އިހުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި އަދި ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ނިންމަވާފައިވާ ނިންމެވުންތައް ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.
އެގޮތުން ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚުލާގު އަލުން އިޔާދަކުރެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ. އަދި އިހުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގެވުމަށް ނިންމެވިއެވެ. އަދި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިޢާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މީގެއިތުރުން މި މަޝްރޫއު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެވުމަށާއި އަދި މި ކޮމިޓީގައި ތިރީގައިވާ ވުޒާރާތަކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމެނުއްވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން މި މަޝްރޫއުގައި ހިމަނުއްވާ ވުޒާރާތަކަކީ:
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ހަމައެއާއެކު އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއްފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށް ވެސް ވަނީ ނިންމަވާފައެވެ.