މި ރަމަޟާންމަހު ލޯބީގެ ގޮތުން ކުރެވިދާނެ ފަސްކަމެއް

ލޯބިވުމާއި ލޯބި ފެތުރުމަކީ މި އުންމަތުގެ މީހުން އުފުލާ ދީނީ ޝިޢާރެކެވެ. އެކަން ޝަރުޢިގޮތުން ކަނޑައަޅާފައި ވަނީ ސަވާބު ވެސް ލިބޭ ކަމެއްގެ ގޮތުގައެވެ. ރަމަޟާންމަހަކީ ލޯބިވުމާއި ލޯބި ފެތުރުން އިތުރުކުރަން އޮތް ވަރަށް ރަނގަޅު ފުރުޞަތެކެވެ.

މާތް ﷲއަށް ޓަކައި އެކަކު އަނެކަކުދެކެ ލޯބިވުމަށްވުރެ ވަކީން ބޮޑަށް މުސްލިމަކު ކާމިޔާބުވާނޭ ދެވަނަ ގޮތެއް ނޯންނާނެވެ. އެހެނީ އަރުޝީގެ ހިޔާ ނޫން އެހެން ހިޔަލެއް ނުވާ (ޤިޔާމަތް)ދުވަހު، ޢަރުޝީގެ ހިޔާ ލިބޭ 7 ބާވަތުގެ މީހުންގެ ތެރެއިން އެއް ބަޔަކީ ﷲއަށް ޓަކައި ލޯބިވެ އަދި އެ މީހުންގެ ބައްދަލުވުމާއި ވަކިވެދިޔުން ވެސް އެއީ ﷲއަށް ޓަކައި ކުރާ ކަމެއްގެ ގޮތުގައި ބޭއްވި ދެ މީހުންނެވެ. އެހެންކަމުން މުސްލިމުން އެކަކު އަނެކަކުދެކެ ލޯބިވުމާއި ލޯބި ފެތުރުމަކީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އަޅުގަނޑުމެންގެ މެދުގައި ލޯބި ފަތުރާނެ 5 ގޮތެއް މި ލިޔުމުގައި ހިމަނައިލާނަމެވެ.

1- ލޯބިވަންޏާ އެ ވާހަކަ ބުނުން

އަޅުގަނޑުމެން އެކަކުއަނެކަކުދެކެ ލޯބިވާ ނަމަ އެ ވާހަކަ ބުނަންވާނެއެވެ. އެއީ އެކަމަށް ނަބަވީ އިރުޝާދު އައިސްފައިވާ ކަމެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «إِذَا أحبَّ الرَّجلُ أخاهُ فليخبرْهُ أنَّهُ يحبُّهُ» (أبو داود) މާނައީ: "މީހަކު އޭނާގެ އަޚާދެކެ (ﷲއަށް ޓަކައި) ލޯބިވާ ނަމަ، އޭނަގެ އަޚާގެ ގާތު އެ ވާހަކަ ބުނާހުށިކަމެވެ."
މުސްލިމުންގެ ތެރޭ ލޯބިވުން އޮންނާނެ ކަމަށް ބަލައިގެން ތިބުމަކުން ނުފުދެއެވެ. އެ ވާހަކަ އެކަކު އަނެކެއްގެ ގާތު ބުނަން ވާނެއެވެ. ހަމަ އެއާ އެކު ހިތްވަރުގެ ބަސްތައް ވެސް ބަދަލުކޮށް އުޅެންވާނެއެވެ. "ތިބާ އަކީ ވަރަށް ރަނގަޅު މީހެއް" "ތިއީ އޯގާތެރި ހިތެއްގެ ވެރިއެއް" އަހަރެން ވަރަށް އުފާވޭ ތިކަހަލަ އެކުވެރިޔަކާ އެކު އުޅެވޭތީ" މިފަދަ ބަސްތައް އަޅުގަނޑުމެންގެ މެދުގައި ފެތުރުން ގިނަ ކުރުމަކީ އެކުވެރިކަން އާލާވެ ލޯބި އިތުރުވާނޭ ސަބަބުތަކެވެ.

2- ޚިދުމަތްތެރިއަކަށް ވުން

އެކަކު އަނެކަކަށް އެހީތެރިވެ ޚިދުމަތްތެރިވުމަކީ ލޯބީގެ ގޮތުން ކުރެވިދާނެ ކަމެކެވެ. ހަނގުރާމައިގައި ބައިވެރިކޮށްދިނުމަށް އެދި އައި ޒުވާނަކަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީ ތިބާގެ މަންމަ ދުނިޔޭގައި އިނިއްޔާ ހަނގުރާމައަށް ނުގޮސް އެކަމަނާއަށް ޚިދުމަތްކުރުމުގައި ދެމިހުރުމަށެވެ. ކިހާ ފުރިހަމަ ނަސޭހަތެއްތޯއެވެ؟

މުސްލިމަކު ތިބާކުރެން ކަމަކު އެދުމުގެ ކުރިން އެ މީހުންގެ ހާލަތުދެނެ އެ މީހުންނަށް މަދަދުވެރިވުމުގައި ދެމިހުރުމަކީ ލޯބި ފެތުރުމަށް އޮތް އެންމެ ރަނގަޅު ޢަމަލުކަމުގައި ބުނެވިދާނެއެވެ. މި ރަމަޟާންމަހު މީހުންގެ ހާލުބަލައި އެހީތެރިވެ އުޅެމާ ހިނގާށެވެ!

3- ހަދިޔާ ދިނުން

އަބޫހުރައިރާ رضى الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «تَهَادُوْا تَحَابُّوُا» (البخاري) މާނައީ: "ތިޔަބައިމީހުން ހަދިޔާދޭށެވެ. ލޯބި އިތުރުވާނެއެވެ." ހަދިޔާ ދިނުމުން ލޯބިވާނެކަން އެނގޭއިރު ވެސް އެކަން ކުރުމަށް އަޅުގަނޑުގެ ކިބައިގައި އާދަ ނުހިފި އޮތުމަކީ ހިތާމައެކެވެ.

އިސްލާމީ އުންމަތް އޭގެ ކުރީކޮޅުގައި އެކުލަވައިލެވި އެހެން ދައުލަތްތަކުގެ މައްޗަށް ކުރިހޯއްދެވި އެއް އަސާސަކީ ވެސް ހަދިޔާބާދިޔާ ބަދަލުކުރުމެވެ. އަލަށް އިސްލާމްވާ މީހުންގެ ހިތްތައް އެކުވެރިކުރެއްވުމަށް މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދިޔާ ދެއްވައި އުޅުއްވިއެވެ. އެހެންކަމުން ހަދިޔާ ދިނުމުގެ އާދަ އަށަގެންނެވުމަށް މި ރަމަޟާންމަހުގެ ބޭނުން ހިފަމާ ހިނގާށެވެ!

4- އާއިލާއާ އެކު ވަގު ހޭދަކުރުން

ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަހުލުވެރިންނަށް އެންމެ ހެޔޮމީހާ ކަމުގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَޙަދީޘްކުރައްވައިފައި ވެއެވެ. އަނބިދަރީންނަށް ހެޔޮކޮށް ހިތުމަކީ ދުނިޔޭގެ މަޖަލާ އުފަލައިގެން އުޅެވޭނެހައި އެއްޗެއް ހޯދައި ދިނުމެއް ނޫނެވެ. އެ ހުރިހާ އެއްޗެއް ނެތި ވެސް އެ މީހުންގެ ކައިރީ ހުރުން އެއީ މާ ބުރަދަންހުރި ކަމެއް ކަމުގައި މިއަދު މި ވަނީ ވެފައެވެ. ފެންވަރު ރަނގަޅު އަގުކުރެވޭނެ ވަގުތުކޮޅެއް އަނބިދަރީންނާ އެކު ހޭދަކުރެވޭނޭ ގޮތަލަށް މި ރަމަޟާންމަހުގެ ތާވަލް ރާވަމާ ހިނގާށެވެ.

5- ބީހުން

އެކެއް އަނެކެއްގެ ގައިގައި ބީހުމަކީ ލޯބި އިތުރު ވާނޭ ކަމެކެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކާފަދަރިކަލުން ޙަސަންގެފާނުގެ އަރިހުގައި ހުންނަވާ ޙަދީޘްކުރެއްވިއެވެ. "އޭ ﷲއެވެ! ތިމަން މި ކުއްޖާފުޅުދެކެ ލޯބިވަމެވެ. އިބަ އިލާހު މި ކުއްޖާފުޅުދެކެ ލޯބިވެވޮޑިގަންނަވާނދޭވެ! އަދި އޭނާދެކެ ލޯބިވާ އެންމެންދެކެ ލޯބިވެވޮޑިގަންނަވާނދޭވެ!" ދެން ރަސޫލާ ޙަސަންގެފާނު އެކަލޭގެފާނުގެ މޭފުޅާ ކައިރިއަށް ގެންނަވައި ބައްދަވައިލެއްވިއެވެ. (މިއީ އިބްނު މާޖާ ރިވާކުރެއްވި ޙަދީޘެކެވެ.)

އަތްލައި ފިރުމާ އުޅުމަކީ ވެސް ލޯބިވުމާއި ލޯވި ފެތުރުމުގެ ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. އެކުވެރިކަމުގެ ގޮތުން ރައްޓެހިން އެކަކު އަނެކަކުގެ ކޮނޑަށް އަތްއެއްލައި އުޅުމަކީ ލޯބި އިތުރުވާނޭ ކަމެކެވެ. އުނދަގޫ ވަގުތުތަކުގައި އޯގާތެރިކަމާ އެކު ބުރަކަށިގައި ފިރުމައިލަދިނުމަކީ ވެސް ކުރުން ރަނގަޅު ކަންކަމެވެ.

އެހެނަސް އެ މީހަކުގެ ގައިގައި ބީހެން ނުރުހުންވާ އެއްވެސް މީހެއްގެ ހަށިގަނޑުގައި ނުބީހުމަށް ހަރުއަޑުން ނަސޭހަތްދެމެވެ. ކޮރޯނާގެ ބަލި ފިލައި ދިޔަ ފަހުން އަދިވެސް ޞިއްޙީ މިންގަނޑުތައް ހިފެހެއްޓުމުގައި އިތުރު ސަމާލުކަން ދޭ މީހުން ވަރަށް ގިނައެވެ.

comment ކޮމެންޓް