްޙޫރިއްޔާ އަރައިގަންނަމުންދާކަމަށް ތުހުމަތުކޮށް، އެމްޑީޕީން ބުނީ އެ ޣައިރު ގާނޫނީ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅަން އެޗްއާރްސީއެމުން ވަނީ ނުކުޅެދިފައި ކަމަށެވެ. ހަމައެހެންމެ ސުލްހަވެރި ސިޔާސީ ހަރަކާތެއް ހިންގުމަށް ހުރަސް އަޅައި، ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް މަސައްކަތްކުރައްވާ ކަމަށާއި، އީސީން ވެސް އެކަމަށް އެއްބާރުލުންދީ، ރާއްޖެއަކީ އެންމެ ސިޔާސީ ފިކުރަކަށް ޖާގަ އޮތް ތަނަކަށް ހެދުމަށް ވާގިވެރިވަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.
"ރައީސުލްޖުމްޙޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި، ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހިކޮށްދިނުން ހުއްޓައިލުމަށް، ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ މުސްތަގިއްލު ކޮމިޝަންތަކަށް އެމްޑީޕީން ގޮވައިލަން،" އެމްޑީޕީން ބުންޏެވެ.
comment މިސްރާބު
4 week 2 day ago
މިމީހުން ކޮންމެ ރެޔަކު އެއްވެ މިހަޅޭ ލަވަނީ ފުލެޓޭކިޔައިގެން ބަލަ ދަޢުރުގައި އެތަން ޙަވާލު ނުކުރެވުނީ ކީއްވެ ، ދެން ރައީސް ޔާމީންގެ ދަޢުރުަގައިވެސް ދަޢުލަތުން ފުލެޓް ލިބިފައިކަމަށް ބުނެ ރަސްމީ ލިޔުން ލިބުނު މީހުނާއި އެމްޑީޕީ އިބޫގެ ސަރުކާރުން ކޮމެޓީހަދާފައި ފުލެޓު ނުދިން ، ހަމަ އެގޮތަށް ލިސްޓުގައި ޝަރުޠު ހަމަވާތޯ މިސަރުކާރުންވެސް ބަލާނެ ، އެހެންވީމަ ހަޖަމުކުރޭ ، މިނި ގޮތަށް މިނާނެ . ތިމީހުންގެ ޙައްޤު އެކަނިއެއް ނޫން އޮންނާނީއަކީ ރޯދަމަހު މީހުން ޢަޅުކަމުގައި އެމީހުން އަސާސެއްނެތި މަގުމަތީގައި ފިތުނަ ފަސާދަ
comment ޔަތީރު
1 month 1 day ago
ރަސްގެފާނަ ދިގުއުމުރެއް. ރައްޔިތުން މީ އަޅުން. އެމްޑީޕީން ވެސްދެން ވެރިކަމަކައް އަންނަން ރަގަަޅެއް ނޫން.މިހާރުތީ ޑީރޕީ. ބަރުލަމާނީ ގެންނަން ފެނޭ. ސިޔާސީ ވެރިން ވަރައް ބިރުގަނޭ ބަރިލަމާނީދެކެ.
comment 1206
1 month 2 day ago
މަރިޔަމް ޒުބައިރު ދެއްކި ވާހަކަތައް ކޮބާ؟
comment ދިލްސާ
1 month 2 day ago
ސަޅި ރައްޔަތުން މުސާރަދިނީމަ ވަކިމީހަކުހިމާޔަތްކުރުމުގަ ތިވެސްމަރުވާނެބައެއް