ޙަލާލު ތަކެތި ޙަރާމް މަގުން ނުކާށެވެ!

--- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އިންސާނުން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިއްމު އަދި އެންމެ ފުރަތަމަ ކަމަކީ ރަނގަޅު ކާނާ ކެއުމެވެ. ޖިސްމާނީ ދުޅަހެޔޮކަމަށް ޙިއްސީ ކާނާއެވެ. އަދި ރޫޙާނީ ދުޅަހެޔޮކަމަށް މައުނަވީ ކާނާއެވެ. އިނގިރޭސި ބުނުމެއްގައި އޮންނަ "ޔޫއާރ ވަޓް ޔޫ އީޓް" އަދި "ޔޫއާރ ވަޓް ޔޫ ރީޑް" އިން ވެސް މުރާދު ކުރަނީ މި ވާހަކައެވެ.

ރޫޙާނީ ދުޅަހެޔޮކަމަކީ ނަފުސަށް ހޯދައިދޭން ޖެހޭ އެއްޗެކެވެ. އޭގެ މަންޒިލަށް، އާޚިރަތުގެ ގޮވައްޗަށް ވާޞިލުވާ ހިނދު އެ ތަނުގައި އަރާމާއި ޢީޝަތުގައި އުޅެވޭނޭ ގޮތަށް އެ ނަފުސު ތަރުބިޔަތު ކޮށްދެނީ ރޫޙާނީ ކާނާއެވެ. ހަމަ އެފަދައިން ޖިސްމާނީ ދުޅަހެޔޮކަމަކީ ހަށިގަނޑަށް ހޯދައިދޭންޖެހޭ އެއްޗެކެވެ. ޖިސްމުގެ މަންޒިލަކީ ދުނިޔެއެވެ. އެ ތަނުގައި ހަށިހެޔޮކޮށް އުޅެވޭނީ ރަނގަޅު ކާނާ، ރަނގަޅު މިންވަރަށް ކައިގެންނެވެ. އެހެންކަމުން ހަށިހެޔޮދުޅަހެޔޮކަމަކީ މި ދެބައި ފުރިހަމައަށް ތަރުބިއްޔަތުކުރެވިފައި އޮންނަ ދިރިއުޅުމެއްގައި އިންސާނުން އުޅުމެވެ.

ޖިސްމާނީ ދުޅަހެޔޮކަމުން ތަރުބިއްޔަތަށް ކުރާ ބައެއް އަސަރުތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ. ޖިސްމަށް ރަނގަޅު ކާނާ ނުދެވިއްޖެއްޔާ އިންސާނާގެ ހަށިގަނޑަށް އެތައް ގެއްލުމެއް ވެއެވެ. ބަލިވެ ގައިބާރު ދެރަވެއެވެ. ދިރިއުޅުން އުނދަގޫވެއެވެ. އަދި ވަކީން ޚާއްޞަކޮށް އަޅުކަން ކުރުމުގައި މުރާލިވެ، ހީވާގިވުމަށް ވެސް ކާނާއަކީ ޖިސްމަށް މުހިންމު އެއްޗެކެވެ. މި ސަބަބަށް ޓަކައި ޚާލިޤުލް-ކައުނައިނި ވަނީ އިންސާނާއަށް ބޭނުންވާ ތަކެތިން އެންމެ ހެޔޮ ރިޒްޤު އޭނާއަށް ލިބޭނޭގޮތަށް ބިންގަނޑު ތަނަވަސް ކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ وَإِلَيْهِ النُّشُورُ﴾ (الملك: ١٥)‏ މާނައީ: އެކަލާނގެއީ، ތިޔަބައިމީހުންނަށް ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒްޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުން ވަނީ، އެކަލާނގެ ޙަޟްރަތައަށެވެ.

ރަސޫލު ﷲ صلَّى اللهُ عليه وسلَّمَ ޙަދީޘްކުރެއްވިއެވެ. "ما أكَلَ أحدٌ طعامًا قطُّ خيرًا مِن أنْ يأكُلَ مِن عملِ يدِه" (البخاري) މާނައީ: އެ މީހެއްގެ އަމިއްލަ މަސައްކަތުން ހޯދައިގެން، ކޭ އެއްޗަކަށް ވުރެ ހޮޔޮ އެއްވެސް އެއްޗެއް މީހަކު ކާކަމުގައި ނުވެއެވެ."

ހަމަ އެފަދައިން ޙަލާލުތަކެތި ކެއުމާއި އެނޫން ތަކެތި ކެއުމުން ދުރުހެލިވުމަށް ﷲ ވަނީ އަންގަވައިފައެވެ. ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ ހަކަތަ ލިބިގަތުމަށް ކައިބޮއި އުޅޭއިރު، ޙަރާމް ތަކެތި އިސްތިޢުމާލު ކޮށްގެން ނުވާނެއެވެ. ޙަލާލު ތަކެތި ދޫކޮށް ޙާރާމް ތަކެތި ކައިބޮއިއުޅޭ ނަމަ މާތްރަސްކަލާނގެ ކޯފާ އެ މީހާގެ މައްޗަށް އައިސް ޖެހިދާނެއެވެ. އެއިލާހުގެ ޙަޟްރަތުން ކޯފާއެއް އައި މީހާގެ ދުނިޔެއާއި އާޚިރަތް ބަރުބާދުވާ ހުއްޓެވެ. ﷲ ވަޙީކުރައްވިއެވެ. ﴿ كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ﴾ ‏ (طه: ٨١)‏ މާނައީ: "ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ޙަލާލު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާ ހުށްޓެވެ. އަދި އެ މީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެ މީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ."

ޙަރާމް ތަކެއްޗަކީ ކެއުމަށް ޓަކައި ޙަރާމް ކަމުގައި ކަނޑުއަޅުއްވައިފައިވާ އޫރުމަހާއި، ރާއާއި، މުޅަތަކެއްޗާއި، މިނޫން ވެސް އެހެން ތަކެތި އެކަންޏެއް ނޫނެވެ. ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުން ޙަލާލު ކަމުގައި ކަނޑައަޅުއްވައިފައިވާ ތަކެތި ވެސް، ޙަރާމް މަގަކުން ހޯދައިފި ނަމަ، އެ އެއްޗެއް ހިމެނޭނީ، އެ މީހަކު ކެއުމަށް ޙަރާމް ތަކެތީގެ ގޮތުގައެވެ. ޙަރާމް ތަކެތި ކައިގެން މީހެއްގެ ގައިގައި ޖަހާ މަހަށް އެންމެ އައުލާ ވެގެންވަނީ ނަރަކައިގެ އަލިފާންކަމުގައި ނަބަވީ އިންޒާރުގައި ވެއެވެ. އެހެންކަމުން މުދާ ހޯދުމާއި ރިޒުޤު ހޯދުމުގައި ޙަލާލު މަގުތައް ޚިޔާރުކުރުން މޮޅު އިތުރު ވެގެންވެއެވެ.

ދަންނާށެވެ! ޤިޔާމަތްދުވަހު އެއްވެސް މީހެއްގެ ފައި ހުރިތަނުން ގުޑުވައިލެވޭނީ ހަތަރު ކަމަކާ މެދު ސުވާލު ކުރެއްވުމަށް ފަހުގައެވެ. އެއީ އޭނާގެ އުމުރާ މެދު، އެ އުމުރު ހޭދަކުރީ ކޮން ކަމެއްގައިތޯއެވެ! އަދި އޭނާއަށް ދެއްވި ޢިލްމުން ކުރީ ކޮން ބޭނުމެއްތޯއެވެ! އަދި އޭނާގެ މުދާ ހޯދީ ކޮން ގޮތަކަށްތޯއެވެ! އަދި އެ މުދާ ހޭދަކުރީ ކޮން ކަމެއްގައިތޯއެވެ!
އެހެންކަމުން މި އުންމަތުގެ އެންމެ ހެޔޮ ބޭކަލުން ޙަރާމް ތަކެތި ފަރީއްކުޅުއްވުމުންނާއި އެބައިމީހުންގެ އަހުލުންނަށް ޙަރާމް ތަކެތި ދިނުމުން އެއްކިބާވެ ބަރީޢަ ވެވަޑައިގެން ތިއްބެވިއެވެ. ކަމުގެ ނުބައިކަން ބޮޑުކަމުން، އެނގިވަޑައިގަތުމަކައިނުލާ ޙަރާމް އެއްޗެއް ފަރީއްކުޅުއްވިއްޖެ ނަމަ އެ އެއްޗެއް ހަށިކޮޅުން ނެރެ އެއްލައިލައްވަތެވެ. އަރުފުޅަށް އިނގިލިކޮޅު ލައްވަވައި ހޮޑުލައްވަވައި އުޅުއްވިއެވެ.
އެއްދުވަހަކު އަބޫބަކުރުގެފާނު އަރިހަށް އެކަލޭގެފާނުގެ ޤުލާމަކު އައިސް ކާއެއްޗެއް އެރުވިވެ. އަދި އެތަނުން އެއްޗެއް ފަރީއްކުޅުވުމަށް އެކަލޭގެފާނު އަރިހުން އެ ކުއްޖާ އެދުނެވެ. ދެން ފަހެ، އަބޫބަކުރުގެފާނު އެތަނުން އެއްޗެއް ފަރީއްކުޅުއްވުމުން އެ ކުއްޖާ ސުވާލުކުރިއެވެ. ތިޔަ ފަރީއްކުޅުއްވުނީ ކޮންއެއްޗެއްކަން ދެނެވަޑައިގަންނަވަމުތޯއެވެ؟ ތިޔައީ ތިމަންނާ ޖާހިލިއްޔަ ޒަމާނުގައި އެވެނި މީހަކަށް މަކަރާހީލަތް ހަދާ އޮޅުވާލައިގެން ހޯދާފައިވާ އެއްޗެކެވެ. އެ ހިނދު އެކަލޭގެފާނު އަރުފުޅަށް އިނގިލިފުޅުލައްވަވައި ގޮހޮރުފުޅުގައި ހުރި ހުރިހާ އެއްޗެއް ބޭރުވަންދެން ހޮޑުލެއްވެވިއެވެ. އަޅުގަނޑުމެން މިއަދު އެހެންތޯ؟ ޙަލާލެއް ޙަރާމެއް ބެލުމެއް ނެތި އަރުން އެތެރެވާ ކޮންމެ އެއްޗެއް ކެއުމުގައި އެއްވެސް ބިރެއްނެތި ހަމަޖެހިގެން މި ތިބެނީ ނޫންތޯއެވެ؟
ޞާލިޙު އެހެން ބޭފުޅަކު އޭނާގެ އަނބިމީހާއަށް ދަންނަވާކަމުގައި ވެއެވެ. އޭ އަނބިކަމަނާއެވެ. ތިމަންމެންގެ ރިޒްޤައިގެން ﷲއަށް ބިރުވެތިވެލައްވައްޗެވެ. (މާނައަކީ، ކަމަނާ ވެސް އަދި ދަރިން ވެސް ކައިއުޅޭ ތަކެއްޗަށް ސަމާލުވެލައްވައްޗެވެ.) ހަމަކަށަވަރުން ބަނޑުފުރާނައިގެ ހައިހޫނުކަމަށް ކެތްކުރެވިދާނެއެވެ. އެހެނަސް ނަރަކައިގެ ހޫނަށް ކެތެއް ނުކުރެވޭނެއެވެ.

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ހަރާމްތަކެތި ކެއުމަކީ ހާދަހައިވައި ނުބައި ކަމެކެވެ. ތިބާގެ ޖިސްމު ހަށިހެޔޮދުޅަހެޔޮކަން މަތީ ބަހައްޓަން ބޭނުމިއްޔާ ޙަލާލު ތަކެތި ނޫނީ ނުކާށެވެ. އަނބިދަރީންނަށް ވެސް ޙަރާމް އެއްޗެއް ނުދޭށެވެ. އެ ކުދިންގެ ހަށިގަނޑު މިއަދު ބޮޑު ކުރަނީ މާދަމާ ނަރަކަޔައް އެއްލައިލަން ކަމުގައި ނުހަދާށެވެ. ޙަލާލު ތަކެތި އެކަނި ކައިބޮއެ ހެދުމަށް އެ ކުދިން ހާނާށެވެ. މާތް ﷲގެ ކޯފާއިން މިންޖުވެ ތިބެވޭނީ އޭރުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް