ނަމާދު ނުކޮށް ރޯދަހިފޭ ނަމަ، ތައުބާ ވާށެވެ.

ރޯދަހިފުމަކީ ގޮހޮރު ހުސްކޮށްގެން ތޭރަސާދަ ގަޑިއިރު ނުކައި ހުރެވޭތޯ ބެލުމެއް ނޫނެވެ. ރޯދައިގެ މަޤްޞަދަކީ ތަޤުވާވެރިކަން އިތުރުކުރުމެވެ. މިއަދު ބައެއް މުސްލިމުންނަނީ އެ މީހުންގެ ރޯދައިން ހައިހޫނުކަން ފިޔަވާ އެހެން އެއްވެސް ކަމެއް ހާސިލުކުރާ ބައެއް ނޫނޭ ބުނެވޭ ހިސާބަށް އެބައިމީހުންގެ ކަންކަން ގޮސްފައިވާ ބައެކެވެ. އެއް ބަޔަކީ ރޯދަޔަށް ތިބެ ހަޑިހުތުރު ބަހުން ވާހަކަދައްކާ އެހެން މުސްލިމުންނަށް އުނދަގޫ ކުރުމުގެ ސަބަބުން އެބައިމީހުންގެ ރޯދަ އުނިވާ މީހުންނެވެ. އަނެއް ބަޔަކީ ނަމާދު ނުކޮށް ރޯދަހިފާ މީހުންނެވެ.

ލޮބިވެތި ކިޔުންތެރިންނޭވެ! ނަމާދުނުކޮށް ރޯދަހިފާ މީހަކު އެނގޭ ނަމަ މި ލިޔުން ކިޔައިލަން ބުނާށެވެ! ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އިސްލާމްދީނުގެ ރުކުންތައް ތަރުތީބުވާއިރު ރޯދައަށްވުރެ ކުރިއަށް ނަމާދު އަންނަކަން ކޮންމެ މުސްލިމަކު ދަންނާނެވެ. އެހެންކަމުން ތަރުތީބުމަގުން ބެލި ކަމުގައި ވިޔަސް ނަމާދުގެ އަހައްމިއްޔަތު ރޯދައަށްވުރެ ބޮޑުކަމުގައި ފެނެއެވެ. މި ސަބަބާހުރެ ބިރުގަންނަން ޖެހޭ އެއް ކަމަކީ ނަމާދުނުކޮށް ހިފާ ރޯދަ ޤަބޫލު ނުވެދާނެކަމެވެ. އޭގެ ސަބަބަކީ ނަމާދު ނުކުރާ މީހާ ދީނުގެ އިމުން ބޭރުވެދާނެ ކަމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވާ ވުމެވެ. «الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ» (النسائي) މާނައީ: "އެބައިމީހުންނާ (އެބަހީ: ޣައިރު މުސްލިމުންނާ) އަހުރެމެންނާ ދެމެދު އޮތް ފަރަޤަކީ ނަމާދެވެ. ދެން ފަހެ، ނަމާދު އަޅައިފި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ."

ރަމަޟާންމަހުގެ ރޯދައާއި ނަމާދާ އަޅާބަލައިލަމާ ހިނގާށެވެ! ދެ ކަމަކީ ވެސް ﷲއަށް ޓަކައި އަދާކުރުން ފަރުޟުކުރައްވައިފައި އޮތް ދެ އަޅުކަމެވެ. ދެ އަޅުކަމުގެ ވާހަކަ ވެސް ކީރިތި ޤުރުއާނުގައި އަންގަވައިފައި ވެއެވެ. ރޯދަހިފުމަށް އަމުރު އައިސްފައި އޮތީ އެންމެ ފަހަރަކުއެވެ. އަދި އެކަން ކުރަން ވެސް އެންގެވީ އެންމެ މައްސަރެއްގައެވެ. ﷲ ވަޙީކުރެއްވިއެވެ. ‎﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ﴾ ‎(البقرة: ١٨٥) މާނައީ: "ރަމަޟާންމަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!" މި އާޔަތުގައި އެ އަންގަވަނީ ރަމަޟާންމަހު އޭނާގެ އަމިއްލަ ވަޠަނުގައި ހާޒިރުވެ ހުންނަ މީހާ ރޯދަހިފުމަށެވެ.

ރަމަޟާންމަހުގެ ރޯދަޔާ ޚިލާފަށް ނަމާދާ ބެހޭގޮތުން ވަރަށް ގިނަ އާޔަތް ބާވައިލައްވާފައި ވެއެވެ. އަދި ނަމާދުކުރަންވީ މުޅި އަހަރުތެރޭގައި އެންމެ މައްސަރަކު ނޫނެވެ. ހަފްތާއަކު އެއްފަހަރަކު ވެސް ނޫނެވެ. އަދި ކިޔެއް އެއީ ދުވާލަކު އެންމެ ފަހަރަކު ކުރާން އޮތް ކަމެއް ވެސް ނުމެނޫން މެއެވެ. އެހެނަސް ނަމާދަކީ ރެއަކާ ދުވާލެއްގައި ފަސް ފަހަރު އަދާކުރާން ޝަރުއުކުރައްވައިފައި އޮތް އަޅުކަމެކެވެ. ﷲ ވަޙީކުރެއްވިއެވެ. ‎﴿أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا﴾ ‎(الإسراء: ٧٨) ‎(البقرة: ١٨٥) މާނައީ: "އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަސުރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދު ޤާއިމުކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ." މިކަމުން ވެސް އެނގެނީ ނަމާދަށް ލިބިގެންވާ އަހަންމިއްޔަތުގެ ބޮޑުކަމެވެ.

ނަމާދާއި ރޯދަ ދޫކޮށްލެވެން އޮތް ހަމަތަކަށް ބަލާއިރު، ރޯދައަށް ދެއްވައިފައިވާ ގޮތަށް ލުއިތަކެއް ނަމާދަށް ލިބިގެން ނުވާކަން ފާހަގަ ކުރެވެއެވެ. ރަމަޟާންމަހުގެ ރޯދަ ނުހިފޭވަރަށް ބަލިވި މީހާއާއި ދަތުރެއްގެ މަތީގައިހުރި މީހާ އެ މަހުގެ ރޯދަނުހިފާ ދޫކޮށްލުން ހުއްދައެވެ. އަދި އެ ރޯދަތައް އޭނާއަށް ފަސޭހަ ގޮތަކުން ހިފައި ހަމަކުރުމަށް އިރުޝާދު އެބައޮތެވެ. ‎﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ﴾ ‎(البقرة: ١٨٥) މާނައީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ." ރޯދައޭގެ ފަރުޟު ވަގުތުގައި ނުކޮށް ފަސްކުރުމުގެ ހުއްދަ ދެއްވައިފައި އޮތަސް ނަމާދު ވަގުތުން ފަސްކުރުމުގެ ހުއްދައެއް ނުދެއްވައެވެ.

ލުއި ފަސޭހަ ގޮތް އިޚްތިޔާރުކޮށްދެއްވުމުގައި އަޅުތަކުންގެ މައްޗަށް އޯގާވެވޮޑިގެންވާ އިލާހު ނަމާދަށް ދެއްވި ލުޔަކީ ދަތުރެއްގައި އުޅޭ ނަމަ ނަމާދުގެ ރަކުޢަތްތައް މަދުން ކުރުމެވެ. އަދި ދެ ނާމާދު އެއްކޮށް ޖަމުޢުކޮށްގެން ކުރުމުގެ ލުޔެވެ. އެއްވެސް ނަމާދެއް ވަގުތުން ފަސްކޮށް ނުވަތަ އެހެން ދުވަސްތަކަކުން ހަމަކުރުމަށް ދޫކޮށެއް ނުލައްވަތެވެ. ﴿وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَن يَفْتِنَكُمُ الَّذِينَ كَفَرُوا إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُّبِينًا﴾‏ ‎(النساء: ١٠١) މާނައީ: "ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، ކާފިރުވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު ޤަޞްރުކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ފާޅުވެގެންވާ ޢަދާވާތްތެރިން ކަމުގައި ކާފިރުން ވިއެވެ." އަދި މީގެ އިތުރުން ހަނގުރަމައިގެ ވަގުތުގައި ވެސް ނަމާދަކީ ދޫކޮށްލެވޭ އެއްޗެއް ނޫނެވެ.

އެއްބަޔަކު ދިފާޢުކުރާއިރު އަނެއްބަޔަކު ނަމާދުކުރަންވީ ގޮތް ވަނީ ދަސްކޮށްދެއްވައިފައެވެ. މި ކަމުން ވެސް އެނގެނީ ނަމާދުގެ އަހަންމިއްޔަތެވެ.

ޤިޔާމަތްދުވަހުން އިންސާނާގެ ޙިސާބު ބެލެވޭ ހިނދު އެންމެ ފުރަތަމަ ބައްލަވާނީ އޭނާގެ ނަމާދުތައް ހަމައަށް ކޮށްފައި ވޭތޯއެވެ. އެ ނަމާދު މަދުވެމެއް ނެތި ހަމަވެއްޖެ މީހާއާ އިތުރު ސުވާލުކުރުމެއް ނުވެއެވެ. އެ ނޫން މީހުންގެ ޙިސާބުކިތާބު އިންސާފުވެރި ތަފްޞީލީ މިންކުރުމަކުން މިނައި، ސަވާބުގެ ގޮވައްޗަށް ވެއްދެވުމުގެ ކުރިން ފާފަތަކާ އެކަށީގެންވާ އަޒާބު ދެވޭ ހުއްޓެވެ. މި ކަންކަން މި މަގުން ބަޔާންވެ އައިސްފައި ވުމީ ނަމާދާ މެދު މުސްލިމުން ތަންބީހު ކުރުމުވަށް ދެއްވައިފައި ހުރި އިރުޝާދެވެ. މި ނަސޭހަތުގައި ހިފައިފި ކޮންމެ މުސްލިމަކަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ހުއްޓެވެ. އަދި މި އިރުޝާދުން މޫނު އަނބުރާލައިފި މީހާ ގެއްލެނިވެއްޖެއެވެ. ރޯދަމަހެއް މީހަކާ ބައްދަލުވެ، އޭނާގެ އުޅުން އިޞްލާޙުނުވެއްޖެ މީހަކީ އަބާއްޖަވެރި ބަދުނަސީބުވެރިއެކެވެ. ރޯދަމަހުގެ ރޯދަ ނަމާދާ ނުލައި ހިފާ މީހަކީ މި ހިތާމައިގައި ބަނދެވިފައިހުރި މީހެއް ނޫންތޯއެވެ؟

ނާކާމިޔާބީގެ ދަންތުރައިގައި ޖެހިފައިވާ މީހަކުކަމުގައި ތިބާ ނުވާށެވެ! ނަމާދު ނުކޮށް ރޯދަހިފޭ ނަމަ، ތައުބާ ވާށެވެ. މިއީ އެ ފުރުޞަތެވެ. ހެޔޮކަމުގެ މަގަށް އެނބުރި އަންނަން އޮތް ރަނުގެ ފުރުޞަތެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވާ ދުވަސްވަރެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވިފައިވާ ދުވަސްވަރެވެ. ޝައިޠާނުން ވަނީ ކަސްތޮޅުއެޅުވިފައެވެ. ހެޔޮ ކަމަށް އެދޭ މީހުންނަށް އެކަމައިގެން ކުރިޔައްދިޔުމަށް ގޮވަނީއެވެ. ނުބައިކަންކަން ހުއްޓައި ލުމަށް ގޮވަނީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް