ޞަދަޤާތް ދޭ މީހާއަށް ހުރި ބައެއް ފައިދާ

އެހީގެ ފަންޑަކަށް ބަޔަކު ފައިސާ ދެނީ: -- ސަން ފޮޓޯ

ޒަކާތާ ޚިލާފަށް ޞަދަޤާތަކީ ވާޖިބުކަމެއް ނެތް އިޚްތިޔާރީ އަޅުކަމެކެވެ. ﷲ سبحاته وتعالىއާ ތިބާއާ ދެމެދު އޮންނަ ސިއްރެކެވެ. ޞަދަޤާތުން ވަރަށް ގިނަ ގޮތްގޮތަށް ފައިދާ ކުރެއެވެ. ޞަދަޤާތް ލިބޭ މީހާގެ އިތުރުން ޞަދަޤާތްކުރާ މީހާއަށް ވެސް އޭގެ މަންފާ އާއި ލާބަ ލިބެއެވެ. ރަމަޟާންމަހުގެ ދުވަސްތަކުގައި ޞާދަޤާތްކުރަން ހިތްވަރުދީ އެ ކަމަށް ނަފުސު ހޭނުމަށް ޓަކައި މިކަމުގައި ހުރި ފައިދާތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެހެންކަމުން ޞަދަޤާތްކުރާ މީހާއަށް ހުރި ބައެއް ފައިދާތައް މި ލިޔުމުގައި ހިމަނައިލާނަމެވެ.

ޒާތީ ފައިދާ

ޞަދަޤާތް ދޭ މީހާއަށް ޒާތީގޮތުން ކުރާ ފައިދާތަކުގެ ތެރޭގައި، އޭނާގެ މުދާ ޠާހިރުވުމާއި އެ މުދާ އިތުރުވުން ހިމެނެއެވެ. ހިތް ސާފުވެ ކިބުރުވެރި ކަމުގެ ބަލިން އޭނާ ސަލާމަތް ވެއެވެ. ދުނިޔޭގެ ވަގުތީ ޙަޔާތަށާއި، އެ ތަނުގެ ފަނާވަނިވި މުދަލަށް އޮންނަ ލޯބި ފަނޑުވެ، އާޚިރަތް ބާއްޖަވެރިކުރަން އޮތް ވަޞީލަތެއްގެ ގޮތުގައި އެ ތަކެތީގެ ބޭނުންހިފަން އޭނާއަށް ދަސްވެއެވެ. އަދި މީގެ އިތުރަށް ދުޢާ އިޖާބަވުމަށް އޮތް ސަބަބެއް ކަމުގައި ވެސް މި ކަން ހިމެނެއެވެ.

ގާތްތިމާގެ މީހުންނަށާއި ވަށައިގެންވާ މާޙައުލަށް ކުރާ ފައިދާ

ޞަދަޤާތް ދޭ މީހާގެ ގާތްތިމާގެ މީހުންނަށާއި އޭނާގެ ވަށައިގެންވާ މާޙައުލަށް ވެސް އޭނާ ދޭ ޞަދަޤާތުން މަންފާކުރެއެވެ. އެންމެ ބޮޑު ފައިދާއަކީ ރަޙިމުގެ ގުޅުން ބަދަހިވުމެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. «الصَّدَقَةُ عَلَى الْمِسْكِيْنِ صَدَقَةٌ وَعَلَى الْقَرِيْبِ صَدَقَتَانِ صَدَقَةٌ وَصِىلَةٌ» (البخارى) މާނައީ: "ޞަދަޤާތުގެ ގޮތުން މިސްކީނަކަށް ދޭދިނުން އެއީ ޞަދަޤާތެކެވެ. އަދި ގާތްތިމާގެ މީހާއަށް ދެވޭ ޞަދަޤާތަކީ ދެ ޞަދަޤާތެކެވެ. އެއީ ޞަދަޤާތަކާއި ތިމާގެކަން ވާޞިލްކުރުމެކެވެ. (އެބަހީ: ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ.)" ރޯދި ބަރަކާތް އިތުރުވުމާއި ރޫޙާނީ އަދި ޖިސްމާނީ ބަލިބައްޔަށް ޝިފާލިބުން ހިމެނެނީ މި ދެންނެވި އަސާސްގެ ތެރެއިންނެވެ. މީގެ އިތުރަށް ހޭދަކުރާ މީހާގެ އަނބިދަރިންގެ ކިބައިގައި ވެސް ޞަދަޤާތްދިނުމުގެ އާދަ އަށަގަނެއެވެ. އަތުގައި އޮންނަ މަދު އެތިކޮޅު ބޭނުންޖެހިފައިވާ މީހާއަށް ދިނުން އެއީ ފަސޭހަ އާދައަކަށް ވެދެއެވެ. ޞަދަޤާތް ދިނުމަކީ އާދަވުމުން ނުކޮށްނުހުރެވޭނޭ ކަމެކެވެ.

މުޖްތަމަޢިން ލިބޭ ޤަދަރާއި މަތިވެރިކަން

މުޖްތަމަޢުގައި އެފަދަ މީހުންނަށް ލިބޭ ޤަދަރާއި މަތިވެރިކަމަށް ބަލާއިރު އޭނާ ވެގެންދަނީ އެންމެންގެ ލޯތްބާއި އިޙްތިރާމު ލިބިގެންވާ މީހަކަށެވެ. އެއީ އޭނާގެ ފަރާތުން މަންފާކުރާ ގިނަބަޔަކު އެ މުޖްތަމަޢުގައި އުޅޭތީ ވާގޮތެއް ނޫނެވެ. އެހެނަސް އެއީ ޞަދަޤާތްކުރާތީ އޭނާއަށް ލިބޭ ހިތްތިރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން، އޭނާގެ ޙަރަކާތްތައް މުޖްތަމަޢުގައި ހުންނަލެއް އަމާންކަމުގެ ނަތީޖާއެވެ. މި ކަންކަމަކީ އޭނާގެ ހިތުގައި އޮތް ތަޤުވާވެރިކަމަށް ޓަކައި ﷲ އޭނާގެ މަޡްހަރުގައި (ބޭރުފުށުގައި) ލައްވާ ރީތި ކަމެކެވެ. މުދާވެރި ކިބުރުވެރިއެއްގެ އަތުން ވެސް ފައިސާ ލިބި މުޖްތަމަޢަށް ފައިދާ ތަކެއް ކޮށްފާނެއެވެ. އޭނާގެ ވިޔަފާރިތަކާއި އެ ނޫން ވެސް މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުން އެ ބަޔަކަށް މަންފާކުރާނެއެވެ. ނަމަވެސް އެ މުއްސަނދި މީހާގެ ކިބައިން ހިތްތިރި މަޑުމައިތިރި ސިފަތަކެއް ނުފެންނާނެއެވެ. އޭގެ ބަދަލުގައި ކިބުރުވެރި ހަރުކަށި މީހަކު ކަމުގައި އޭނާ ވެދެއެވެ. އަދި ފަސޭހައިން ރުޅިއަންނަ މީހަކު ކަމުގައި ގިނަ ފަހަރު އެފަދަ މީހުން ވެއެވެ. ނަތީޖާއަކަށް ވަނީ މީސްތަކުން އޭނާއާ ފެޔައްދާ މީހަކު ކަމުގައި ނޫނީ އޭނާ ސިފަނުކުރެވުމެވެ. ޞަދަޤާތް ދީއުޅޭ މީހާ އެފަދައެއް ނޫނެވެ.

އުޚްރަވީ މަންފާ

ޞަދަޤާތް ދޭ މީހާއަށް ކުރާ އުޚްރަވީ މަންފާތަކަށް ބަލާއިރު އޭނާގެ ދަރަޖަ ﷲ سبحاته وتعالىގެ ޙަޟްރަތުގައި މަތިވެރިވުން އެއީ އެންމެ ބޮޑު ފައިދާއެވެ. ދުނިޔޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއަކަށް އޭނާ ކުޅަ ޞަދަޤާތްވުމާއި، ނަރަކައިން މީހާ މުއްތިކުރާ އެއްޗެއް ކަމުގައި ސިއްރުން އޭނާ ދީ އުޅުނު ޞަދަޤާތް ވެގެންދިއުމީ ޤިޔާމަތްދުވަހުން ކޮޅުނެތްކޮޅަށް އޭނާ އުފާ ކުރާނޭ ކަމެކެވެ. ހިތާމައެއް ބިރެއް އެބައިމީހުންގެ މައްޗަށް ނެތެވެ. ﷲ ވަޙީކުރައްވަނީ: ﴿الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ (البقرة : ٢٧٤) މާނައީ: "އެ މީހުންގެ މުދައު ،ރެއާއި ދުވާލު، ސިއްރާފާޅުގައި ހޭދަކޮށްއުޅޭ މީހުން (ދަންނައެވެ!) ފަހެ އެ މީހުންނަށް އެ މީހުންގެ ވެރި އިލާހުގެ ހަޟުރަތުން ފުރިހަމަ އުޖޫރަލިބޭ ހުއްޓެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އެ މީހުން ހިތާމަ ވެސް ނުމެނުކުރާނެމެވެ." ނިޔަތުގެ ޠާހިރުކަމާއި އިޚްލާޞްތެރިކަމުގެ މައްޗަށް މެނުވީ މި ކަންކަން ބިނާވެގެން ނުވެއެވެ. މުދާ ދެއްވި ފަރާތުން އެ މުދާ ދެއްވީ އިމްތިޙާނަކަށްކަން ދެނެހުރެ އޭގެން ދޭން ޖެހޭ ޒަކާތް ނެރުމަކީ އިޖްބާރީ އަޅުކަމެކެވެ. އެ ކަން ކުރަން ވެސް އިންކާރުކުރާ މީހުން ގިނަވަމުން އަންނަ ޒަމާނެއްގައި، ޒަކާތުގެ އިތުރަށް ޞަދަޤާތް ދިނުމަށް ލޯބި ޖެހޭ މީހާއަކީ، ތަޤުވާވެރިކަމުގެ މަތީ ދަރަޖައަށް ވާޞިލުވެފައިވާ މީހެކެވެ. އޭނާގެ މުދާ ޤިޔާމަތްދުވަހުން އޭނާއަށް ހުރި ރައްކާތެރިކަމަކަށް ވާނެއެވެ.

ޞަދަޤާތް ދޭ މީހާއަށް ހުރި ބައެއް ފައިދާ ލިޔެ، ކިޔުންތެރިންނަށް ގެނެސްދޭން ގަސްތުކުރީ، އޭގެ މުހިންމުކަން ބޮޑު ކަމުންނެވެ. މިއަދު ވަރަށް ގިނަ މީހުންނަކީ ފުދޭވަރަކަށް ލިބިގެން މެދުމިނުގެ ދިރިއުޅުމެއް އުޅޭ ބައެކެވެ. އެހެނަސް އާންމު ދިރިއުޅުމަށް ބޭނުންވާ ހާޖާތުތައް ފުއްދަން ނުކުޅެދިފައިވާ ބަޔަކު ވެސް އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި އެބަ އުޅެއެވެ. އެއީ ޙަޤީޤަތުގައި ވެސް ޒަކާތް އެބަޔަކަށް ޙައްޤުވާ ފަރާތްތަކެވެ. ނަމަވެސް އިދާރީ އެކިއެކި ތަރުތީބުތަކުގެ ފުރޭނިން ފުރާނައިގެން ފަޤީރުން ކަނޑައަޅާއިރު އޭގެން މަޙުރޫމުވާ ބަޔަކު ވެސް ތިބޭކަމީ ފޮރުވެންނެތް ޙަޤީޤަތެކެވެ. މިފަދަ ފަރުދުން ނުވަތަ ބަޔަކު ދަންނަ މީހަކު ކަމުގައި ތިބާ ވާ ނަމަ، ލަސްނުކޮށް ލިބިހުރި މިންވަރަކުން ޞަދަޤާތުގެ އަތް ދިއްކުރަން ފަށާށެވެ! މާ ގިނަ ދުވަސްތަކެއްނުވެ އެނގުމާއި ނުއެނގުމުގެތެރޭ ކުރެވޭ އާދައެއް ކަމުގައި އެކަން ވެދާނެއެވެ.

ތިޔަބައިމީހުންނާއި އަޅަމެންގެ ކިބައިން މި ކަންކަން މާތް ﷲ ޤަބޫލު ކުރައްވާނދޭވެ!

ގުޅޭ ޓެގު
comment ކޮމެންޓް