ރައީސް އިންޑިއާގެ ފިލްމީތަރިންނާ އެކު، ދައުވަތު ދެއްވީ ރާއްޖޭގައި ފިލްމުތައް ޝޫޓުކުރަން

ރައީސް އިންޑިއާގެ ފިލްމީތަރިންނާ އެކު -- ފޮޓޯ/ މިހާރު

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރި ޕްރޮމޯޓުކުރަން ބޭއްވި އިވެންޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ސުޕަ ސްޓާރުންނާ ބައްދަލު ކުރައްވާ، ރާއްޖޭގައި ފިލްމުތައް ޝޫޓުކުރަން ދައުވަތު ދެއްވައިފިއެވެ.

މި އިވެންޓު ބާއްވަފައި ވަނީ، ރައީސް މިހާރު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގައި ވިޔަފާރިކުރުމަށް މަޝްހޫރު މުމްބާއީގައެވެ. މި އިވެންޓުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސް އިންޑިއާގެ ފިލްމީތަރިންނާ އެކު -- ފޮޓޯ/ މިހާރު

މި އިވެންޓުގައި ރައީސް ބައްދަލުކުރެއްވި ސްޓާރުންގެ ތެރޭގައި، އަރްބާޒް ޚާނާއި، ސޮނާކްސީ ސިންހާ، ޝިލްޕާ ޝެޓީ، ޝްރިޔާ ސަރަން އަދި ސަނީ ކައުޝަލް ހިމެނެއެވެ.

ރައީސް ވަނީ ރާއްޖޭގައި ފިލްމް ޓޫރިޒަމް ކުރިއެރުވުމަށް ރާއްޖެ އައުމަށް މި ތަރިންނަށް ދައުވަތު ދެއްވާފައެވެ. އަދި ރާއްޖޭގެ ރީތިކަން އިންޑިއާގެ ފިލްމުތަކުގައި ބޭނުންކުރެވިދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މި އިވެންޓުގެ ތެރެއިން ދީފައިވާ އިންޓަވިއުއެއްގައި ސޮނާކްޝީ ބުނެފައި ވަނީ، ރާއްޖެ އަކީ އޭނާ އެންމެ އަންނަ ހިތްވާ އެއް ގައުމުކަމަށެވެ. އަދި އެކަން އޭނާގެ ސޯޝަލް މީޑިއާއަށް ބަލައިލުމުން ވެސް އެނގޭނެކަމަށް އޭނާ ބުނެފައި ވެއެވެ.

"ކޮންމެ އަހަރަކުހެން ރާއްޖެއަށް ދަތުރުކުރަން އަދި އަބަދުވެސް ރާއްޖެ އަންނަ ހިތްވޭ،" އޭނާ ބުންޏެވެ.

ރައީސް އިންޑިއާގެ ފިލްމީ ތަރިންނާއެކު -- ފޮޓޯ/ މިހާރު

އޭނާ ބުނީ ރާއްޖޭގައި އޭނާ އެންމެ ހިތްހަމަ ޖެހެނީ މޫސުމާއި ރާއްޖެއިން ލިބޭ މެހެމާންދާރީއާ މެދު ކަމަށެވެ. އަދި އޭނާ އަކީ ޑައިވްކުރާ މީހަކަށް ވުމުން އެކަމަށްޓަކައި ވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ފަރާތުން އިންޑިއާގެ ފަތުރުވެރިންނަށް ދޭ ނަސޭހަތެއްގެ ގޮތުގައި ސޮނާކްޝީ ބުނެފައި ވަނީ، ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެއް ކަމަށާއި ރާއްޖެ އައިސް، ހިތާމަކުރަން ނުޖެހޭނެކަމަށެވެ.

ރައީސް އިންޑިއާގެ ފިލްމީ ތަރިންނާއެކު -- ފޮޓޯ/ މިހާރު

އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް އެގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް ގެންދަވަނީ، ދެގައުމުގެ ގުޅުން ގިނަ ދާއިރާތަކަކުން އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން، ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންވާ ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 92،270 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

comment ކޮމެންޓް