ދިވެހި ގައުމިއްޔަތު އޭގެ ހައްގު މަގާމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް އެބަ ކުރެވޭ: ހީނާ

ދިވެހިރާއްޖެ އިސްލާމް ދީން ގަބޫލުކުރިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް، މިނިސްޓަރު ހީނާއާ ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ގައުމިއްޔަތު އޭގެ ހައްގު މަގާމަށް އިއާދަކުރުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމް ދީން ގަބޫލުކުރިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ހީނާވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ހީނާގެ ވާހަކައިގައި، ދިވެހިރާއްޖޭގައި ދަރުމަވަންތަ ރަސްގެފާނު އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ދުވަހަކީ މި ކުޑަކުޑަ، އެހެނަސް ޒަމާންވީ ދިވެހިރާއްޖޭގެ މުޅި ޙަޔާތުގައި ވެސް ހިނގައިދިޔަ އެންމެ މުހިންމު އަދި އެންމެ ބޮޑު ތާރީހީ ހާދިސާކަން ފާހަގަކުރެއްވިއެވެ.

ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު ދިވެހިން އިސްލާމްދީން ޤަބޫލުކުރުމާ ގުޅިގެން މުޖުތަމަޢަށް އައި ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކުރިން ނެތް އެތައް ރަނގަޅު ކަންތައްތަކެއް ތަޢާރަފުވެ، ކުރީގެ ނޭދެވޭ އެތައް ކަމެއް ހުއްޓުމަކަށް އައިކަމީ ދިވެހި ތާރީހުން ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"އިސްލާމީ ދިވެހި ސަގާފަތެއް މިރާއްޖޭގައި ވަނީ އުފަންވެ އަށަގެންފައި. އަޅުގަނޑުމެންގެ ވިސްނުމަށާއި އަޅުގަނޑުމެންގެ ބަހަށް ވަނީ މީގެ ހެޔޮ އަސަރުތައް ކޮށްފައި. މިކަންކަމުން ޚުލާސާ ކުރެވޭ މާނައަކީ، ދިވެހި ގައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީންކަން. ދިވެހި ޤައުމިއްޔަތުގެ އިސްބަހާއަކީ އިސްލާމް ދީންކަން،" ވަޒީރު ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ކުރެވިފައިވާ އާކިއޮލޮޖިކަލް ދިރާސާތަކާއި ތާރީޚީ ހޯދުންތަކުން ދިވެހިރާއްޖެއަކީ އެތައް ހާސް އަހަރެއްވީ ގަދީމީ ދައުލަތެއްކަން ސާބިތުވާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި އެ ޒަމާނުގައި ކާބަފައިން އުޅުނު ގޮތާއި ޤަބޫލުކުރި ކަންކަން އެނގުމުން، އިސްލާމްދީނުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށާއި ގައުމަށް އައި ހެޔޮ ބަދަލުތައް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހި ޝަޚްސިއްޔަތު ހިފެހެއްޓުމަށް ޓަކައި އަދިވެސް އިތުރު ދިރާސާތައް ބޭނުންވާ ކަމަށާއި، އެފަދަ ދިރާސާތައް ކުރާނެ ގާބިލު ދިވެހިން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށެވެ.

comment ކޮމެންޓް