ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް ރޭ އައްޑުއަށް ވަޑައިގަތުމާ އެކު، ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުން މުޒާހަރާކޮށްފިއެވެ.
އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހެވެ. ނަމަވެސް، އަނެއްކާ ވެސް މިވަނީ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައެވެ.
އެ މައްސަލަ ބޮޑުވެފައި ވަނިކޮށް ފެނަކައިގެ އެމްޑީ އަދި ޑީއެމްޑީ ރޭ ވަނީ އައްޑުއަށް ވަޑައިގެންފައެވެ.
އެއާއެކު އައްޑޫގެ ރައްޔިތުން ވަނީ އެއާޕޯޓު ދޮށަށް އެއްވެ، އެ މައްސަލައިގައި އަޑު އުފުލާފައެވެ. ރައްޔިތުން ވަނީ އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ހައްލުވާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ. އަދި، އައްޑުއަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނި އިންޖީނު ނުވަތަ ޖަނަރޭޓަރު ކޮބައިތީ ސުވާލުކޮށްފައިވެއެވެ.
އަންނަ ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން އިއްޔެ ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު ފަތިސް ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ހުއްޓައި ވެސް މުޅި އައްޑޫއިން ކަރަންޓު ކެނޑުނު ކަމަށެވެ. އޭނާ ވަނީ އެ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އައްޑޫ ސިޓީގެ ކަރަންޓު ކެނޑޭ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. ޚާއްސަ ގޮތެއްގައި މިއީ ރަމަޟާންމަހަށް ވެފައި، ރައްޔިތުންނަށް އެތަކެއް ދަތިތަކެއް އެކަމާހުރެ ކުރިމަތިވަމުންދެއެވެ.
އެކަމާ ގުޅިގެން ފޭސްބުކްގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހުރޫމުކޮށް، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރަން، ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާތީ އައްޑޫ ސީޓިގެ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މީގެ ކުރިން ވަނީ، ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ރައީސަށް އަޒާން ފޮނުވި ސިޓީގައިވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީގެ އާބާދީ 25,062 އަށް އަރައެވެ. އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.