ވާދަވެރި ޕާޓީއަށް ވެސް މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވޭ، ބުނީ "ރުހެމޭ": ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު: އެމްޑީޕީގެ ބައެއް މެންބަރުން އިޙްސާނަށް ރުހުންދޭން ފެންނަ ކަމަށް ވޯޓުދިނުމުން އެމަނިކުފާނު ވަނީ އެކަމަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ / މުޙައްމަދު ޝާތިއު ޢަބްދުﷲ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނަށް އިއްޔެ ރުހުންދިން އިރު، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ގިނަ މެންބަރުން އިހުސާނަށް ރުހުންދޭން ވޯޓު ދެއްވައިފައިވާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީން އެންމެ ގިނަ ތުހުމަތުތަކެއް ކޮށް، ފާޑުކިޔައިފައިވަނީ އިޙްސާނަށެވެ.

އެކަމަކު، މަޖިލީހުގައި އިއްޔެ އޮތް ވޯޓުގައި، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ވޯޓުދެއްވީ އިޙްސާނަށް ރުހުންދޭން ފެންނަ ކަމަށެވެ. އިޙްސާނަށް ރުހުން ނުދޭން ފެންނަ ކަމަށް ވޯޓުދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.

އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މިކަމާ ގުޅިގެން، އާންމުންގެ އިތުރުން، އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ، އިޙްސާނަށް ރުހުންދޭން ވޯޓުދެއްވި މެންބަރުންނަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

https://sun.mv/221334

ކަން އެހެން އޮއްވައި، "ސަންގު ޓީވީ"އަށް 11 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވަނީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިޙްސާނަށް ރުހުންދޭން ވޯޓުދިން ދިނުމަށް އަލިއަޅުވައިލައްވައިފައެވެ.

"ސަރުކާރު ޖަވާބުދާރީކުރުން ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭ ކަމަކަށް މިހާރު އެއްގޮތަކަށްވެސް ދެކެވޭކަށް ނެތް، ވާދަވެރި ޕާޓީވެސް އެ ބުނީ ވަރަށް ރަނގަޅޭ، ރުހުމޭ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވަން ކުރާ މަސައްކަތް ކުރަނީ ނޫސްވެރިން ކަމަށެވެ.

"ނޫސްވެރިން މި ކަންކަމުގެ އަސްލާއި ހަގީގަތް އަޅުގަނޑުމެން ރައްޔިތުންނަށް ގެނެސްދޭން މި ތިބީ،"

އެއާއެކު، ނަޝީދު ވަނީ، ޚަބަރު ޝާއިއުކުރުމުގެ ކުރިން އެ ޚަބަރަކީ ތެދު ޚަބަރެއްކަން ސާފުކޮށް ކަށަވަރުކުރުމަށް، ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

"ހޫނަށްވުރެ ތެދުވީމާ މާ މުހިންމޭ، މާ ރަނގަޅޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިޙްސާނަށް ރުހުންދޭން ފެންނަ ކަމަށް އިއްޔެ ވޯޓުދެއްވި މެންބަރުންނަކީ:

  • ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
  • ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ
  • ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު
  • ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު
  • ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
  • މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު
  • މަރަދޫ ދާއިރާގެ މެމްބަރު އަޙްމަދު ދީދީ

މި މެންބަރުންގެ ތެރެއިން ކުޑޫއާއި ޝަމްހީދު ވަނީ، އާންމުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.

https://sun.mv/221339

އިޙްސާނަށް ރުހުން އޮތް ކަމަށް އެމްޑީޕީގެ މަޖިލިސް އަށް މެންބަރުން އިއްޔެ ވޯޓް ދެއްވިއިރު އެމްޑީޕީން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެތެރޭ އިޙްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅައިފައެވެ.

އިޙްސާންގެ މި މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ވަގު ފޯމު ހުށަހެޅިކަމަށް ބުނާ މައްސަލައިގައިއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީން ވަނީ އިޙްސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް މީގެ ކުރިން ކޮށްފައެވެ. އޭގެ ތެރޭގައި، ބިދޭސީންގެ ކަންކަން ބަލަހައްޓަން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ޕްރޮޖެކްޓް ހަވާލުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުންގެ ތަހުގީގުތަކަށް އިޙްސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރުމުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި، ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއަޅާކަމަށް ވެސް މީގެ ކުރިން އެމްޑީޕީން ތުހުމަތު ކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް އިޙްސާނަށް އެތަކެއް ތުހުމަތުތަކެއް އެމްޑީޕީން އަމާޒުކުރިއެެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައާއި ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ވެސް އިޙްސާނަށް އެމްޑީޕީން ތުހުމަތުތައް ކުރިއެވެ.

ހަމަ އެހެންމެ، ސުލްހަވެރި މުޒާހަރާތަކުގެ ބައިވެރިންނަށް ފުލުހުން ހުރަސްއަޅައި ހިންގާފައިވާ ކަމަށް ބުނާ އަނިޔާވެރި އަމަލުތަކާއި، ނޫސްވެރިންނަށް އަމާޒުކޮށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކާ ގުޅުވައިގެން ވެސް އެމްޑީޕީން އިޙްސާނަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. މީގެ އިތުރުން އަނިޔާލިބޭ ފަރާތްތަކުގެ ސިއްރު މައުލޫމާތު ތަކުރާރުކޮށް އާންމުކުރުމާއި ކަންކަން ފޮރުވުމުގައި އިޙްސާންގެ ސީދާ ދައުރު ބޮޑުކަމަށް ވެސް އެމްޑީޕީ މެމްބަރުން ވަނީ ތުހުމަތުކޮށްފައިއެވެ.

އެ ކަންކަން އެހެން އޮއްވައި އެމްޑީޕީން އިޙްސާނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ކުރީގެ އިސް ބައެއް ބޭފުޅުންވެސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް