ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބާއްވަނީ

ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމަށް ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ވަނީ، ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް، ޗައިނާގެ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމަށް ޒިޔާރަތް ކުރައްވައި، އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެރިޓޭޖު މިނިސްތަރު ހީނާ ވަލީދު: މިނިސްޓަރު ހީނާ ޗައިނާގެ ޒޭޖިއަންގް މިއުޒިއަމް އޮފް ނެޝަނަލް ހިސްޓްރީއަށް ކުރެއްވި ޒިޔާރަތުގެ ތެރރެއިން --- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

މިނިސްޓްރީން ވަނީ އެ ފަހުމުނާމާގެ ދަށުން، "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިން އެންޑް ނެވިގޭޝަން ޓެކްނޮލޮޖީ، ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިން ޗައިނާ އެންޑް ދި މޯލްޑިވްސް"ގެ ނަމުގައި، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ މައުރަޒެއް ރާއްޖޭގައި ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދީފައެވެ.

މިނިސްޓަރު ހީނާ މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ ގައުމުގެ ޒޭޖިއަންގް މިއުޒިއަމް އޮފް ނެޝަނަލް ހިސްޓްރީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

comment ކޮމެންޓް