އެމްޑީޕީން މިރޭ ޗާންދަނީ މަގު ހަރުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ހޫނުވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
މި އިހުތިޖާޖުގައި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލިމަނިކު (މޫކޭ)އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމާއި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
އެމްޑީޕީ ހަރުގެ ސަރަހައްދުން މި އިހުތިޖާޖު ފެށުމާއެކު، އެސްއޯ ފުލުހުން ވަނީ ޗާންދަނީމަގުގެ އެއްފަޅީގައި ބެރިކޭޑް ޖަހައި އަނެއް ފަޅީގައި ފުލުހުން ތިބެގެން މަގު ބަންދުކޮށްފައެވެ.

އެމްޑީޕީން ފެށި އިހުތިތާޖު ހޫނުވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައިފި --- ސަން ފޮޓޯ/ މޫސާ ނަދީމް
އިހުތިޖާޖުގެ ބައިވެރިން، މަޖީދީމަގަށް ނިކުންނަން މަސައްކަތް ކުރަނިކޮށް ފުލުހުން ވަނީ ޕެޕާ ސްޕެރޭ ޖަހާފައެވެ. އެވަގުތު އިހުތިޖާޖު ހޫނުވެ އާންމުންނާއި ފުލުހުންގެ ކުރިމަތިލުންތަކެއް ހިނގިއެވެ. އެސަރަހައްދުގައި ތިބި އާންމުން އެވަގުތު ގޮވަމުންދިޔައީ ހާލަތާ ނުބައްދަލު މިންވަރަށް ފުލުހުން ބާރުގެ ބޭނުން ކުރިކަމަށެވެ. އަދި ސުލްހަވެރި އިހުތިޖާޖެއް ކުރުމުގެ ފުރުސަތު ނުލިބޭކަމުގެ ކަންބޮޑުވުން ބައިވެރިން ފާހަގަކުރިއެވެ.
އޭގެފަހުން އިހުތިޖާޖުގެ ބައެއް ބައިވެރިން ވަނީ މަޖީދީމަގާ ޗާންދަނިމަގާ ގުޅުނު ހިސާބަށް ނިކުމެ، ހިނގާލުން ކުރިއަށް ގެންގޮސްފައެވެ. އޭރު ބާކީ ބައިވެރިން ތިބީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކަމަށްވާއިރު، އެހިނގާލުން ކުރިއަށް ގެންދިޔަ ބައެއް ގޯޅިތަކުން ވެސް ފުލުހުން ވަނީ އިހުތިޖާޖަށް ހުރަސް އަޅަން މަސައްކަތްކޮށްފައެވެ.
މި އިހުތިޖާޖުގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކުރީ ސަރުކާރުން ސުޕްރީމް ކޯޓަަށާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުން ދިއުމާ ގުޅޭގޮތުންނެވެ.

އެމްޑީޕީން ފެށި އިހުތިތާޖު ހޫނުވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައިފި --- ސަން ފޮޓޯ/ މޫސާ ނަދީމް
ގިނަ ޕާޓީ އެކުލެވޭ، ދެ ފުށް ފެންނަ ނިޒާމެއް ރާއްޖޭގައި ގާއިމްވުމުގެ ކުރިން، ސަރުކާރުތަކުގެ ކިބައިން ފެނިގެންދިޔަ އަނިޔާވެރިކަން މިއަދުގެ ސަރުކާރުގެ ކިބައިން ފެންނަމުންދާކަމުގެ ކަންބޮޑުވުން އިހުތިޖާޖުގެ ބައިވެރިން ވަނީ ފާޅުކޮށްފައެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ޝަރުތު ފަރާތްތަކަށް ފްލެޓު ދިނުން ލަސްވާ މައްސަލައިގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިހުތިޖާޖުގެ ބައިވެރިން ތަރުކާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފައިވާއިރު، އިހުތިޖާޖު ނިންމާލީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރި ދުއާއަކުންނެވެ.
އިއްޔެ ވެސް އެ ސަރަހައްދުގައި އެމްޑީޕީން ވަނީ ސުލްހަވެރި އިހުތިޖާޖެއް ކުރިއަށް ގެންގޮސްފައެވެ.