ސަރުކާރުން ހުކުރު މިސްކިތުގެ މަރާމާތު ހުއްޓާލައިފި، މިސްކިތުގެ ހާލަތު ވަރަށް ދެރަ: ޔުމްނާ

ހުކުރު މިސްކިތަށް ގެއްލުންވެފައި: ޔުމްނާ ވަނީ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ޔުމްނާ މައުމޫން

މާލޭ ހުކުރު މިސްކިތް މަރާމާތު ކުރުމަށް ތަކެތި ގެނެސްފައިވަނިކޮށް، ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މަރާމާތުކޮށް އާބާތުރަ ފިލުވުމަށް މާލޭ ހުކުރު މިސްކިތް 2019ގެ ސެޕްޓެމްބަރު މަހު ވަގުތީ ގޮތުން ބަންދުކުރިއެވެ. އެއީ ވަރަށް ގަދައަށް ކަތުރުފަނި އަޅައި، މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެ ކަންކަން ރަނގަޅު ކުރުމަށެވެ.

ކުރީ ސަރުކާރުގައި 2019ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ ހުކުރު މިސްކިތް މަރާމާތު ކުރުމުގައި އެހީތެރިކަން ދެއްވުމަށް ވެސް ނިންމަވައިފައެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.

https://sun.mv/120116

އެ މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތްތަކެއް ކުރުމަށް ފަހު 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން ހުޅުވިއެވެ. އޭގެ ފަހުން ވެސް މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މި ސަރުކާރު އައުމާއެކު އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވެ ޔުމްނާވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔުމްނާވަނީ، އެ މަޝްރޫއަށް ބޭނުންވާ ސާމާނު ކުރީ ސަރުކާރުގައި މާލެ ގެނެސްފައިވާ ކަމަށާއި، މިސްކިތުގެ އެތެރެ މަރާމާތު ކުރަން ހަދަން ޖެހޭ އެސެސްމެންޓުތައް ވެސް އޭރު ހަދައި ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓުނު ގޮތަށް ކުރިޔަކަށް ނުދާކަން ފާހަގަ ކުރެއްވިއެވެ.

އަދި ހުކުރު މިސްކިތުގެ ހާލަތު މިހާރު ހުރީ ވަރަށް ދެރަކޮށްކަން ފާހަގަ ކުރައްވައި، އެ މިސްކިތް ރައްކާތެރިކުރުމަށް މި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ މި ފަދަ މުހިންމު އާސާރީ ބިނާތައް ރައްކާތެރި ކޮށްގެން މެނުވީ ގައުމިއްޔަތު ކުރިއެރުވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ޔުމްނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި އާސާރީ ތަންތަން ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރަމުން އައީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ގައުމިއްޔަތަށް ވަކިން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ވައުދާއެކު ކަމަށްވާއިރު، އެ ވައުދުގެ ދަށުން އެ މަނިކުފާނު ވަނީ އެ މިނިސްޓްރީގެ ނަމާއި މަސްއޫލިއްޔަތުތައް ބަދަލުކުރައްވައިފައެވެ. އެގޮތުން ތަރިކައާ ގުޅުންހުރި މަސައްކަތްތައް މިހާރު ބަލަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީންނެވެ.

މާލޭ ހުކުރު މިސްކިތް ބިނާކޮށްފައިވަނީ 1656 ވަނަ އަހަރެވެ. އެއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މިސްކިތް ވެސްމެއެވެ.

comment ކޮމެންޓް