އިސްލާމްކަމުގައި އެންމެ މުހިއްމީ ތައުޙީދު ޤާއިމުކުރުމެވެ.

ކީރިތި ޤުރްއާން--

އިސްލާމްދީނަކީ މުޅި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ބާވައިލެއްވުނު ދީނެވެ. އިސްލާމްދީން ރަޙުމަތަކަށް ވަނީ އެ ދީން ބާވައިލެއްވި އިލާހު އެ ގޮތަށް އެކަން ކަނޑައެޅުއްވީމަވެ. އެ ދީނުގެ ރަޙުމަތް މީސްތަކުންނަށް ފޯރަނީ ރަޙުމާނުވަންތަ އިލާހުގެ އޯގާވަންތަ ކަމުންނެވެ. އެ ދީނައިގެން ފޮނުއްވެވީ ރަޙުމަތުގެ ނަބިއްޔާއެވެ. ‎﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ﴾ ‎(الأنبياء: ١٠٧) މާނައީ: " އަދި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ." މި ހުރިހާ އޯގާވެރިކަމެއްގެ ވެރި އިލާހަށް ޝަރީކުކުރުމަކައި ނުލައި އެއިލާހުގެ އެއްކައުވަންތަކަން އިންސީންގެ ޙަޔާތުގައި ޤާއިމުކުރުން އެއީ އެއިލާހަށް ޝުކުރުވެރިވުމެވެ. އިސްލާމްކަމުގައި އެންމެ މުހިއްމީ ތައުޙީދު ޤާއިމުކުރުމެވެ.

ޝުކުރުވެރިވުމީ އަޅުކަމެކެވެ. މި އޯގާވަންތަކަމާއި ރަޙުމަތް ލެއްވިކަމަށް ޓަކައި އެއިލާހަށް ކޮންމެހެން ކުރުން ލާޒިމު ކަމެކެވެ. ޝުކުރު ކޮށްފި ނަމަ އެ ކަމުގެ ހުރިހާ ފައިދާ އަކާއި މަންފާ އެއް އޮތީ ހަމަ އިންސާނާއަށެވެ. މާތް ﷲގެ ޚަޒާނާއަކަށް އިތުރު ވާނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. އަދި އިންސާނުން އެއިލާހަށް ކުފުރުވުމަކުން އެއިލާހުގެ މުލޫކިއްޔަތުން މަދުވާނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. އެއިލާހަކީ އަމިއްލަ ޛާތުފުޅައިގެން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ޓަކައި އޭނާގެ އިސްލާމްކަމުގައި އެންމެ މުހިއްމީ ތައުޙީދު ޤާއިމުކުރުމެވެ.

ރަޙުމާނުވަންތަ ﷲއަށް ޝުކުރު ކުރުމީ އެއިލާހު ދެއްވި ނިޢުމަތް އެއިލާހު ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުން ކުރުމެވެ. މާތް ރަސްކަލާނގެ ދެއްވި އެންމެ ބޮޑު ނިޢުމަތަކީ ބުއްދިއާއި ހިތެވެ. ބުއްދިއެއީ ދެނެގަތުމަށެވެ. ހިތް އެއީ އެ ދެނެގަތް ދެނެގަތުމުގެ ފަހުމް ތަރުޖަމާ ކުރުމަށެވެ. ތަރުޖަމާ ކުރެވެނީ ގުނަވަންތަކުންނެވެ. އެއީ އަޅުކަމެވެ. އަޅުކަން ބިނާވެގެންވަނީ ހިތުގެ ނިޔަތުގެ މައްޗަށެވެ. އަޅުކަމުގައި ހިތުގެ ނިޔަތް ހަމައެކަނި ﷲއަށް ޚާލިޞްކުރުން އެއީ އެންމެ މުހިއްމު ކަންތަކެވެ. އެއީ އިންސާނާ އޭނާގެ ޢަމަލުތަކުން ﷲ سبحانه وتعالىގެ އެއްކައުވަންތަކަމަށް ހެކިދިނުމެވެ. އިސްލާމްކަމުގައި އެންމެ މުހިއްމީ ތައުޙީދު ޤާއިމުކުރުމެވެ.

ﷲގެ ޙައްޤުގައި އިންސާނާއަށް ކުރެވޭނެ އެންމެ މަތިވެރި ކަމަކީ ތައުޙީދު ޤާއިމުކުރުމެވެ. އެންމެ ރިވެތި މާތް މަޖިލިހަކީ، އެ މަޖިލިހެއްގައި ﷲގެ ޒިކުރު ކުރެވޭ މަޖިލިހެވެ. އެ މަޖިލިސްތަކުގެ ތެރެއިން ވެސް ތައުޙީދުގެ ވާހަކަ ދެކެވޭ މަޖިލިހެވެ. އެއިލާހަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަ ދެކެވޭ މަޖިލިހެވެ. އޭގެ އެންމެ ފުރަތަމަ ޙައްޤަކީ މާތް ﷲއާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމުގެ ވާހަކައެވެ. އެއްވެސް ބައިވެރިއެއްގެ އެހީތެރިކަމާނުލައި އެއިލާހު މުޅި ކާއިނަތު އުފައްދަވައި ހުރިހާ ކަމެއް ރާއްވަވައި ހިނގަވާ ހިނދު އެއިލާހަށް ބައިވެރިއަކު ނިސްބަތްކުރުމީ ބޮޑުވެގެންވާ އަނިޔާއެކެވެ. އިއްޔެ ވެސް މިއަދު ވެސް އަބަދު ވެސް މާތް ﷲއާ އެއްފަދަ ބައިވެރިންތަކެއް ހިފާ އެ ތަކެއްޗަށް އަޅުކަންކުރާ މީހުން ދުނިޔޭގައި އުޅެއެވެ. އެ ސަބަބަށް ޓަކައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ‎﴿ وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ﴾ ‎( الزمر: ٦٧) މާނައީ: "ﷲއަށް ޤަދަރުކުރުން ޙައްޤު ވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް ޤަދަރެއް ނުކުރެތެވެ." އެބަހީ އެއިލާހު އެއްކައުވަންތަ ކުރުން ޙައްޤު ގޮތުގައި ﷲ އެއްކައުވަންތަ ނުކުރެއެވެ. އެފަދަ މީހުންގެތެރޭ އަޅަމެން ނުލައްވާނދޭވެ! ފުރިހަމަ ގޮތުގައި ﷲއަށް ޙައްޤު އަދާކުރާ ބައެއް ކަމުގައި އަޅަމެން ލައްވާނދޭވެ!

ތައުޙީދޭ މި ބުނެވެނީ އެންމެ މަތިވެރި ކަލިމައަށެވެ. "لا إلهَ إلاَّ اللَّه" މި ކަލިމައަށެވެ. މި ކަލިމައަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މިއްލަތް އޭގެ މައްޗަށް ބިނާކުރެވިގެން އައި ކަލިމައެވެ. މުސްލިމުންގެ ޤިބުލަ ނިސްބަތް ކުރެވޭ ކަލިމައެވެ. ރަސޫލުން އެ ކަމަކަށް ޓަކައި ފޮނުވުނު ކަލިމައެވެ. އެ ކަމަކަށް ޓަކައި ފޮތްތަށް ބާވައިލެވުނު ކަލިމައެވެ. ދީނުގެ ޝަރީޢަތް އެ މައްޗަށް ޝަރުޢު ކުރެވުނު ކަލިމައެވެ. އިބްނު ޢުޔައިނާ ވިދާޅުވެފައިވަނީ އެ މީހަކަށް "لا إلهَ إلاَّ اللَّه" މި ކަލިމަ ފަހުމުވުމުގެ ނިޢުމަތައްވުރެ ވަކިން މަތިވެރި، މާތް، ޠާހިރު، ޗާލު، ފުރިހަމަ، ރިވެތި، ނިޢުމަތެއް ﷲ سبحانه وتعالى އެއްވެސް އަޅަކަށް ނިޢުމަތުގެ ގޮތުން ދެއްވައިފައި ނުވެއެވެ.

އެހެންކަމުން ތައުޙީދަކީ އަޅުންގެ މައްޗަށްވާ ﷲގެ ޙައްޤެކެވެ. އެ އިލާހުގެ އެއްކައުވަންތަކަމަށް ހެކިނުވާ ކޮންމެ އުންމަތަކީ، ހަލާކުގެ އަނދަވަޅެއްގެ މަތީގައިވާ ބައެކެވެ. މައްކާގެ ޤުރައިޝުންނަކީ އެފަދައިން ވީ ބައެކެވެ. އެބައިމީހުންގެ މައްޗަށް ޙައްޤުދީން ބާވައިލެވުނެވެ. ﷲގެ ރަޙުމަތުން ނަބިއްޔަކު އެ ދީނައިގެން ފޮނުވުމުން އެ މާތް ކަލޭގެފާނަށް ތަބަޢަނުވެ، ބޮޑާކަމާއި ކިބުރުވެރިކަމުގައި އެކަލޭގެފާނު ގެންނެވި ތަކެއްޗަށް އިންކާރު ކުރީއެވެ. މަދު ބަޔަކު ނޫނީ އީމާންކަން ޤަބޫލެއް ނުކުރިއެވެ. ގިނަ މީހުން އިސްލާމެއް ނުވިއެވެ. އިސްލާމްވި ބޭކަލުންނަކީ އެ ބޭކަލުންގެ ދިރިއުޅުމުގައި ތައުޙީދުގެ މަތިވެރި ކަލިމަ ޤާޢިމުކުރެއްވި ޞަޙާބީ ބޭކަލުންނެވެ. އިސްލާމްކަމުގައި އެންމެ މުހިންމީ ތައުޙީދު ޤާއިމުކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް