އިސްރާފުކުރުމަކީ މާތް ﷲ ރުހިވޮޑިގެން ނުވާ ސިފައެކެވެ. އެ ކަމަށް މުސްލިމުންނެއް ވެސް ނުރުހޭނެއެވެ. އެއީ ﷲގެ ރުހިވޮޑިގަތުން ނުލިބޭ އެއްވެސް ކަމަކަށް އެ މީހުން ނުރުހޭނެތީއެވެ. ތިމާގެ އަމިއްލަ ނަފުސުން ވެސް އިސްރާފުކުރަން ނޭދޭ ފަދައިން، އެހެން މީހުންގެ ކިބައިގައި ވެސް އެ ސިފަ ހުރުން ނުރުހެން ވާނެއެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް، ނުވަތަ ރޯދިބަރަކާތް އިތުރު ވިޔަސް، ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ހޯދާ އިސްރާފުކޮށްގެން ނުވާނެއެވެ. ރޯއްޖަކީ ވެސް މާތް ﷲ ދެއްވާ ނިޢުމަތެކެވެ. ރޯދަމަހަކީ ރޯދިބަރަކާތް އިތުރުވާ މައްސަރެކެވެ. އެއީ އެ މަހުގެ ބަރަކާތުގެ ތެރޭ ހިމެނޭ ކަމެކެވެ.
ރޯދަމަހާއި އެނޫން މަސްމަހުގައި ވެސް ކައިބޮއި ހެދުމުގައި އިސްރާފު ނުކުރުމަށް މާތް ﷲ ވަނީ އަމުރު ކުރައްވައިފައެވެ. ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ (الأعراف: ٣١) މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."
ކެއިންބުއިމާ އިސްރާފު ކުރުމާ ގުޅުވައިގެން ވަރަށް ގިނަފަހަރު ވާހަކަ ދެކެވެއެވެ. އެއީ އިންސާނުންގެ ކިބައިގައި އެކަމުގެ ނުރަނގަޅު އާދަ ހަރުލާފައި ހުންނާތީއެވެ. އަދި ރޯދަމަހު މިކަން އިތުރުވެގެން ދާކަމަށް ގިނަމީހުން ޤަބޫލުކުރެއެވެ. ރޯދަމަހު ރޯދިބަރަކާތް އިތުރުވަނީ އެއިން އިސްރާފު ކުރާކަށް ނޫނެވެ. އެހެން މަސްތަކުގައި ކައިބޮއި އުޅޭ މިންވަރާ އަޅާ ބަލާއިރު، ރަމަޟާންމަހު ކެއުމުގެ ޙަރަކާތްތައް އޮންނާނީ ނިސްބަތުން ވަރަށް މަދުކޮށެވެ. ރޯދަވީއްލުމާއި ހާރުކެއުން އެކަންޏެވެ. އިތުރަށް މީހަކު އެއްޗެއް ކާ ނަމަ ތަރާވީސްދަމުގައި އެއްޗެއް ކައިލަފާނެއެވެ.
އެނޫން މަސްމަހުގައި ހެނދުނުގެ ނާސްތާއާއި، މެންދުރުގެ ކެއުމާއި ހަވީރުގެ ސައިގެ އިތުރަށް ރޭގަނޑުގެ ކެއުން ވެސް ކައިއުޅެއެވެ. އަދި ދޭތެރެދޭތެރެއިން ބޮއިލާ ކޮފީއަކީ ވެސް މަދު އެއްޗެއް ނޫނެވެ. އެހެންކަމުން ރަމަޟާންމަހުގެ ކެއުމާއި ބޭނުންކުރެވޭނެ ކާބޯތަކެތީގެ ނިސްބަތް އޮންނަންވާނީ ބައިކުޅަބައި މަދުވެފައެވެ. އެހެނަސް އެހެން މަސް މަހަށްވުރެ ކާނާގެ ބާވަތްތައް ރަމަޟާންމަހު ބޭނުންކުރާ ނިސްބަތް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ރޯދަމަހުގެ އެއް ބޭނުމަކީ ބަނޑުހައި ހޫނުކަން ތަޙައްމަލުކުރާ ނިކަމެތިންގެ ހާލު ދެނެގަތުން ކަމުގައި ތަރުބަވީ ޢިލްމުވެރިން ދެކެލައްވައެވެ. އާންމު ދިރުއުޅުމުގައި ފަޤީރުން ތަޙަންމަލުކުރަމުން ގެންދާ ހައިހޫނުކަން ތިމާވެސް އިހުސާސްކޮށް އެބައިމީހުންނާ މެދު އޯގާތެރިވުމަށް ހަނދާންކޮށް ދިނުމެވެ. މިއަދު އަޅުގަނޑުމެން ހިފާ ރޯދައިން މި ދެންނެވި މަޤްޞަދު ޙާޞިލް ވަނީ "ކިހާވަރަކަށް ބާއެވެ" ހިތަށް ނާރާތޯއެވެ؟
އަޅުގަނޑުމެންގެ ސުފުރާތައް މަތިން ދުނިޔޭގެ ތަނަވަސްކަމާއި ކެއުމުގެ ފޯރިނޫން އެއްޗެއް ނުފެނެއެވެ. ރޯދައަށް ހުންނަ ކޮންމެ ދެ މީހަކަށް އެކައްޗެއް ކަމަކު ނުދެއެވެ. އޭތި ހުއްޓަސް މީގެވެސް ކޮންމެވެސް މިންވަރެއް ހުންނަން ޖެހެއެވެ. މަށަށް އެންމެ ކަމުދާ ވައްތަރުގެ ފަންޏާއި ޖޫސް ނެތިއްޔާ އެއީ ޢައިބުކަމެކެވެ. އެއް ވައްތަރެއްގެ ހެދިކާއަކުން ނުވެއެވެ. ދެ ވައްތަރު ރިހަ ވެސް ހުންނަން ޖެހެއެވެ. ނޫނީ އެއަށް ވުރެ ގިނަކޮށްލަންވީއެވެ. ރޮށްޓާއި ފެންފޮޅިއާއި ޕާނާއި ބަނަސްވެސް ތައްޔާރު ކުރަން ކެރުނިއްޔާ އެއީ މޮޅުގޮތަކަށް އޮންނަނީ ވެފައެވެ.
ފޮނިކާތަކެތީގެ ލިސްޓު ވެސް ތިނަކަށް ވުރެ މަދިއްޔާ އެއީ އުނިކަމެކެވެ. ނިކަމެތިކަމެކެވެ. މަޙްރޫމީންނާއި ނިކަމެތިންގެ ޒިކުރެއް ނުކުރެވެއެވެ. އެބައިމީހުން ރޯމާ ދުވާލު އަވީގާއި ބުރަކޮށް މަސައްކަތް ކުރަމުން އެ ދަނީ ރޭ ހާރުވެސް ކައިގެންތޯ ނުވަތަ ނޫންތޯ ބަލާނެ މީހުން އުޅޭބާއެވެ. އެ ނިކަމެތިންގެ އިހުސާސް ނުކުރެވޭ ޙާލު ދުވާލުގެ ވަގުތު ތަކުގައި ލިބޭ ހައިހޫނުކަން ކިޔައިދޭހާ ވެސް އެއްޗަކީ އަނގަޔަށް މީރު ކާނާތައް ތައްޔާރުކުރާނެ ގޮތްތަކެވެ.
ރޯދައިގެ ކަރުހިއްކުމާއި، ގޮހޮރަށް ލިބޭ ލުއިކަން ފިލުވައިލުމަށް ގިނަ އަދަދެއްގެ ކާނާ ތައްޔާރުކޮށް އެ ތަކެއްޗަށް އިންސާފުކުރަން ކިތަންމެ ބޭނުންވިޔަސް އެކަމެއް ގިނަފަހަރު ނުވެއެވެ. ބަންގީގެ އަޑާއެކު ދެތިން ސުވާ އަނގަޔަށް ލުމުން ބަނޑުފުރި، ހަމަޖެހެއެވެ. ދިޔާ އެއްޗެއް ބޮއެފިއްޔާ އިތުރަށް ކާނެ އެއްވެސް ޖާގައެއް ނޯވެއެވެ. ކެއްކިހައި އެއްޗެއް ސުފުރާމަތީ ތިބެ "ތިމަންނާމެން ހުސްކުރާށޭ" ގޮވިޔަސް އެއަށް ދޭން އޮންނަނީ ބީރުކަންފަތެކެވެ. ހަރުކުލައިގެ އެކަކަށް ވެސް މާގިނައެއްކޮށް ނުކެވެއެވެ.
ޒުވާން ޅަނދޮޅު ޅަބާޅަ ކުދިން ދެބަނޑަށް، ކީއްކުރަންތޯ ތިންބަނޑަށް ވެސް ކައިފާނެއެވެ. އެއްބަޔަކަށް ގިނައިން ނުކެވޭތީ ކާނާ އިސްރާފުވެގެން ދަނީއެވެ. އަނެއް ބަޔަކު ތަންކޮޅެއް ގިނައިން ގަދަކަމުން ކައިފި ނަމަ ދެން ވެސް ވަނީ އިސްރާފެވެ. ކާނާގެ ތެރެއިން ހަށިގަނޑަށް ބޭނުންވާ މާއްދާތަށް ނެގުމަށް ފަހު، ދެން ހުރިބައި ޖެހެނީ ސިއްރިއްޔާތުގައި ނައްތައިލާށެވެ.
ރޯދަމަހުގެ ޙަޤީޤީ މަޤްޞަދުކަމުގައިވާ ތަޤުވާވެރިވުމަށް އެޅޭ ހުރަހެއް ކަމުގައި ނޫނީ މި ކަންކަން ނުވެއެވެ. ކާނާގެ ލޯބީގައި ހޭދަކުރެވެނީ ވަރަށް ގިނަ ވަގުތެވެ. އެއީ ވެސް އިސްރާފުވެގެންދާ އެއްޗެކެވެ. ނޭނގި ތިބެ އިސްރާފު މި ކުރެވެނީ ވަރަށް ބޮޑު ދެ ނިޢުމަތެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّم ގެ މި ޙަދީޘްފުޅަށް ވިސްނަވާށެވެ. ((نِعْمَتَانِ مَغْبُونٌ فِيْهِمَا كَثِيْرٌ مِنَ النَّاِس: "الصِّحَّةُ وَالْفَرَاغُ ")) (رواه البخاري) މާނައީ:- "ވަރަށް ގިނަ ބަޔަކު ވަނީ ދެ ނިޢުމަތެއްގެ މަތިން ޣާފިލުވެގެންނެވެ. އެއީ ދުޅަހެޔޮ ޞިއްޙަތާއި، ހުސްވަގުތެވެ."
އަޅުގަނޑުމެންނަށް އިސްރާފުކޮށް ނަގައި މިލެވެނީ ހާދަ އަގުބޮޑު ޖައުހަރެކެވެ. އަމިއްލަ އަތުން ކުރާ ވިޔާނުދާ ކަންތަކުގެ ސަބަބުންނެވެ. ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުމަކީ ހަށިގަނޑަށް ގެއްލުންހުރި ކަމެކެވެ. ޞިއްޙަތަށް ހުރި ނުރައްކަލެކެވެ. ކާނާ ތައްޔާރުކުރަން ހޭދަކުރާ ވަގުތު ގިނަވެގެން ގޮސް ފައިދާހުރި އެތައް ކަމަކަށް މިވަނީ ވަގުތު މަދުވެފައެވެ. ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދު ކުރުން މިއީ ވަގުތެއް ވިއްޔާ ކުރެވޭ ކަންކަމެވެ. ޞިއްޙަތު ހަލާކުކުރަން ވަގުތު އިސްރާފު ނުކުރާށެވެ. ވަގުތު އިސްރާފުކޮށްގެން، އިސްރާފުވާވަރަށް ކާނާ ތައްޔާރު ނުކުރާށެވެ.
މި ބަރަކާތްތެރި މަހުގެ މަންޒިލަކަށް ވާންވާނީ ނިކަމެތިންގެ ޙާލަތު ދެނެތިބެ، އިސްރާފުން އެއްކިބާވެ، ތަޤުވާވެރިކަން އިތުރު ކުރުމެވެ. މިކަންކަން ޙާޞިލު ނުވާނަމަ، ނުކައި ނުބޮއެ ތިބުމުގެ ބޭނުމެއް ނެތެވެ. މާތް ﷲގެ ދީނަށް ނަސްރުދިނުމަށް ފަށައިގަންނަންވީ ހިސާބަކީ ތިމާގެ އަމިއްލަ ނަފުސެވެ. އެކަލާނގެ ލޯބިވާ ކަންކަމަށް ލޯބިކުރުމާއި އެކަލާނގެ ނުރުހޭ ކަންކަމަށް ނުރުހުމަކީ އީމާންކަން ސަލާމަތުން ބޭއްވޭނެމަގެވެ.
އިސްރާފުކުރުމަކީ މާތް ﷲ ލޯބިވެވޮޑިގެން ނުވާ ސިފައެކެވެ.﴿وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ (الأنعام: ١٤١) މާނައީ: "އަދި ތިޔަބައިމީހުން އިސްރާފުނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ."